Roadha Mihaaru
މުވައްޒަފުން ވަކިކުރަނީ އޮނިގަނޑަށް ގެނައި ބަދަލަކުން

މުވައްޒަފުން ވަކިކުރަނީ އޮނިގަނޑަށް ގެނައި ބަދަލަކުން: އެފްއޭއެމް

13 ޑިސެމްބަރ 2021

އެފްއޭއެމްއިން މުވައްޒަފުން ވަކިކުރަން ނޯޓިސް ދިނީ އޮނިގަނޑަށް ގެނައި ބަދަލަކުން ކަމަށް، އެ އިދާރާ އިން ބުނެފި އެވެ.

އެފްއޭއެމްއިން މުވައްޒަފުން ވަކިކުރަން ނޯޓިސް ދިނީ އޮނިގަނޑަށް ގެނައި ބަދަލަކުން ކަމަށް، އެ އިދާރާ އިން ބުނެފި އެވެ.

އެފްއޭއެމް ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ، ހަ މުވައްޒަފަކަށް ނޯޓިސް ދިނީ ގައުމީ ފުޓުބޯޅަ އިދާރާގެ އޮނިގަނޑަށް ގެންނަ ބަދަލުތަކެއްގެ ދަށުން ކަމަށެވެ.

"އަޅުގަނޑުގަނޑުމެންގެ 75 މުވައްޒަފުންގެ ތެރެއިން ހަ މުވައްޒިފަކަށް ނޯޓިސް ދިނީ އޮނިގަނޑަށް ގެނައި ބަދަލަކުން. އެ މަގާމުތަކަށް ކޮލިފައިޑް މީހުން ހޯދުމުގެ ގޮތުން،" ޖަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ އިން ވަކިކުރި މުވައްޒަފުން އަދާކުރި ބައެއް މަގާމުތަކަށް ކުރިއަށް އޮތްތަނުގައި ގާބިލު އެހެން މުވައްޒަފުން ނަގާނެ އެވެ.

އެފްއޭއެމް އިން މުވައްޒަފުން ތަކެއް ވަކި ކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތި ކުރީ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެފްއޭއެމް ބަނގުރޫޓްވެފައިވާ ކަމަށެވެ.

"ދިވެހި ފުޓްބޯޅަ ހަލާކުވެ، ފުޓުބޯޅަ އެސޯސިއޭޝަން ބަނގުރޫޓުވެ، އެތަނުގެ އެތަކެއް މުވައްޒިފުންނަށް މުސާރަ ނުދީ ނޯޓިސް ދޭން ފަށައިފި. ކުޅިވަރު ގާނޫނާއި އެހެނިހެން ގާނޫނުތަކާ ދިމާ އިދިކޮޅަށް އެސޯސިއޭޝަން ހިންގަމުންދާއިރު އެކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯ؟" އާޒިމް ޓްވިޓާގައި ލިޔުއްވާފައިވެ އެވެ.

ޖަވާޒް ވަނީ އާޒިމްގެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

އެފްއޭއެމްއިން ވިލިމާލޭގައި އަޅާ ފުޓްބޯޅަ ދަނޑުގައި ކުނި އުކައިގެން ވެމްކޯއަށް ދައްކަން ޖެހޭ 93،750 ރުފޔާ ނުދައްކައިގެން އެ ފައިސާ ދެއްކުމަށް ސިވިލްކޯޓުން އޮގަސްޓް މަހު ހުކުމްކުރި އެވެ. ޖަވާޒު ވިދާޅުވީ އެ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އެފްއޭއެމުން ޕެންޝަން އޮފީހަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މައްސަލައަކާ ގުޅިގެން އެ ފައިސާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ވެސް ސިވިލް ކޯޓުން ހުކުްމް ކުރި އެވެ. ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ދައްކަން ޖެހޭ ފައިސާގެ ތެރެއިން 436،354 ރުފިޔާގެ ދައްކާފައިވާ ކަމަށެވެ. އޭރު ނުދައްކާ ހުރި 201،312 ރުފިޔާ ތިން މަސް ތެރޭގައި ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމް ކުރި އެވެ.

ޖަވާޒު ވިދާޅުވީ ޕެންޝަން އޮފީހާ ވާހަކަ ދައްކައިގެން އެ ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.