Roadha Mihaaru
ނޯރާގެ ބައިވެރިޔަކީ ގްރޫ؟

ނޯރާގެ ބައިވެރިޔަކީ ގްރޫ؟

13 ޑިސެމްބަރ 2021

ބޮލީވުޑްގެ މިހާރުގެ އެންމެ މަޝްހޫރު "އައިޓަމް ގާލް" ނޯރާ ފަތުހީ އާއި ލަވަކިޔުންތެރިޔާ ގުރޫ ރާންދުވާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މިހާރުގެ އެންމެ މަޝްހޫރު "އައިޓަމް ގާލް" ނޯރާ ފަތުހީ އާއި ލަވަކިޔުންތެރިޔާ ގުރޫ ރާންދުވާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ.

އެ ދެ މީހުން މިހާރު ގޯއާގައި" ޗުއްޓީ ހޭދަކުރަނިކޮށް" ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމު ވެފައިވެ އެވެ. އޭގައި ފެންނަނީ ނޯރާ އާއި ގުރޫ ގޯއާގެ އަތިރިމަތީގައި އެކީގައި އުޅެނިކޮށެވެ. ދެ މީހުން ވެސް ތިބީ ޓީޝާޓާއި ސޯޓްގައި ވަރަށް ކެޝުއަލްކޮށެވެ.

ނޯރާ އަކީ ކުރިން ގުރޫއާ އެކު ވީޑިއޯ ލަވައެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އެއީ މިދިޔަ އަހަރު ނެރުނު "ނާޗް މެރީ ރާނީ" އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ދެ މީހުން މިހާރު ގޯއާ އަށް ގޮސް އުޅެނީ ވެސް ޕްރޮފެޝަނަލް މަސައްކަތެއްގަ އެވެ. އެކަމަކު ކެޝުއަލް ފޮޓޯތަކުން ފެންނަ ގޮތުގައި ނޯރާ އާއި ގުރޫއާ ދެމެދު ޕްރޮފެޝަނަލް ގުޅުމަކަށް ވުރެ ގާތް ކަމެއް އޮތް ކަމަށް ބެލެވޭ ކަމަށް ގިނަ ފޭނުން އަންނަނީ ބުނަމުންނެވެ.

"ދިލްބަރް" އާއި "އޮ ސާކީ" ފަދަ ލަވަތަކުގައި ދައްކައިލި ނެށުމުގެ ހުނަރުން ބެލުންތެރިން ޖާދޫގައި ޖެއްސި ނޯރާގެ އެންމެ ފަހުގެ އައިޓަމް ލަވަ އަކީ މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި ޖޯން އަބްރަހަމްގެ ފިލްމު "ސަތިއަމޭވް ޖަޔަތޭ 2" ގެ "ކުސޫ ކުސޫ" އެވެ. އެކަމަކު އެ ލަވައަށް މާބޮޑު ސަމާލުކަމެއް ނުލިބުނެވެ.

ޕަންޖާބީ ލަވަކިޔުންތެރިއެއްގެ ގޮތިގައި މަޝްހޫރު ގްރޫ ވެސް މިހާރު އަންނަނީ އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އެކަން އިއުލާންކުރީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.