Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލަ:ތަހުގީގު ހިނގިގޮތް ޕީޖީ ބަލަނީ

ޖިންސީ ގޯނާގެ މައްސަލަ: ފުލުހުން އަމަލުކުރި ގޮތް ޕީިޖީ ބައްލަވަނީ

01 ޖުލައި 2020

ސަފާރީއެއްގައި ބޭރު އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އިތުރު ބައެއް މައްސަލަތަކުގައި ފުލުހުން އަމަލުކުރި ގޮތް ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސަފާރީއެއްގައި ބޭރު އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އިތުރު ބައެއް މައްސަލަތަކުގައި ފުލުހުން އަމަލުކުރި ގޮތް ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނަކު ފުލުހުން ދޫކޮށްލި މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިިލީހާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް އަންނަނީ ބަލަމުންނެވެ. އުމުރުން 39 އަހަރުގެ އެ ދެ ފިރިހެނުން ދޫކޮށްލުމުގައި ސިޔާސީ ނުފޫޒު އޮތްކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ބައެއް ޖިންސީ މައްސަލަތަކުގެ ތެރެއިން ތުހުމަތުތަކެއް އަމާޒު ވެފައިވާ މައްސަލަތަކެއް އެބަހުރި ކަމަށާއި އެފަދަ މައްސަލަތަކުގެ ތަހުގީގު ހިނގި ގޮތް ބައްލަވާނެ ކަމަށެވެ. ސަފާރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގައިދިޔަ ހާދިސާ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށާއި އެ ތަހުގީގާ ގުޅޭ ލިޔުންތައް ދޭން ފުލުހުންނަށް އަންގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ތަހުގީގު ހިނގައިދިޔަ ގޮތާއި މީހެއްގެ ނުފޫޒެއް އައިސްފައި އޮތްތޯ އާއި އާންމު ގޮތެއްގައި މި ބާވަތުގެ ތަހުގީގުތައް ހިނގަނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާނަން. އަދި މި ތަހުގީގު ވަކިން ޚާއްސަކޮށް ބަލާފައިި އެކަމުގައި ކަންތައް ހިނގައިދިޔަ ދިރާސާ ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މައްސަލައެއްގައި ފުލުހުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ތުހުމަތު ކުރެވޭ ނަމަ، އެކަމުގެ ޝަކުވާ ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅޭނެ އެވެ. އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފުލުހުން ވިދާޅުވަނީ ނުފޫޒެއް ނުފޯރައޭ. އަޅުގަނޑުމެން މި އުޅެނީ އެކަން ބަލަން ވެގެން. ބަލާފައި އެއީ ކިހިނެއް ހިނގި ކަމެއްތޯ ބަލާފައި އަޅުގަނޑުމެން ހާމަ ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ (މ) އާއި ޕީޖީ ޝަމީމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ (މ) އާއި ޕީޖީ ޝަމީމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.

އޭނާ ވިދާޅުވީ، ސަފާރީގައި ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުން ނިންމިޔަސް، ހެކި ގެއްލި އަދި އަނިޔާލިބުނު ފަރާތުގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތެއް މިހާތަނަކަށް ނެތް ކަމަށެވެ. އާންމުންގެ ކަންބޮޑުވުން ހުރި އެފަދަ މައްސަލަތައް މަޖިލީހަށް ބެލިދާނެ ކަމަށާއި ތަހުގީގަށް ހުރަސް އެޅޭ ކަންކަން ނުކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެއީ މަޖިލީހަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރެއް. އެ ބޭފުޅުންނަށް އެކަން ކުރެއްވޭނެ. އެކަން ރަނގަޅު ގޮތުގައި ކުރައްވާނެ ކަމަށް ގަބޫލު ކުރަންޖެހޭ." ޝަމީމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ސަފާރީގައި ހިނގައިދިޔަ ހާދިސާގައި އަނިޔާ ލިބުނު އުމުރުން 27 އަހަރުގެ އަންހެންމީހާއާ އެ މިނިސްޓްރީން ބައްދަލުކޮށް، ނަފުސާނީ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ހާމަ ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ވެސް އޭނާގެ ރައްކާތެރިކަން ކަށަވަރު ކުރަން. އެއްވެސް މައްސަލައެއް، ކަންބޮޑުވުމެއް އޮތިއްޔާ، ނަފުސާނީ ޑޮކްޓަރަށް ދައްކަން ބޭނުން ވަންޏާ އެކަން ވެސް އަޅުގަނޑުމެން ފަހިކޮށްދެން،" އާއިޝާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ޖިިންސީ ގޯނާގެ ބޮޑު މައްސަލައެއް ފެންމަތިވުމުން ދެން ހުރި އެފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެގެންދެ އެވެ. އެފަދަ މައްސަލަތައް ވީހާ ވެސް އަވަހަކަށް ރިޕޯޓު ކުރަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ހެކި ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުހުންނަށް ވެސް ކުރެވޭނެ ކަމެއް ނޯންނާނެ ފުލުހުންނާ ހަމައަށް އަންނައިރު ހެކި ގެއްލިފައި އޮތިއްޔާ،" ޕީޖީ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން ހެކި ހުންނަ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބުމަށް ފަހު ކޯޓަށް ފޮނުވުމާ ދެމެދު އެވްރެޖު ގޮތެއްގައި ހޭދަވާނީ ތިން ދުވަސް ކަމަށެވެ. އެކަމަކު ޝަރުއީ މަރުހަލާގެ ތެރެއިން މައްސަލަތައް ލަސްވުމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރެވި، ކޮންމެވެސް ވަރަކަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.