ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާލިބޭ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުއާ ދެކޮޅަށް ހިންގާ ޝަރީއަތުގައި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ހެކިބަސް ދެއްވައިފި އެވެ.
11 މެއި 2025
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާލިބޭ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުއާ ދެކޮޅަށް ހިންގާ ޝަރީއަތުގައި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ހެކިބަސް ދެއްވައިފި އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި އޮތީ ޖަވާޒުގެ ހެކި ބަސް ނެގުމެވެ. ޖަވާޒަކީ ބައްސާމާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކެކެވެ.
ބައްސާމްއާ ގާތް ގުޅުމެއް އޮތް ޖަވާޒު މިއަދު ޝަރީއަތުގައި ހެކިބަސް ދެއްވަމުން ވިދާޅުވީ އެފްއޭއެމްއަށް ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އަބަދުވެސް ހަރަކާތްތެރިވީ ބައްސާމް ކަމަށާއި އެކަން ބައްސާމްގެ ބެލުމުގެ ދަށުން ކުރަމުން ދިޔައީ އެސޯސިއޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓުން ކަމަށެވެ.
އެފްއޭއެމްގެ އިދާރީ ކަންކަމާއި ފައިސާ މުއާމަލާތްތައް ކުރެވޭ ގޮތުގެ ތަފްސީލު ކިޔައިދެއްވަމުން ޖަވާޒު ވިދާޅުވި ގޮތުގައި އެ އެސޯސިއޭޝަނަށް ބޭރުގެ ފަރާތްތަކުން ފައިސާ ލިބެމުން ދިޔައީ އެމެރިކާ ޑޮލަރުންނެވެ. އަދި ދިވެހި ސަރުކާރުން ދޭ ފައިސާ ލިބެމުން ދިޔައީ ރުފިޔާއިންނެވެ.
ޑޮލަރުން ލިބޭ އާމްދަނީ ރުފިޔާއަށް މާރުކުރާ ކަމަށާއި އެއީ، އެފްއޭއެމުން ފައިސާގެ މުއާމަލާތްތައް ކުރަމުން ދިޔައީ ރުފިޔާއިން ކަމަށްވާތީކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، 2016 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނަށް މުސާރަ އާއި އެހެން އިދާރީ ހަރަދުތައް ހަމަޖައްސަމުން ދިޔައީ ވެސް ރުފިޔާއިން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ޖަވާޒުގެ ހެކިބަސް ނެގުން އެކަންޏެވެ. ދެން އެ މައްސަލާގައި އަޑުއެހުމެއް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
ބައްސާމް ވަނީ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވައިފަ އެވެ. ދައުވާތަކަށް ބައްސާމް އިންކާރުކުރަނީ ވަކީލް ވިދާޅުވި ގޮތުގައި، ދައުވާގައި ބުނަނީ ކަން ހިނގާފައިވާ ގޮތް ނޫން ކަމަށް ވާތީ އެވެ.
ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
އެ ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އެ ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެ މައްސަލައިގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމް އަށް ލިބިފައި ނެތުމުން އެއީ އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދަައުވާ ވެސް ކުރި އެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އެހެން ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ. އެ މައްސަލާގައި ހިޔާނާތުގެ ދައުވާ އުފުލާފައިވަނީ އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
ބައްސާމްގެ ދެވަނަ ވަކީލު ވެސް މައްސަލަ ދޫކޮށްލައިފި
ޕެންޓްހައުސް އެއްބަސްވުން އޮތީ ބައްސާމުގެ ނަމުގައި
އެފްއޭއެމް މައްސަލާގައި އަމިން އަށް ވެސް ދައުވާކޮށްފި
ބައްސާމްގެ މައްސަލާގައި ބައެއް ހެކި ސިއްރުކުރަން އެދެފި
ބައްސާމްގެ ޝަރީއަތް: އަލީ އުމަރު ހެކިބަސް ދީފި
ޔާމީން އަންގައިގެން 17 މިލިއަން ނެރުނިން: ހެކި
ކްރިކް ރިޒާގެ މައްސަލަ ލަސްވާތީ ދައުވާ ފައިލްކޮށްފި
ޔާމީންގެ ދިފާއުގައި ހެކިބަސް ނުދޭން ނަރީޝް ނިންމައިފި
ބައްސާމްގެ ފްލެޓް މައްސަލަ: ބެންޗުން ވެސް ނުބެލި