Roadha Mihaaru
ކުޑަކުދިންތަކަކާ ބެހުނު މީހަކު 30 އަހަރަށް ޖަލަށް

ކުޑަކުދިންތަކަކާ ބެހުނު މީހަކު، އިއުތިރާފު އެއްބަސްވުމެއްގެ ދަށުން 30 އަހަރަށް ޖަލަށް

13 ޑިސެމްބަރ 2021

ކުޑަކުދިންތަކަކާ މެދު ތަކުރާރުކޮށް، އެތައް ފަހަރެއްގެ މަތިން ޖިންސީ އަމަލު ހިންގި މީހަކު ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން 30 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުޑަކުދިންތަކަކާ މެދު ތަކުރާރުކޮށް، އެތައް ފަހަރެއްގެ މަތިން ޖިންސީ އަމަލު ހިންގި މީހަކު ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން 30 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީހުން) ބުނީ ވ. ގާތިފް، ހަސަން އަތޫފް 30 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އޭނާއާ ދެކޮޅަށް ކުރި ފަސް ދައުވާއެއްގެ ތެރެއިން ތިން ދައުވާއެއް، އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ދޫކޮށްލައި، އަނެއް ދެ ދައުވާ އުފުލުމުން ކަމަށެވެ. އޭނާއާ ދެކޮޅަށް އުފުލެން އޮތް އަނެއް ތިން ދައުވާ ވެސް އުފުލައިގެން ހުރިހާ ދައުވާއެއް ސާބިތުވި ނަމަ ޖުމުލަ 76 އަހަަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެެެއް އަންނާނެ އެވެ.

ފުރަތަމަ އުފުލި ދައުވާތައް:

- އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާ.

- ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ.

-ގްރޫމް ކުރުމުގެ ކުށުގެ ދައުވާ.

މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން.

މި ދައުވާ ތަކުގެ ތެރެއިން ފުރަތަމައަށް އޮތް ދެ ދައުވާ ފިޔަވައި އެހެން ދައުވާތައް ދައުލަތުން ދޫކޮށްލީ، އެ ދެ ދައުވާ އަށް އިއުތިރާފުވެ، ކޯޓުގައި އެ އިއުތިރާމް ދަމަހައްޓަން އަތޫފް އެއްބަސްްވުމުންނެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާ ސާބިތުވީ އެ އެއްބަސްވުމާ އެއްގޮތަށް، ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތުގައި އިއުތިރާފު ވުމުންނެވެ.

އެހެންވެ އޭނާގެ ޝަރީއަތް ނިމި ޖަލަށްލާން ހުކުމް ކުރަން ހޭދަވީ ވަރަށް ކުރު މުއްދަތެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މީހާ ހައްޔަރުކުރީ މޭ، 20 ގައި ކަމަށް ވާއިރު، އޭނާއާ ދެކޮޅަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ އޭގެ އެއް މަސްފަހުން ޖޫން 20 ގައި ކަމަށެވެ.

އެފަދަ އެއްބަސްވުމެއް ހެދި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، ކުށްކުރި މީހާ އެ ގޮތަށް އިއުތިރާފް ނުވާ ހާލަތުގައި އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނެގުމުގެ ސަބަަބުން އެ ކުދިން "ރިވިކްޓިމައިޒް"ވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

"....ދައުލަތުގެ މަސްލަހަތުގައި އޮތީ އަނިޔާ ލިބުނު ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. މި މައްސަލައިގެ ޝަރީއަތެއް ހިނގާ ނަމަ، އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނަގައި، އެ ކުދިން އަލުން މި ކަމުގެ ތެރޭގައި ޝާމިލު ވާން ޖެހޭ ގޮތް މެދުވެރިވާނެ އެވެ. ރީވިކްޓިމައިޒްވުމުގެ ފުރުސަތު އޮންނާނެ އެވެ،" އަތޫފްގެ އިއުތިރާފް އެއްބަސްވުމާ ބެހޭ ގޮތުން ޕީޖީ އޮފީހުން ބުންޏެވެ.

"އެހެން ނަމަވެސް ކުށަށް އިއުތިރާފުވާ މައްސަލަތަކުގައި މި އުސޫލުގެ ދަށުން ޝަރީއަތުގައި އިއުތިރާފުވާ ނަމަ، ލުއިދީގެން އަވަހަށް ޝަރީއަތް ނިމުމުން މި ދެންނެވި ކަންކަމުން ސަލާމަތް ވެފައިވެ އެވެ."

ޕީޖީ އޮފީހުން ބުނީ އެފަދަ އެއްްބަސްވުންތަކުގެ ދަށުން ބައެއް ދައުވާތައް ދޫކޮށްލައި، އެހެން ދައުވާތައް ސާބިތުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވަރަށް ފުރިހަމަ އަށް ތަންފީޒު ކުރަމުން އަންނަ ނިޒާމެއް ކަމަށެވެ.