Roadha Mihaaru
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ: ޕީޖީ

އަލީ ވަހީދުގެ މައްސަލައިގައި ޕީޖީ ކޯޓަށް؛ ވިދާޅުވީ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް

22 ޖޫން 2021

ޖިންސީ ކުށުގެ ދައުވާތަކެއް ލިބޭ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމާފައި ވާތީ ޕީޖީ އޮފީހުން އެކަމާ ދެކޮޅު ހަދައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ކުށުގެ ދައުވާތަކެއް ލިބޭ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމާފައި ވާތީ ޕީޖީ އޮފީހުން އެކަމާ ދެކޮޅު ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ވެސް ޖިންސީ ކުށްތަކާ ގުޅޭ އެފަދަ އެހެން މައްސަލަތަކާ އެއްގޮތަށް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިއްޔެ މެންދުރު އޮތް އެ މައްސަލައިގައި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމެވެ.

އިއްޔެގެ އަޑުއެހުމަކީ ޝަރީއަތުގެ އަޑުއެހުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކޯޓުގައި ޝަމީމް ވިދާޅުވި ކަމަށް ވަނީ އެނގިފަ އެވެ.

އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވީ އެ ގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަން މެދުވެރިކޮށެވެ.

ޝަމީމް މީގެ ކުރިން ވިދާޅުވެފައި ވަނީ ކޯޓުގެ ބާރު ނުފޯރާ ތަނެއްގައި އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދިއުމުގައި މާނައެއް ނެތް ކަމަށެވެ. އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުއްޓައި މައްސަލަ ބަލައިގެން ހުކުމެއް ކުރިއަސް، އޭނާގެ މައްޗަށް ހުކުމް ތަންފީޒު ކުރާނެ ގޮތެއް ނޯންނާނެކަން ޝަމީމް ފާހަގަކުރެއްވި އެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން "މިހާރު" އަށް ބުނެފައިވާ ގޮތުގައި، އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން އެ ކޯޓުން ނިިންމީ، އެގޮތަށް އެދި އޭނާ ކޯޓަށް ސިޓީއެއް ފޮނުއްވުމުންނެވެ. އަލީ ވަހީދު އެގޮތަށް އެދިވަޑައިގެންފައި ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން އަދިވެސް ނުނިމޭތީ އެވެ.

އެ ކޯޓުން ބުނެފައި ވަނީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ އިސް ގާޒީ އަހުމަދު ޝަކީލް ކަމަށެވެ.

އެހެންކަމުން، ޕީޖީ އޮފީހުން މިހާރު މަސައްކަތް ކުރަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމި ނިންމުން އިސްތިއުނާފު ކުރެވޭތޯ އެވެ. އެ ލިޔުންތައް ހޯދަން އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. އިއްޔެގެ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އޮންލައިންކޮށް ބާއްވާ ޝަރީއަތުގެ އިތުރު އަޑުއެހުމެއް އަންނަ މަހު ބާއްވާނެކަން ގާޒީ އިއުލާންކުރެއްވި އެވެ.

ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން އަލީ ވަހީދަށް ފުރުސަތު ލިބުނީ، ހަތަރު މަސް ފަހުން އަނބުރާ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން އޭނާގެ އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އޭނާ އަށް ޖާމިނުވުމުންނެވެ.

އެއްބަސްވި ހަތަރު މަހުގެ މުއްދަތު ހަމަވީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެ މުއްދަތުގައި އަލީ ވަހީދު އަނބުރާ ނައުމުން އަސްހަދު އަލީ އަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވަން ދައުލަތުން ވަނީ އެދިފަ އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ޖުމްލަ 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.