Roadha Mihaaru
ފެންބޮޑުވާ މައްސަލައަށް ބޭނުންވަނީ ވަގުތީ ހައްލެއް ނޫން

ފެންބޮޑުވާ މައްސަލައަށް ސަރުކާރުން ބޭނުންވަނީ ވަގުތީ ހައްލެއް ގެންނާކަށް ނޫން

14 ޑިސެމްބަރ 2021

މާލޭގެ މަގުތަކަށް ޖަމާވާ ފެން ބިމުގެ އަޑީގައި ރައްކާ ކުރާނެ "ސްޓޯމް ވޯޓާ ސްޓޯރޭޖް ޓޭންކް" އެއް ގާއިމުކޮށް، ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ މަގުތަކަށް ޖަމާވާ ފެން ބިމުގެ އަޑީގައި ރައްކާ ކުރާނެ "ސްޓޯމް ވޯޓާ ސްޓޯރޭޖް ޓޭންކް" އެއް ގާއިމުކޮށް، ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކަމަށް ދާއިމީ ހައްލެއް ގެންނަން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ދީފައިވާ 16.5 މިލިއަން ޑޮލަރުން ކުރިއަށް ގެންދަން ނިންމާފައިވާ "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް" އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި މަގުތަކަށް ޖަމާވާ ފެން ބިމުގެ އަޑީގައި ރައްކާކުރާނެ ސްޓޯމް ވޯޓާ ސްޓޯރޭޖް ޓޭންކުތަކެއް ގާއިމުކުރަން ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ ޓޭންކުތަކުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވަ މައްސަލައަށް ދާއިމީ ހައްލެއް ގެނެސް، ރައްކާކުރާ ފެން އެހެން ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު އެ މަސައްކަތް އޮތީ ބީލަން މަރުހަލާގަ އެވެ.

ބަޔާނުގައި ބުނިގޮތުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ ފިޔަވަހިތައް މި އަހަރު އެއްކޮށް ނިންމައި ބޭނުންކުރަން ފެށި ނަމަވެސް ދިޔަދޮވިތަކުން މަގުމައްޗަށް ފެން ބޭރުކުރާ ގޮތަށް ހަދާފައި ހުރުމުން ވިއްސާރަ ދުވަސްވަރު މަގުތަކުގައި ބޮޑުވާ ފެންގަނޑު ހިންދުމަށް ބޭނުްވާ ކެޕޭސިޓީ އަބަދު ވެސް އިތުރުކުރަންޖެހެ އެވެ.

މޫސުމީ ބަދަލުގެ ސަބަބުން ވިއްސާރަ ދުވަސްވަރު ވާރޭވެހޭ ވަރު އިތުރުވުމުން މާލޭގެ މަގުތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ ފެން ޖަމާވެ، ފެން ހިންދާ ނިޒާމުތަކަށް ނުކަތާ ހާލަތަށް ދާކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ.

"މިނިސްޓްރީން ދެކޭ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ފެން ހިންދުމުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރާ ނަމަ އެކަން ކުރަން ވާނީ ދިރާސާކޮށް ބެލުމަށް ފަހު ދެމެހެއްޓެނިވި ގޮތަކަށެވެ. އެހެންކަމުން އެމްޑަބްލިއުއެސްސީން ބަލަހައްޓަމުން ގެންދާ ފެން ހިންދާ ނިޒާމުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މި މިނިސްޓްރީން މި ވަގުތު އިތުރު މަސައްކަތްތަކެއް ކުރަމުން ނުގެންދާ ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.

މިދިޔަ ހަފުތާގައި މާލެ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން، ފެން ހިންދާ ސިސްޓަމް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތެވެ. ނަމަވެސް އެ ސިސްޓަމް ބަލަހައްޓައި، މަރާމާތުކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނީ ފެން ހިންދާ ސިސްޓަމްގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ފެން ހިންދާ ސިސްޓަމް ޑިޒައިން ކޮށްފައި ވަނީ ފެން ބޮޑުވާތާ 2-3 ގަޑިއިރުގެ ތެރޭގައި ހިންދޭ ގޮތަށެވެ. އެކަމަކު އެކަން ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕަމްޕުތައް ކުޑަވުމެވެ. "ޕަމްޕުތައް އަޕްގްރޭޑު ކުރީމަ ރަނގަޅުވާނެ ފެން ބޮޑުވުމުގެ މައްސަލަ،" އޭނާ ވިދާޅުވި އެވެ.