Roadha Mihaaru
ސޮނާކްޝީ އާއި ޒަހީރަކީ "ބެސްޓް ފްރެންޑްސް"

ސޮނާކްޝީ އާއި ޒަހީރަކީ "ބެސްޓް ފްރެންޑްސް"

12 ޑިސެމްބަރ 2021

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އާއި ބަތަލު ޒަހީރު އިގްބާލްގެ ރައްޓެވިގެންގެން އުޅޭކަމުގެ އަޑުތަކެއް ކުރިން ވެސް އަރާފައި ވަނިކޮށް މި ދެ މީހުންގެ ގުޅުމުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އާއި ބަތަލު ޒަހީރު އިގްބާލްގެ ރައްޓެވިގެންގެން އުޅޭކަމުގެ އަޑުތަކެއް ކުރިން ވެސް އަރާފައި ވަނިކޮށް މި ދެ މީހުންގެ ގުޅުމުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފަށައިފި އެވެ.

ޒަހީރުގެ 33 ވަނަ އުފަން ދުވަހާ ދިމާކޮށް އެކީގައި ނަގާފައިވާ ފޮޓޯތަކަކާ އެކު އިންސްޓަގްރާމްގައި ތަހުނިޔާ ކިޔަމުން ސޮނާކްޝީ ކުރި ޕޯސްޓަކާ އެކު ދެ މީހުންގެ ގުޅުން މިހާރު ވަރަށް ހާއްސަ ކަމަށް ފޭނުން ވެސް ގަބޫލުކުރެ އެވެ. އެ ޕޯސްޓްގައި ސޮނާކްޝީ ފާހަގަކޮށްފައިވާ ގޮތުގައި ޒަހީރަކީ "ބެސްޓް ފްރެންޑް" އެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ ބޮލީވުޑްގެ ތަރިންނަކީ ގިނަ ފަހަރަށް ކައިވެންޏާ ހަމައަށްދާ އިރު ވެސް، އެ މީހުންގެ ގުޅުންތައް ސިއްރުކޮށް މީޑިއާތަކުގައި އެ މީހުންގެ ލޯބީގެ ގުޅުންތަކުގައި "ޖަސްޓް ފްރެންޑްސް" އާއި "ބެސްޓް ފްރެންޑްސް" ނުވަތަ ހަމަ "ފްރެންޑްސް" ގެ ބޯޑު އަޅުވައިގެން ތިބޭ ބައެއް ކަމެވެ.

ގިނަ ބަޔަކު މިހާރު ސޮނާކްޝީ އާއި ޒަހީރުގެ ގުޅުމާ ދޭތެރޭ ވެސް ދެކެނީ އެހެންނެވެ. ގިނަ ބަޔަކު ބުނަނީ އަލިފާނާ ނުލައި ދުމެއް ނާރާނެތީ، އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމުގެ ވާހަކަތައް ވެސް ސަބަބަކާ ނުލައި ނުދެކެވޭނެ ކަމަށެވެ. ޒަހީރަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން ސޮނާކްޝީ ކުރި ޕޯސްޓުން ހަގީގަތުގައި ވެސް އެ ދެ މީހުންގެ މެދުހައި "ވަރަށް ހާއްސަ" ގުޅުމެއް އޮތްކަމުގެ ބެލުމުގެ ފުރުސަތު ބޮޑެވެ.

ސޮނާކްޝީގެ އެ ޕޯސްޓަށް ޒަހީރު ދެތިން ކޮމެންޓެއް ވެސް ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ކޮމެންޓްގައި ބުނެފައި އޮތީ ސޮނާކްޝީ ބުނި ގޮތަށް "އެއީ ތިމަންނަގެ ބެސްޓް ފްރެންޑޭ" އޭ އެވެ. އެހެން ކޮމެންޓެއްގައި "މިހާރު ރަސްމީކޮށް އެއީ ތިމަންނަގެ ބަތަލާއެކޭ ބުނެވިދާނެ" ކަމަށް ވެސް ބުނެފައިވެ އެވެ.

ސޮނާކްޝީ އާއި ޒަހީރު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ޑަބަލް އެކްސްއެލް" ގެ ޝޫޓިން ވެސް މި ހަފުތާގައި ނިންމާލައި އެކަން އޭގެ ޓީމުން އިއުލާން ކޮށްފައިވެ އެވެ. މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ހުމާ ގްރޭޝީ ވެސް ހިމެނެ އެވެ. "ޑަބަލް އެކްސްއެލް" އަކީ ޒަހީރު ކުޅުނު ދެވަނަ ފިލްމެވެ.

އޭނާ ބޮލީވުޑަށް ނެރުނީ ސޮނާކްޝީ ވެސް ބޮލީވުޑަށް ނެރުނު ސަލްމާން ޚާނެވެ. އެއީ ސަލްމާން ޕްރޮޑިއުސްކޮށް 2019 ގައި ގެނެސްދިން "ނޯޓްބުކް" އިންނެވެ. އެ ފިލްމަކީ އެކްޓަރު މޯނިޝް ބޭލްގެ ދަރިފުޅު ޕްރަނޫޓާން ބޭލް ވެސް އެކްޓިން އަށް ނުކުތް ފިލްމެވެ.

ސޮނާކްޝީ އާއި ޒަހީރާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ކަށަވަރުކޮށް އެއްޗެއް ބުނަން ނޭނގުނަސް މި ދެ މީހުންގެ ގުޅުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވިފައި ވަނީ 2018 ގަ އެވެ.