Roadha Mihaaru
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 9 ގައި

ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 9 ގައި

28 ނޮވެމްބަރ 2021

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަންނަ މަހުގެ 9 ގައި ކައިވެނި ކުރާނެކަން މިހާރު ކަށަވަރު ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަންނަ މަހުގެ 9 ގައި ކައިވެނި ކުރާނެކަން މިހާރު ކަށަވަރު ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މި ދެ ދަރިންގެ ކައިވެނީގެ ވާހަކަ މިދިޔަ ޖުލައި މަހުން ފެށިގެން ދެކެވެމުން ދިޔަޔަސް އެކަމާ ބެހޭ ގޮތުން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމަކު މިހާރު އަންނަ މަހުގެ 9 ގައި ކައިވެނީގެ ރަސްމީ ހަފުލާ ބާއްވާނެކަން ކަށަވަރު ކަމަށް އިންޑިއާގެ ގިނަ މީޑިއާތަކުން ބުނެ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި 2019 ގައި ލޯބީގެ ގޮތުން ގުޅުނު ކެޓްރީނާ، 38، އާއި ވިކީ، 33، ގެ ކައިވެނި ހަފުލާ އޮންނާނީ ޖައިޕޫރްގެ ސިކްސް ސެންސެސް ފޯޓް ބަރްވާރާ ރިސޯޓްގަ އެވެ. އަދި މި ކައިވެނީގެ ހަފުލާ ބާއްވާނީ ވަރަށް ކުލަގަދަކޮށެވެ.

މީޑިއާތަކުން ބުނާ ގޮތުން ހަފުލާގައި ކެޓްރީނާ އާއި ވިކީ ބޭނުން ކުރާނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބިއަސާޗީ މުކަރްޖީގެ ފަރުމާތަކެވެ. އޭނާ އަކީ މިހާތަނަށް ވަރަށް ގިނަ ސެލެބްރިޓިންގެ ކައިވެނީގެ ހެދުން ފަރުމާކޮށްފައިވާ ޑީޒައިނަރެކެވެ. އޭގެ ތެރޭގައި އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ އާއި ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯންގެ އިތުރުން ރާނީ މުކަރްޖީ އާއި އަދިތިޔާ ޗޯޕްޅާ ހިމެނެ އެވެ.

ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ހަފުލާ ބާއްވާ ދުވަސް ގާތްވަމުން އަންނަ އިރު، ނޫސްތަކުން ބުނާ ގޮތުން ހަފުލާ އަށް ދައުވަތު ދޭ މީހުންނަށް ފޯނު ހަފުލާގެ ތެރޭގައި ބޭނުންކުރުން މަނާވާނެ އެވެ. ސަބަބަކީ ހަފުލާގެ އެއްވެސް ފޮޓޯއެއް ވީޑިއޯއެއް ލީކްވިޔަނުދިނުމެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކައިވެނިކުރި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ރާޖްކުމާރު ރާއޯ އާއި ޕަޓްރަލޭކާ އާއި އަދިތިޔާ ސީލް އާއި އަނުޝްކާ ރަންޖަން ހިމެނެ އެވެ.