Roadha Mihaaru
އާ ސީޕްލޭން ޓާމިނަލަށް މާޗްގައި ބަދަލުވާނެ

އާ ސީޕްލޭން ޓާމިނަލަށް މާޗްގައި ބަދަލުވާނެ

14 ޑިސެމްބަރ 2021

ސީޕްލޭންގެ ހިދުމަތް ދޭ މަންޓާ އާއި ޓީއެމްއޭ އިން އަންނަ މާޗް މަހުގެ ނިޔަލަށް އާ ޓާމިނަލް ބަދަލުވެ ނިމޭނެ ކަމަށާއި އަންނަ އެޕްރީލްގައި އާ ޓާމިނަލްގެ ހިދުމަތް ފަށާނެ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސީޕްލޭންގެ ހިދުމަތް ދޭ މަންޓާ އާއި ޓީއެމްއޭ އިން އަންނަ މާޗް މަހުގެ ނިޔަލަށް އާ ޓާމިނަލް ބަދަލުވެ ނިމޭނެ ކަމަށާއި އަންނަ އެޕްރީލްގައި އާ ޓާމިނަލްގެ ހިދުމަތް ފަށާނެ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

އެ ދެ ކުންފުނީގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ ތާރީހަށް ޓީއެމްއޭގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަންޓާ އެއާ އާއި ޓީއެމްއޭގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލު ކުރި ނަމަވެސް މޯލްޑިވިއަނުން ސީޕްލޭން ހިދުމަތް ދޭނީ މިހާރު ވެސް ހިދުމަތްދެމުން އަންނަ ޓާމިނަލުގަ އެވެ. އެ ކުންފުނީގެ ހިދުމަތް އާ ޓާމިނަލަށް ބަދަލު ކުރާނެ ތާރީހެއް އަދި ބުނެފައެއް ނުވެ އެވެ.

އާ ޓާމިނަލުގެ އޮޕަރޭޝަންތައް ފެށުމަށް އެމްއޭސީއެލުން ވަނީ ލައުންޖު އޮޕަރޭޓަރުންނާ ވެސް މަޝްވަރާ ކޮށްފަ އެވެ. މި މަޝްވަރާތަކުގައި ލައުންޖު އޮޕަރޭޓަރުން ހިދުމަތް ދިނުމުގައި ވިސްނަންވީ ކަންކަމާއި އެމްއޭސީއެލްގެ ފަރާތުން ފޯރުކޮށްދޭނެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

އާ ސީޕްލޭން ޓާމިނަލުގައި ލައުންޖު ހިންގުމުގެ ފުރުސަތު 20 ފަރާތަކަށް ދީފައިވާއިރު މި ލައުންޖުތައް ވެސް މާޗު މަހުގެ ނިޔަލަށް ބަދަލު ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލުން އާ ސީޕްލޭން ޓާމިނަލް ހަދާފައި ވަނީ 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެނެވެ. އެ ތަން ހުޅުވަން ކުރިން ވެސް އެކި ތާރީހުތައް ވަނީ ދީފަ އެވެ. އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމަށްޓަކައި ބޭނުންވާ ހުސް ޖާގަ ލިބޭނީ، މިހާރު ސީ ޕްލޭން ހުރި ސަރަހައްދު ހުސްކޮށްގެންނެވެ.

ހަތަރު ބުރީގެ އާ ސީޕްލޭން ޓާމިނަލްގެ ކޮންމެ ފްލޯއެއްގައި 7،000 އަކަމީޓަރު (ޖުމްލަ 28،000 އަކަމީޓަރު) ހުންނާނެއެވެ. އެ ޓާމިނަލުން ހަތަރު އޮޕަރޭޓަރުންނަށް އެންމެ ފުރިހަމަ އަށް ޖާގަ ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.