ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރުމާ ދެކޮޅަށް އޮސްޓްރިއާގައި އާންމުން މަގުތަކަށް ނުކުމެ އިއްޔެ ވެސް މުޒާހަރާ ކޮށްފި އެވެ.
ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރުމާ ދެކޮޅަށް އޮސްޓްރިއާގައި އާންމުން މަގުތަކަށް ނުކުމެ އިއްޔެ ވެސް މުޒާހަރާ ކޮށްފި އެވެ.
ވެރިރަށް ވިއެނާގައި އިއްޔެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރި މީހުން އަޑު އުފުލަމުން ދިޔައީ، ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރުމަކީ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ އެވެ. އޭގެ އިތުރުން، ކޮވިޑް ވެކްސިން ނުޖަހާ ތިބި މީހުން އާންމު ތަންތަނަށް ނުނިކުމެ ގޭގައި ތިބުމަށް، ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ވެސް މުޒާހަރާގެ ބައިވެރިން އަޑު އުފުލި އެވެ.
އޮސްޓްރިއާގެ ފުލުހުން ބުނި ގޮތުގައި އިއްޔެ ވިއެނާގައި ކުރި މުޒާހަރާގައި 44 ހާހަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އަންދާޒާ ކުރެވެ އެވެ. މިއީ މިދިޔަ މަހުގެ ތެރޭގައި އާންމުން ކުރަން ފެށި ސިލްސިލާ މުޒާހަރާތަކުގައި މިހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރާނެ ކަމަށް، ވިލާތުގެ އިއްތިހާދުން ފުރަތަމަ އިއުލާންކުރި ގައުމަކީ އޮސްޓްރިއާ އެވެ. އެ ގައުމުގައި މިދިޔަ މަހު އެކަން އިއުލާން ކުރުމާ ގުޅިގެން، ވެކްސިން ނުޖަހައި ތިބި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
އޮސްޓްރިއާ ސަރުކާރުން ނިންމާފައިވާ ގޮތުގައި އުމުރުން 14 އަހަރުން މަތީގެ ކޮންމެ މީހަކު ކޮވިޑް ވެކްސިން ޖެހުން، އަންނަ ފެބްރުއަރީ މަހުން ފެށިގެން މަޖުބޫރު ވާނެ އެވެ. އޭގެ ފަހުން ވެކްސިން ނުޖަހައި އުޅެވޭނީ، ސިއްހީ ސަބަބުތަކަކަށްޓަކައި، ޑޮކްޓަރުން އެކަމަށް ހުއްދަދޭ މީހުންނަށް އެކަންޏެވެ.
އެ ގައުމުގެ ސަރުކާރުން ބުނި ގޮތުގައި ބާރުގެ ބޭނުންކޮށްގެން އެއްވެސް މީހެއްގެ ގަޔަށް ކޮވިޑް ވެކްސިނެއް ނުޖަހާނެ އެވެ. ނަމަވެސް ވެކްސިން ޖަހަން ދެކޮޅު ހަދާ މީހަކު، ފުރަތަމަ ފަހަރަށް 600 ޔޫރޯ އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އޭގެ ފަހުން އެކަން ހައްލުކޮށް ވެކްސިން ނުޖަހައިފި ނަމަ، 3،600 ޔޫރޯ އިން ޖޫރިމަނާ ކުރާނެ އެވެ.
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރުމަކީ އެމީހުންގެ އިންސާނީ ހައްގުތަކަށް ހުރަސް އެޅުމެވެ. ވެކްސިން ޖެހި މީހުންނާ އެކުގައި، ވެކްސިން ނުޖަހައި ތިބޭ ކުޑަކުދިންނަށް ބޭރަށް ނުދެވުމަކީ ވެސް މައްސަލައެއް ކަމަށް އެމީހުން ދެކެ އެވެ. ވެކްސިން ނުޖަހައި ތިބޭ ކުޑަކުދިން ޓެނިސް ކްލާސްތަކަށާއި ފެތުމުގެ ކްލާސްތަކަށް ނުދެވުމަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ވެސް އެމީހުން ދެކެ އެވެ.
ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އެންމެ މަދު އަދަދެއްގެ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރީ އޮސްޓްރިއާ އިންނެވެ. އެ ގައުމުގެ އާބާދީގެ 68 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ވެކްސިން ޖެހުމާ މިހާރު މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
ލޮރީ ޑްރައިވަރުންގެ މުޒާހަރާތަކާ ހެދި އޮޓާވާގައި ކާފިއު
ފުރަބަންދާ ދެކޮޅަށް ނެދަލޭންޑްސްގައި ބޮޑު މުޒާހަރާއެއް
އޮސްޓްރިއާ އަނެއްކާވެސް ފުރަބަންދަކަށް
ވެކްސިންގެ ދޮގުތައް: ކުއްޖެއްގެ ޓިޝޫ، މައިކްރޮޗިޕް!
ކޮވިޑް ވެކްސިން 217 ފަހަރު ޖެހި މީހެއް!
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ކޮވިޑްގެ ފިޔަވަޅުތައް ދޫކުރުމުން ގިނަ ބަޔަކު މަރުވެދާނެ
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި
އޮށޯވެ ތިބެގެން ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެ: ޗައިނާ