Roadha Mihaaru
އަފްގާނުގެ އަންހެން ފަނޑިޔާރުން ގެއަށް

އަފްގާނުގެ އަންހެން ފަނޑިޔާރުން ގެއަށް

20 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އަންހެން ފަނޑިޔާރުން، ކޯޓުތަކުގެ ވަޒީފާ އަށް ނުނިކުމެ ގޭގައި މަޑުކުރަން، ތާލިބާނުންގެ އާ ސަރުކާރުން އަންގައިފި އެވެ.

އަފްގާނިސްތާނުގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އަންހެން ފަނޑިޔާރުން، ކޯޓުތަކުގެ ވަޒީފާ އަށް ނުނިކުމެ ގޭގައި މަޑުކުރަން، ތާލިބާނުންގެ އާ ސަރުކާރުން އަންގައިފި އެވެ.

އަފްގާނިސްތާނުގެ އެކި މަރުހަލާތަކުގެ ކޯޓުތަކުގައި 250 އަށް ވުރެ ގިނަ އަންހެން ފަނޑިޔާރުން އައީ ފަނޑިޔާރުކަން ކުރަމުންނެވެ. ތާލިބާނުން އުފެއްދި ސަރުކާރުގެ ފަރާތުން، އެ މީހުން ކޯޓުތަކަށް ނުކުތުން މަނާކުރުމާ ގުޅިގެން، ވަރަށް ގިނަ އަންހެން ފަނޑިޔާރުން މިހާރު ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ތާލިބާނުން އަފްގާނިސްތާނުގެ އެކި ސަރަހައްދުތައް ހިފަމުން ދިޔަ އިރު، ކޮންމެ ޕްރޮވިންސެއް ވެސް ހިފަމުން ދިޔަ އިރު ކުރި އެއް ކަމަކީ، އެ ތަނެއްގައި ހުންނަ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ކުށްވެރިން މިނިވަންކޮށް ދޫކޮށްލުމެވެ. މިގޮތަށް ޖަލުތަކުން މީހުންތައް ދޫކުރުމުގައި، އެމީހުންގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަށް ނުވަތަ އެމީހުންނަށް އިއްވާފައިވާ ހުކުމްގެ މުއްދަތަށް އެއްވެސް ވަރަކަށް ނުބަލަ އެވެ.

އެހެންކަމުން، ޖަލުން މިނިވަންވި މީހުންގެ ތެރެއިން، އަންހެން ފަނޑިޔާރުންގެ ހުކުމްތަކުން ޖަލަށް ވަންނަން ޖެހުނު މީހުން، އެ ފަނޑިޔާރުންގެ ފަރާތުން ބަދަލު ހިފަން ނުކުމެދާނެ ކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑަށް އުފެދިފަ އެވެ.

ވަޒީފާ ގެއްލުނު އެއް ފަނޑިޔާރެއް ކަމަށްވާ ނަބީލާ، ސީއެންއެން އަށް ބުނި ގޮތުގައި އަންހެން ފަނޑިޔާރުން މިހާރު ޖެހިލުންވެ ބިރުގަންނަނީ ހަމައެކަނި ތާލިބާންގެ ހަނގުރާމަވެރިންގެ ފަރާތުން ކުރިމަތިވެދާނެ އަނިޔާވެރިކަމަކަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި ޖަލުން މިނިވަންވި މީހުންގެ ބަދަލުހިފުމުގެ ގޮތުން ކޮށްފާނެ ކަމަކާ މެދު ވެސް ވަރަށް ބޮޑަށް ބިރުގަނެ އެވެ.

އޮގަސްޓް މަހު މެދުތެރޭގައި ތާލިބާނުން އަފްގާނިސްތާނުގެ އެކި ސަރަހައްދުތައް ހިފަން ފެށުމާ އެކު، އެ ގައުމުގެ ވަރަށް ގިނަ އަންހެން ފަނޑިޔާރުން ވަނީ ގައުމު ދޫކޮށް އެއްގަމު މަގުންނާއި ވައިގެ މަގުން އެކި ގައުމުތަކަށް ގޮސްފަ އެވެ. އަދި މިހާތަނަށް ފިލައިގެން ނުދެވުނު އަންހެން ފަނޑިޔާރުން މިހާރު އުޅެނީ ފިލައިގެން ކަމަށް ވެސް، އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އަމިއްލަ ޖަމިއްޔާތަކުން ބުނެ އެވެ.

އަފްގާނިސްތާނުގެ ކޯޓުތަކުގައި މަސައްކަތް ކުރެއްވި ބައެއް ފަނޑިޔާރުން ބުނި ގޮތުގައި، ތާލިބާނުން ވެރިކަމަށް އައުމާއެކު، މަގާމުން ދުރުކުރީ އަންހެން ފަނޑިޔާރުން އެކަންޏެއް ނޫނެވެ. ވަރަށް ގިނަ އަދަދެއްގެ ފިރިހެން ފަނޑިޔާރުން ވެސް މަގާމުން ވަކިކޮށް، ތާލިބާނުން ބޭނުންވާ ބަޔަކު މިހާރު ވަނީ ކޯޓުތަކުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކޮށްފަ އެވެ.

އަންހެން ފަނޑިޔާރުންނާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ބުނި ގޮތުގައި، ކޯޓުތަކުގައި ތިބި ފިރިހެން ފަނޑިޔާރުން މަގާމުތަކުން ވަކިކޮށްފައި ވިޔަސް، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ، މަގާމުން ވަކިކުރި އަންހެން ފަނޑިޔާރުންނަށެވެ. ސަބަބަކީ، އަންހެނުންނާ ގުޅިފައިވާ ގާތްގަނޑަކަށް ހުރިހާ މައްސަލަތަކެއް ބަލައި ނިޔާ ކަނޑައަޅާފައިވަނީ އަންހެނުންނެވެ.

އޭގެ ތެރޭގައި އަންހެނުންނާ ދެކޮޅަށް ހިންގާފައިވާ ގެވެށި އަނިޔާގެ ކުށްތަކާއި ރޭޕް ކުރުމާއި އަންހެނުން މެރުމުގެ ކުށްތަކާއި، ޖިންސީ ގޯނާގެ މައްސަލަތައް ބަލައި، އެފަދަ ކުށްތަކުގައި ކުށްވެރިވި ފިރިހެނުންގެ މައްޗަށް ނިޔާ ކަނޑައަޅާފައިވަނީ އަންހެން ފަނޑިޔާރުންނެވެ. ތާލިބާނުން ޖަލުން މިނިވަން ކުރި މީހުންގެ ތެރޭގައި، އެފަދަ ކުށްތައް ސާބިތުވެފައިވާ އެންމެން ވެސް ހިމެނޭތީ، އެމީހުންގެ ފަރާތުން ބަދަލު ހިފުމުގެ އަމަލުތަކެއް ފެނިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި އަފްގާނިސްތާނުން ބޭރު ނުވެވިފައި މިހާރު ތިބި އަންހެން ފަނޑިޔާރުން، އެގައުމުން ބޭރުކުރެވޭނެ ގޮތްތަކެއް ހަމަޖެހޭތޯ އެ ޖަމިއްޔާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ވަގުތު ފާއިތު ނުވަނީސް، މިކަމުގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.