Roadha Mihaaru
އަފްޣާނު މަޖިލީހުގެ ކުރީގެ އަންހެން މެންބަރު މަރާލައިފި

އަފްޣާނުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ އަންހެން މެންބަރަކު މަރާލައިފި

16 ޖެނުއަރީ 2023

އަފްޣާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ އަންހެން މެމްބަރެއް ކަމަށްވާ މުރްސަލް ނަބީޒާދާ އާއި އޭނާގެ ހަށިފާރަވެރިޔާގެ ގަޔަށް ބަޑި ޖަހައި، މިދިޔަ އާދީއްތަ ވިލޭރޭ ދަންވަރު މަރާލައިފި އެވެ.

އަފްޣާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ އަންހެން މެމްބަރެއް ކަމަށްވާ މުރްސަލް ނަބީޒާދާ އާއި އޭނާގެ ހަށިފާރަވެރިޔާގެ ގަޔަށް ބަޑި ޖަހައި، މިދިޔަ އާދީއްތަ ވިލޭރޭ ދަންވަރު މަރާލައިފި އެވެ.

އަފްޣާނިސްތާނު ފުލުހުން ބުނި ގޮތުގައި މުރްސަލް އާއި އޭނާގެ ގާތްތިމާގެ މީހުންނާ އެކު ގޭގައި އުޅެނިކޮށް، އާދީއްތަ ވިލޭރޭ ދަންވަރު 3:00 ހާއިރު، އެ ގެއަށް ވަދެގަތީ ކޮން ބައެއްކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ވެރިރަށް ކާބުލްގެ ފުލުހުންގެ އިދާރާގެ ވެރިޔާ މައުލަވީ ހަމީދުﷲ ޚާލިދު ވިދާޅުވި ގޮތުގައި މި ހާދިސާގައި މުރްސަލްގެ އިތުރު ހަށިފާރަވެރިއަކާއި މުރްސަލްގެ ބޭބެއެއް ޒަޚަމްވި އެވެ. އަދި އެ ހާދިސާ ހިނގުމާއެކު، އެ ގޭގެ ސަލާމަތީ ކަންތައް ބަލަހެއްޓުމާ ހަވާލުވެ ހުރި މީހާ ވަނީ، މުރްސަލްގެ ގަހަނާތަކާއި ގޭގައި ހުރި ފައިސާތައް ހިފައިގެން ފިލައިފަ އެވެ.

މުރްސަލް، އަފްޣާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރެއްވީ، ހުޅަނގުގެ ގައުމުތަކުގެ އެހީގައި އަފްޣާނިސްތާނުގައި ގާއިމުކޮށްފައި އޮތް ސަރުކާރުން ވެރިކަން ކުރި ދުވަސްވަރު އެވެ. ގާނޫނު ހަދާ މަޖިލީހަށް އޭނާ އިންތިޚާބުވީ، 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި، ވެރިރަށް ކާބުލް ދާއިރާ އިންނެވެ.

ވިހި އަހަރު ވަންދެން އަފްޣާނިސްތާނު އަޅުވެތިކޮށްގެން ތިބުމަށް ފަހު، އޮގަސްޓް 2021 ގައި، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާއެކު، ތާލިބާނުންގެ ހަނގުރާމަވެރިން ވަނީ ސަރުކާރު ސިފައިން ބަލިކޮށް އެ ގައުމަށް އަތް ގަދަކޮށްފަ އެވެ. ތާލިބާނުން އަފްޣާނިސްތާނު ހިފުމާއެކު، ގާނޫނު ހަދާ މަޖިލިސް އުވައިލުމުން، އެ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖްރަކޮށްފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ހުރިހާ އަންހެން މެމްބަރުން، ގައުމުން ބޭރަށް ވަޑައިގެންނެވި ނަމަވެސް، މުރްސަލް އިޚްތިޔާރު ކުރެއްވީ ގައުމުގައި ގާއިމުވެ ހުންނަވައި، ރައްޔިތުންނާއި އަންހެނުންގެ ހައްގުތަކަށްޓަކައި މަސައްކަތް ކުރައްވާށެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ އެހެން މެމްބަރެއް ކަމަށްވާ މަރިޔަމް ސުލައިމާން ކީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުރްސަލްއަކީ އަފްޣާނިސްތާނުގެ ބިރު ކުޑަ ޗެމްޕިއަނެއް ކަމަށެވެ.

"އޭނާއަކީ ހަގީގީ މޭސްތިރިއެއް. އޭނާއަކީ ވަރުގަދަ އަދި، އެންމެ ނުރައްކާތެރި ހާލަތްތަކުގައިވެސް، އޭނާ ގަބޫލު ކުރައްވާ ގޮތެއްގައި ސާބިތުވެ ހުންނަވައ، ސާފު ބަހުން ބަސް ވިދާޅުވާ ބޭފުޅެއް. އަފްޣާނިސްތާނު ދޫކުރައްވައި ބޭރަށް ވަޑައިގަތުމަށް ހުށަހެޅުންތައް ލިބުމުން ވެސް، އޭނާ އިޚްތިޔާރު ކުރެއްވީ، ގައުމުގައި ދެމިހުންނަވައިގެން ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވަން،" މަރިޔަމް ސުލައިމާން ކީލް ވިދާޅުވި އެވެ.