Roadha Mihaaru
ހުޅުމާލޭ ހޮސްޕިޓަލުން އައިސީޔޫއާއެކު ހިދުމަތް ފުޅާކުރަނީ

ހުޅުމާލޭ ހޮސްޕިޓަލްގައި އައިސީޔޫއަކާއެކު، އަންނަ އަހަރު ހިދުމަތްތައް ފުޅާކުރަނީ

14 ޑިސެމްބަރ 2021

ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލްގައި އައިސީޔޫއަކާއެކު، އަންނަ އަހަރު ހިދުމަތްތައް ފުޅާކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލްގައި އައިސީޔޫއަކާއެކު، އަންނަ އަހަރު ހިދުމަތްތައް ފުޅާކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ސީއީއޯ މާރިޔާ ސައީދު މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް 300 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ ތެރޭގައި، ހަ ބުރީގެ އިމާރާތް އެއްކޮށް ބޭނުންކުރަން ފެށުމާއި އިތުރު ޑޮކްޓަރުން ހޯދުން ހިމެނެ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށުމާއެކު، އެންމެ ބޮޑު ޑިމާންޑެއް އުފުލިފައިވާ އެއް ތަނަކީ ވެސް ހުޅުމާލޭ ހޮސްޕިޓަލެވެ.

މާރިޔާ ވެސް ވިދާޅުވީ ހުރިހާ ހިދުމަތެއްގެ ބާރު ބޮޑުވެފައިވާއިރު، މިހާރު ދޭ ހިދުމަތްތައް ފުޅާކުރުމަށް ގިނަ ބަޔަކު އެދޭ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ، މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ، މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެހެންވެ، ނުލިބޭ ހިދުމަތްތައް ތައާރަފު ކުރަން އަންނަ އަހަރަށް ވަނީ ރާވައިފަ އެވެ.

"މި ވަގުތު ނެތް އައިސީޔޫ ފެސިލިޓީއެއް. ނަމަވެސް ކުރިއަށް އޮތް ތަނުގައި ޕްލޭން ކުރެވިފައި އެބައިން އައިސީޔޫ ހަދަން. އަންނަ އަހަރުގެ ކޮންމެ ވެސް ހިސާބެއްގައި މަސައްކަތް ފެށޭނެ ކަމަށް ރާވާލާފައި މި އޮތީ. މި ވަގުތު މި ހުރީ އެންމެ އޮޕަރޭޝަން ތިއޭޓަރެއް. އެކަމަށް ވެެސް އިތުރު ތިއޭޓާސް ހެދުމަށް އަންނަ އަހަރަށް ބަޖެޓު ހަމަޖެހިފައި އޮތީ،" މާރިޔާ ވިދާޅުވި އެވެ.

ހާލު ދެރަ މީހުންނަށް ފަރުވާ ދޭނެ އައިސީޔޫއެއް މީގެ ކުރިން ހުޅުމާލޭ ހޮސްޕިޓަލުގައި ހުއްޓެވެ. އެކަމަކު ފަހުން އެ ތަން ބަދަލުކުރީ ޑައިލިސިސް ޔުނިޓެކެވެ.

ހުޅުމާލެއަކީ މަގުމަތީގެ އެކްސިޑެންޓުތައް ގިނަ ތަނަކަށް ވުމުން، އިމާރާތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އިމަޖެންސީ ރޫމް ބޮޑުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ފަރުވާ ދޭ އެންއައިސީޔޫ އަކާއި އިތުރު އޮޕަރޭޝަން ތިއޭޓަރެއް ހަދަން ބަޖެޓުގައި ހިމަނާފައި ވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ބަލި މީހަކު ގެންދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ބަލި މީހަކު ގެންދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ބައެއް ފަހަރު ކޮމްޕްލިކޭޓެޑް ޕްރެގްނެންސީ ކޭސަސް ނަގަން އުނދަގޫވޭ އެންއައިސީޔޫއެއް ނެތީމާ. ކުޑަކުއްޖާ އަށް ދޭންޖެހޭ ހާއްސަ ފަރުވާ ނެތީމާ. ބައެއް ފަހަރު ރިފާކުރަން އައިޖީއެމްއެޗަށް،" މާރިޔާ ވިދާޅުވި އެވެ.

"ޖާގަ އެންމެ ދަތި ކަމަކީ. ބޮޑުކުރަން، ފުޅާކުރަން ހިދުމަތްތަކުގެ ވޮލިއުމް ބޮޑުކުރަން މާ ބޮޑު ސްޕޭސްއެއް ނެތް،"

ފާއިތުވި ދުވަސްތަކުގައި ވެސް އެ ހޮސްޕިޓަލުގައި އެންމެ ބޮޑު ކިއުއެއް އޮތީ ޗައިނާ ސަރުކާރުގެ އެހީގައި ގާއިމްކުރި ލޮލުގެ ފަރުވާދޭ ސެންޓަރަށް ދެއްކުމަށެވެ. އެ ތަނަށް ދެއްކުމަށް 900 އަށް ވުރެ ގިނަ މީހުން ވެއިޓިން ލިސްޓުގައި އޭރު ތިއްބެވެ. އެކަމަކު، ސަރުކާރުގެ މައި ހޮސްޕިޓަލާ ހިލާފަށް ހުޅުމާލޭ ހޮސްޕިޓަލުން ގިނަ ވެގެން ދެ ހަފުތާގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރަކަށް ދެއްކޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު މަޝްވަރާ ކުރަމުން އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، އެއް ބޯޑެއްގެ ދަށުން ހިންގާ ހުޅުމާލެ އަދި އައިޖީއެމްއެޗްގެ ހިދުމަތްތައް ގުޅިގެން ދިނުމަށެވެ.