Roadha Mihaaru
ވެކްސިން ނުޖެހުމުން ޝޯއަކުން ވަކިކުރި އެކްޓަރަކު ކޯޓަށް

ވެކްސިން ނުޖެހުމުން "ޖެނެރަލް ހޮސްޕިޓަލް" ޝޯއިން ވަކިކުރި އެކްޓަރަކު ދައުވާކޮށްފި

15 ޑިސެމްބަރ 2021

އެެމެރިކާގެ އެންމެ ޒަމާންވީ ޓީވީ ޝޯ "ޖެނެރަލް ހޮސްޕިޓަލް" ގައި މަސައްކަތް ކުރާތާ 25 އަހަރުވީ އެކްޓަރަކު ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެދުމުން އޭނާ އެއިން ވަކިކޮށްފައި ވާތީ އޭބީސީ ނެޓްވޯކަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެެމެރިކާގެ އެންމެ ޒަމާންވީ ޓީވީ ޝޯ "ޖެނެރަލް ހޮސްޕިޓަލް" ގައި މަސައްކަތް ކުރާތާ 25 އަހަރުވީ އެކްޓަރަކު ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެދުމުން އޭނާ އެއިން ވަކިކޮށްފައި ވާތީ އޭބީސީ ނެޓްވޯކަށް ދައުވާކޮށްފި އެވެ.

ޑިޒްނީގެ ދަށުން ހިންގާ އޭބީސީގެ "ޖެނެރަލް ހޮސްޕިޓަލް" ގައި ޖޭސްޕާ ޖެކްސްގެ ރޯލު ކުޅެމުން އައި 50 އަހަރުގެ އިންގޯ ރެޑްމޭޝާ އެއިން ވަކިކުރީ ކާސްޓާއި ކްރޫގައި ހިމެނޭ އެންމެންނަށް ވެކްސިން ޖެހުމުގެ މަސައްކަތްކުރި އިރު، އޭނާ އެކަމަށް ދެކޮޅު ހެދުމުން މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

އެ ޝޯއިން ވަކިކުރި ވާހަކަ އޭނާ ހާމަކުރީ އިންސްޓަގްރާމް ވީޑިއޯއެއްގައި މި މަހުގެ 6 ގަ އެވެ.

އެ މައްސަލާގައި އޭނާ އޭބީސީގެ އަތުން ގެއްލުމުގެ ބަދަލު ވެސް ހޯދަން ދައުވާކުރާ އިރު، އިންގޯގެ ވަކީލުންގެ ޓީމްގައި އިސްކޮށް ހުންނެވީ އެމެރިކާގެ ކުރީގެ ރައީސް ޖޭއެފް ކެނެޑީގެ އާއިލާ އަށް ނިސްބަތްވާ ރޮބަޓް އެފް ކެނެޑީ ޖޫނިއާ އެވެ.

އޭބީސީ އަށް އިންގޯ ކުރާ ދައުވާގައި ބުނެފައި ވަނީ އޭނާ ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެދީ ދީނީ ގޮތުން އަމިއްލަ ސަބަބަކާ ހެދި ކަމަށާއި ވެކްސިން ނުޖެހުމަކީ ލިބިގެންވާ ހައްގެއް ކަމަށެވެ. އެހެންވެ، ވެކްސިން ޖަހަން މަޖުބޫރު ނުކުރެވޭނެ ކަމަށާއި އެފަދަ ބާރެއް އެތަނަށް ލިބިގެން ނުވާ ކަމަށް ބުންޏެވެ.

"އަހަރެން ވެކްސިން ނުޖަހަން ނިންމި ސަބަބު ވަރަށް ސާފުކޮށް އޮންނާނީ ކިޔައި ދީފައި. އެހެންވީމަ ވެކްސިން ޖަހަން މަޖުބޫރު ކުރުމަކީ އަހަރެންގެ އަމިއްލަ މިނިވަން ކަމަށާއި ޕްރައިވެސީ އަށް ވެސް އަރައިގަތުމުގެ އަމަލެއް." އިންގޯގައި ދައުވާގައި ބުންޏެވެ.

އޭބީސީ އަށް ކުރާ ދައުވާގައި އިންގޯ އެދިފައި ވަނީ ލިބުނު ގެއްލުމަށް ބަދަލު ނަގައި ދިނުމާ އެކު، އެ ނެޓްވޯކްގެ ވެކްސިން ޖަހަން ލާޒިމުކުރާ އުސޫލު ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް ބަދަލަށް ނަގައިދޭން އެދުނު އަދަދެއް ހާމައެއް ނުކުރެ އެވެ.

ވެކްސިން ޖަހަން ދެކޮޅު ހެދުމުން "ޖެނެރަލް ހޮސްޕިޓަލް" ގެ އެހެން އެކްޓަރަކު ވެސް މިދިިޔަ މަހު އެއިން ވަކިކުރި އެވެ. އެއީ އޭގައި ޖޭޒަން މޯގަންގެ ރޯލު ކުޅެމުން އަންނަތާ 29 އަހަރުވީ ސްޓީވް ބާޓަން، 51، އެވެ.

"ޖެނެރަލް ހޮސްޕިޓަލް" އަކީ 1963 އިން ފެށިގެން ދައްކަމުން އަންނަ ސޯޕް އޮޕެރާއެކެވެ.