Roadha Mihaaru
ހުޅުމާލޭ ހޮސްޕިޓަލުގައި ވެންޓިލޭޓަރެއް ނެތް!

ހުޅުމާލޭ ހޮސްޕިޓަލްގައި ވެންޓިލޭޓަރެއް ނެތް!

11 ޖޫން 2018

ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް މިހާރު ހިނގަމުން ދާ ހުޅުމާލޭގައި ހުރި ސަރުކާރުގެ ހޮސްޕިޓަލްގައި އަވަސް ފަރުވާ ދޭން ވެންޓިލޭޓަރެއް ނެތް ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް މިހާރު ހިނގަމުން ދާ ހުޅުމާލޭގައި ހުރި ސަރުކާރުގެ ހޮސްޕިޓަލްގައި އަވަސް ފަރުވާ ދޭން ވެންޓިލޭޓަރެއް ނެތް ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި، މުހައްމަދު ސޮބާހް ހުސެއިން 24، އަށް ވެންޓިލޭޓަރުން ފަރުވާދިނުމަށް ޑޮކްޓަރުން ލަފާ ދިން ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލުގައި އޮޓޮމެޓިކް ވެންޓިލޭޓަރެއް ނެތެވެ. އެކަމަކު އެވަގުތު ދެވެން އޮތް އަވަސް ފަރުވާ އެ ޒުވާނާއަށް ދިން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެ ހޮސްޕިޓަލުން އިތުރު ފަރުވާއެއް ދެވެން ނެތުމުން ހޮސްޕިޓަލުން ނިންމީ ސޮބާހަށް އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ފޮނުވުމަށެވެ. ނަމަވެސް އާއިލާ އިން ބޭނުންވެގެން ސޮބާހް ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. ސޮބާހު މަރުވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ވެންޓިލޭޓާ އަކީ ނޭވާލާން އުނދަގޫވާ ނަމަ ނުވަތަ އަމިއްލަ ޒާތުގައި ނޭވާ ނުލެވޭ ނަމަ ނޭވާ ލާން އެހީވެދޭ މެޝިނެކެވެ. ނޭވާ ނުލެވޭ ހާލަތުގައި ތިބޭ މީހުންގެ ފުއްޕާމޭގެ މަސައްކަތް އެ މެޝިނުން ކޮށްދެ އެވެ. އޭގެ ސަބަބުން އެ މީހެއްގެ ހަށިގަނޑަށް އޮކްސިޖަން ލިބި ބަލި ފަސޭހަވެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލްގައި އޮޓޮމެޓިކް ވެންޓިލޭޓަރެއް ނެތުމުން ބަލި މީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރަނީ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލް--

ހުޅުމާލޭ ހޮސްޕިޓަލް--

"އަޅުގަނޑުމެން އަވަސް ފަރުވާ ދެން. އިތުރު ފަރުވާ ދޭން ޖެހޭ ނަމަ [އެހެން ހޮސްޕިޓަލަކަށް] ޓްރާންސްފާ ކުރަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން އިތުރު ފަރުވާއަށް އާންމުކޮށް ފޮނުވަނީ އައިޖީއެމްއެޗަށާއި އޭޑީކޭ ހޮސްޕިޓަލަށެވެ. ސީ އެމްބިއުލާންސްގައި ބަލި މީހާ ކަނޑުމަގުން ހުޅުމާލެ އިން މާލެ ގެންނައިރު ހޮސްޕިޓަލާ ހަމައަށް ދިއުމަށް 15 މިނިޓާއި 20 އަކަށް މިނިޓު ހޭދަވެ އެވެ. ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގެ އަގު ބޮޑުކަމުން އެތަނުން ފަރުވާ ހޯދުމަކީ ގިނަ ބަޔަކަށް ދަތިކަމެކެވެ.

"ހުޅުމާލެ އަކީ އެތައް ހާސް ބަޔަކު [ގާތްގަނޑަކަށް 70،000 މީހުން] އުޅޭ ތަނެއް. ގިނަ އެކްސިޑެންޓްތައް ހިނގާ އަވަށެއް. އެހެންވީމަ ވެންޓިލޭޓާއެއް ހުރުމަކީ މަސްޓެއް،" އަވަސް ފަރުވާ ދިނުމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ ޑޮކްޓަރަކު ވިދާޅުވި އެވެ.