Roadha Mihaaru
އީސައާމެދު އަމަލުކުރީ ތަފާތުކުރުން އޮންނަ ގޮތަށް: ކޯޓް

އީސަ ހައްޔަރުކުރަން އެދުނީ ޕީޖީން ކުރިން އަމަލުކުރާ ގޮތަކަށް ނޫން: ކޯޓް

20 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި އޭނާ ހައްޔަރު ކުރަން ދައުލަތުން އެދުނީ އެހެން މައްސަލަތަކުގައި އަމަލުކުރާ ގޮތާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި އޭނާ ހައްޔަރު ކުރަން ދައުލަތުން އެދުނީ އެހެން މައްސަލަތަކުގައި އަމަލުކުރާ ގޮތާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފި އެވެ.

އީސަގެ އަނބިކަނބަލުންނަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވުމުން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތީ ޕްރޮސެކިއުޓާ ޖެނެރަލެވެ. އެކަމަކު އެ ކޯޓުން މިރޭ ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ.

"މިފަދަ މައްސަލަތަކުގައި އެހެން މީހުން ހައްޔަރެއް ނުކުރޭ"

މައްސަލާގެ ބާވަތާއި ކަން ހިނގާފައިވާ ގޮތުން އީސަ ހައްޔަރުކުރަންޖެހޭ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވަނީ ދައުލަތުން އަމަލުކުރި ގޮތް ފާހަގަކޮށްފަ އެވެ. އެ ނިންމުމުގައި ވަނީ މީގެ ކުރިން ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންތަކަކަށް އަނިޔާކުރި މައްސަލައެއްގައި ދައުވާލިބޭ ހަތަރު މީހަކު ހައްޔަރުކުރަން ކޯޓުގައި އެދިފައި ނެތްއިރު، އެ ބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރު ކުރަން ވޭތުވެދިޔަ ތިން އަހަރު ދައުލަތުން ކޯޓުގައި އެދިފައި ނެތް ކަމަށެވެ. އެހެންކަމުން އީސަގެ މައްސަލާގައި ދައުލަތުން އަމަލުކުރަނީ ތަފާތު ގޮތަކަށް ކަމަށް އެ ނިންމުމުގައިވެ އެވެ.

"މި ހާލަތުގައި އަހުމަދު އީސަ ހައްޔަރު ކުރުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެދިފައިވަނީ ދިިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށް އޮންނަ އޮތުމާ ޚިލާފަށް ކަމަށް ޝަރީއަތަށް ބުރަވެވޭ.." ގާޒީ ދީބާނާޒް ފަހުމީ ނިންމެވި އެ ނިންމުމުގައިވެ އެވެ.

ތުހުމަތެއް ކުރެވޭ ހެކި އެބަހުރި، އެކަމަކު ހައްޔަރެއް ނުކުރެވޭނެ

ކްރިމިނަލް ކޯޓުން އެ އަމުރާ މެދު ނިންމި ނިންމުމުގައިވަނީ އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުއްޓަސް، ތުހުމަތު ކުރެވޭ ކަމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ބޮޑު ކުށެއް ނޫން ކަމަށެވެ. އަދި އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބުންޏަސް، އެފަދަ ފުރުސަތެއް އޮންނާނީ ހެކިބަސް ނުނެގި މީހުންގެ މައްޗަށް އެކަނި ކަމަށް އެ ނިންމުމުގައިވެ އެވެ.

ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު

ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު

އެ ނިންމުމުގައި އިތުރަށް ބުނެފައިވަނީ އީސަގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަން އެނގޭނެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދިި ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އޮތްގޮތުން ތަހުގީގުގެ ބޭނުމަށް މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

"ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމުގައިވީ ނަމަވެސް ގާނޫނު ނަމްބަރު 12/2016 ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އަހުމަދު އީސާ ހައްޔަރު ކުރުމުގެ ކޯޓު އަމުރު ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތަތީ.." އެ ނިންމުމުގައިވެ އެވެ.

މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނު ބުނާގޮތުން ކުށެއް ކުރަނިކޮށް ފެނިގެން ނޫން ގޮތަކަށް މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސެކިއުުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލަ ފެންމަތިވުުމާ އެކު އީސައަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އަދި މަޖިިލީހުގެ އިޖްތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން އޭނާ އިސްތިއުފާ ދެއްވާފައިވާއިރު، އެމްޑީޕީގެ ހަރަކާތްތަކުން ވެސް އޭނާ ވަނީ އެކަހެރިކޮށްފަ އެވެ.