Roadha Mihaaru

ކައުންސިލުން ގެނައި ދެ ޕަމްޕު ބޭނުންކުރަނީ، މިނެޓަކު 11،000 ލީޓަރުގެ ފެން ހިންދޭނެ

ވާރޭވެހި މާލޭގައި ފެންބޮޑުވާތީ، ފެން ހިންދުމަށް މާލޭ ސިޓީ ކައުންސިލުން ގެނެސްފައިވާ ދެ ޕަމްޕް ބޭނުންކުރަން ފަށައިފި އެވެ.

11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 މާޗް 2025

ވާރޭވެހި މާލޭގައި ފެންބޮޑުވާތީ، ފެން ހިންދުމަށް މާލޭ ސިޓީ ކައުންސިލުން ގެނެސްފައިވާ ދެ ޕަމްޕް ބޭނުންކުރަން ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި މި ދެ ޕަމްޕް ބެހެއްޓުމަށް ނިންމައި، ސިޓީ ކައުންސިލުން އެކަން އަންގާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އިއްޔެ އާއި ހުކުރު ދުވަހު މާލޭގައި ފެންބޮޑުވިއިރު އެ ޕަމްޕުތައް ބޭނުންކޮށްފައިވެ އެވެ.

ސިޓީ ކައުންސިލުން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށް ވުރެ އެތައް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ އެ ދެ ޕަމްޕު ގެނައުމުގެ މަސައްކަތް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އާންމުކޮށް ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕަށް ވުރެ ބޮޑު އެ ދެ ޕަމްޕަކީ މިނެޓަކު 11،356 ލީޓަރުގެ ފެން ބޭރު ކުރެވޭ ދެ ޕަމްޕު ކަމަށް ކައުންސިލުން ބުނެ އެވެެ. މީގެ ކުރިން މާލޭގައި ފެން ހިންދުމަށް ބޭނުންކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރެވޭ ޕަމްޕުތަކެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ފެން ހިންދުމަށް ގެނައި ދެ ޕަމްޕު ކައިރީގައި މާލޭގެ މޭޔަރު އާދަމް އާޒިމް މަޑުކޮށްލައިގެން ހުންނަވަނިކޮށް.

ސިޓީ ކައުންސިލުން ފެން ހިންދުމަށް ގެނައި ދެ ޕަމްޕު ކައިރީގައި މާލޭގެ މޭޔަރު އާދަމް އާޒިމް މަޑުކޮށްލައިގެން ހުންނަވަނިކޮށް.

ސިޓީ ކައުންސިލުން ބުނި ގޮތުގައި މާލޭގައި ގާއިމުކޮށްފައިވާ ފެންހިންދާ ނިޒާމުގެ ސަބަބުން ރަށު ތެރެއަށް އެޅޭ ފެން ބޭރުކުރުމަށް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އޭގެ ސަބަބުން ވިއްސާރަ މޫސުމުގައި ބޯކޮށްވާރޭވެހި މާލޭގެ މަގުތަކާއި ގޭގެއަށް ފެނުގެ އަސަރުކުރާ ކަމަށާއި އެކަމަކު އެފަދަ ކޮންމެ ހާލަތެއްގައި ވެސް ފެން ހިންދުމުގެ މަސައްކަތް ކުރަން ޖެހެނީ އެކި ފަރާތްތަކުގެ އެހީގައި ކަމަށް ބުންޏެވެ.

އެ ޕަމްޕުތަކާ ގުޅޭގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ޕަމްޕުތައް ބޭނުންކުރަން ފެށުމުން އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަަމަށެވެ.

"މި ޕަމްޕުތައް ބޭނުންކުރަން ފެށުމުން، އާންމުކޮށް މި ބޭނުންކުރާ 10 ޕަމްޕަށް ވުރެ ބާރު މިނުގައި މި ޕަމްޕުތަކުން ފެން ހިންދެމުންދާނެ. މި ޕަމްޕުތައް ބޭނުންކުރަން ފެށުމުން މިހާރު މިވާ ގެއްލުން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ކުޑަކޮށްދެވޭނެ." އޭނާ ވިދާޅުވި އެވެ.

ޕަމްޕު ބަހައްޓާފައި ހުރި ސަރަހައްދުގައި މާލޭގެ މޭޔަރު އާދަމް އާޒިމް މަޑުކޮށްލައިގެން ހުންނަވަނިކޮށް.

ޕަމްޕު ބަހައްޓާފައި ހުރި ސަރަހައްދުގައި މާލޭގެ މޭޔަރު އާދަމް އާޒިމް މަޑުކޮށްލައިގެން ހުންނަވަނިކޮށް.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ބޭނުންކުރާ ކުދި ޕަމްޕުތަކުގައި، ކިރިޔާ ވެސް ކުނިކޮޅެއް ވަންނައިރަށް މަސައްކަތް ހުއްޓެވެ. އެކަމަކު އާ ޕަމްޕުތަކަކީ އެކަމަށް ހާއްސަ ޕަމްޕުތަކެއް ކަމަށްވާތީ ކުނި ވަން ނަމަވެސް، މަސައްކަތް ނުހުއްޓި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ގެނައި ދެ ޕަމްޕް، ޑިފެންސް މިނިސްޓްރީއާ ހަވާލުކުރިއިރު މާލޭގައި އާންމުކޮށް ވެސް ފެން ބޮޑުވެއްޖެ ނަމަ، ފެން ހިންދުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފުންނެވެ. އަދި އެކަމުގައި އެކި އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެ އެވެ.

މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އައިޖީއެމްއެޗް ސަރަހައްދާއި ވެސްޓް ޕާކް ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލް ސަރަހައްދު ހިމެނޭ ގޮތަށް 10 ތަނެއްގައި ފެން ހިންދަން ޕަމްޕު ބަހައްޓާފައި ހުއްޓެވެ. އެ ޕަމްޕުތަކުން ރޭގަނޑު 10:00 އާ ހަމައަށް 1،000 ޓަނުގެ ފެން މޫދަށް ބޭރުކުރި އެވެ.