Roadha Mihaaru
އަދުހަމްގެ މައްޗަށް އަންގާރަ ދުވަހު ހުކުމް ކުރަނީ

އަދުހަމްގެ މައްޗަށް އަންގާރަ ދުވަހު ހުކުމް ކުރަނީ

12 ޑިސެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އެއްބަސްވެފައިވާ އަދުހަމް އަހުމަދު ރަޝީދުގެ މައްސަލާގެ ހުކުމް އަންނަ އަންގާރަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އެއްބަސްވެފައިވާ އަދުހަމް އަހުމަދު ރަޝީދުގެ މައްސަލާގެ ހުކުމް އަންނަ އަންގާރަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ މެއި މަހު، ނަޝީދު އުޅުއްވި ކެނެރީގެ ކައިރީގައި ނަޝީދަށް އަމާޒުކޮށް، ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ އަދުހަމްގެ މައްޗަށް ޓެރަރިޒަމްގެ ތިން ދައުވާއެއް ކުރެ އެވެ. އެ މައްސަލާގައި ކޯޓުގައި ކުށަށް އިއުތިރާފްވުމަށްޓަކައި ދައުލަތުން ވަނީ އޭނާއާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ކުރިން ހަދާފައިވާއިރު، އޭނާގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އަދުހަމާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުން ބަލައިގަތުމަށް އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ހުކުމް އަންނަ އަންގާރަ ދުވަހު އިއްވަން ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ދައުލަތުން އެއްބަސްވެފައިވަނީ އަދުހަމް ކޯޓުގައި ކުށަށް އިއުތިރާފްވެއްޖެ ނަމަ، އޭނާގެ އަދަބު 23 އަހަރުގެ ޖަލު ހުކުމަކަށް ކުޑަ ކުރުމަށެވެ.

އަދުހަމްގެ އިތުރުން އިތުރު ގިނަ ބައެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރެ އެވެ. އެކަމަކު އެ މީހުން ދައުވާތަކަށް އިންކާރު ކޮށްފައިވާއިރު، އެ މީހުންގެ ޝަރީއަތްތައް ވެސް ކުރިއަށް ގެންދަނީ ވަކިންނެވެ.