Roadha Mihaaru
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި

ފޮޓޯ އާއި ވީޑިއޯ ހުއްޓަސް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ތަކެތި ގެންގުޅުނުކަން ސާބިތެއްނުވި

14 މެއި 2023

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މެއި، 2021 ގައި އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ ފޮޓޯ އާއި ވީޑިއޯތަކެއް ފޯނަކާއި ޕެން ޑްރައިވަކުން ފެނުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ގދ. މަޑަވެލީ ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ފޯނުން ފެނުނު ކަމަށް ބުނާ ފޮޓޯތަކަކީ އައިއެސް ޖަމާއަތުގެ ލޯގޯ އާއި ދިދައިގެ ފޮޓޯއެއްކަން ސާބިތުކުރަން އެ ފޮޓޯގެ އަސްލު ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ކުޑަ ދެ ފޮޓޯއެއް ހުށަހަޅާފައި ވިޔަސް، އެއީ ހަގީގަތުގައި އައިއެސްގެ ދިދަ އާއި ލޯގޯކަން ކަމާބެހޭ އެއްވެސް މުއައްސަސާއެއް މެދުވެރިކޮށް ދައުލަތުން ކަށަވަރުކޮށްފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ފުލުހުންގެ ރިޕޯޓް ތައްޔާރުކުރި މީހާގެ ބަހަށް އެކަނި ބަލައިގެން އެއީ އައިއެސްގެ ދިދަ އާއި ލޯގޯ ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.

ފެނުނު އޯޑިއޯ ފައިލްތަކެއްގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ދިވެހި ބަހުން ވާހަކަ ދައްކާފައިވާ އޯޑިއޯ ކްލިޕްތަކެއް ހިމެނޭ ކަމަށް ފުލުހުންގެ ރިޕޯޓުގައި އޮތަސް، ހުކުމުގައިވަނީ އެ ވާހަކަތަކާ އައިއެސް ޖަމާއަތާ ގުޅުމެއް ނެތް ކަމަށެވެ.

މީގެ އިތުރުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ފޯނުން ފެނުނު ކަމަށް ފުލުހުންގެ ތަހުލީލު ރިޕޯޓުގައި އޮތްއިރު އެ ވީޑިއޯތަކުން އެއްވެސް ނުރައްކާތެރި މަންޒަރެއް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ވީޑިއޯއިން ފެންނަނީ ކޮން ޖަމާއަތެއްގެ ބައެއްކަން ނޭނގޭ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާތީ އައިއެސް ޖަމާއަތަށް ތާއީދުކުރާ ވީޑިއޯއެއް ގެންގުޅުނީ ކަމަށް ނުބެލެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ފުލުހުން ހޯދި ޕެންޑްރައިވްތަކަކީ ރަހުމަތްތެރިއަކު ދިން އެއްޗެއް ކަމަށް އިއުތިސާމް ބުނެފައިވާއިރު އެކަމަށް ބާރު ދޭ ގޮތަށް ދިފާއީ ހެކިން ވެސް ބުނެފައިވެ އެވެ. އަދި ފޯނުން ފެނުނު ތަކެއްޗާ ބެހޭގޮތުން ސުވާލު އުފެދިފައިވުމުގެ އިތުރަށް ދައުލަތުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކީ ގާނޫނުގައި ބުނާ ޝަރުތު ހަމަވާ ރިޕޯޓަކަށް ނުވާތީ އިއުތިސާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި އެ ހުކުމުގައިވެ އެވެ.