Roadha Mihaaru
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ

ބޮމުގެ ހަމަލާ: އެކަކުގެ ދިފާއީ ހެކިތަކެއް ބަލައިނުގަންނަން ނިންމައިފި

21 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާލިބޭ މީހެއްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާލިބޭ މީހެއްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މެއި، 2021 ގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް އަސަރީގޭ، މުހައްމަދު ނާޒިމްގެ މައްޗަށެވެ.

އޭގެ ތެރެއިން ތަހުމީންގެ ބައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ތަހުމީންގެ ފަރާތުން ހުށަހެޅި ދެ ހެއްކަކު ބަލައިނުގަތުމަށެވެ. އެއީ އޭނާގެ ފަރާތުން އެ ދެ ހެކިން ހުށަހެޅީ ކުށްކުރި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރަން ކަމަށް ވާއިރު، ތަހުގީގުގައި އެ ދިފާއު ނުނަގާ އޮތުމުންނެވެ. އަދި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން އެ ދިފާއު ތަހުގީގުގައި ނަގަން ޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

ތަހުމީންގެ ވަކީލުން ވިދާޅުވީ ކުށުގެ އަމަލު ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ތަހުގީގު މަރުހަލާގައި ނަގަން ޖެހޭނީ ޖެހޭނީ ކުށްކުރި ތާރީހާއި ތަން ތަހުގީގަށް ހޯދިފައިވާ ނަމަ ކަމަށެވެ. އަދި އެ މައްސަލާގައި ކުށްކުރި ތާރީހާ ގުޅޭގޮތުން ތަހުގީގުގައި ތަހުމީނާ ސުވާލު ކޮށްފައިނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވި ގޮތުގައި ތަހުގީގުގައި ނުކުރާ ސުވާލަކަށް ޖަވާބު ދޭކަށް ނުޖެހެ އެވެ. އަދި އަސްލު ކުށްކުރި ތާރީހާ ގުޅޭގޮތުން ސުވާލު ކުރުމުގެ ބަދަލުގައި ތަހުގީގުގައި ތަހުމީނާ ސުވާލުކުރީ އެހެން ތާރީހަކާ ގުޅޭގޮތުން ކަމަށް ވަކީލުން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ނިންމެވީ ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތްކަން ސާބިތު ކުރަން ހުށަހެޅި އެ ދެ ހެކިން ބަލައިނުގަތުމަށެވެ. ނަމަވެސް އޭގެ ތެރެއިން އެއް ހެކިވެރިއަކު އެހެން ކަމެއް ސާބިތުކުރަން ވެސް ހުށަހަޅާފައިވާތީ އޭނާގެ ހެކިބަސް އެކަން ސާބިތުކުރަން ބަލައިގަންނާނެ އެވެ.

އެ މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމާއި ހެކިންގެ ހެކިބަސް ނެގުމެވެ. އެބައި ކުރިއަށް ގެންދާނީ ދައުވާލިބޭ އެންމެން ބައިވެރިކޮށްގެން އެއް މަޖިލީހެއްގަ އެވެ.

ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.