Roadha Mihaaru
ޕާކިސްތާނުގައި ސިމް ބްލޮކްކުރާތީ ވެކްސިން ޖެހުން އިތުރު

ސިމް ބްލޮކްކުރާނެކަމުގެ އިންޒާރާ އެކު ޕާކިސްތާނުގައި ކޮވިޑް ވެކްސިން ޖަހާ މީހުން އިތުރުވެއްޖެ

06 އޯގަސްޓް 2021

ޕާކިސްތާނުގައި ކޮވިޑް-19 ގެ ވެކްސިން ޖަހާ މީހުންގެ ނިސްބަތް ދަށްކަމުން، ވެކްސިން ނުޖަހާ ނުވަތަ ޖަހަން ދެކޮޅު ހަދާ މީހުންގެ ފޯނު ސިމް ކާޑް ބްލޮކްކުރާނެކަމުގެ އިންޒާރު ދިން ފަހުން ވެކްސިން ޖަހާ މީހުން އެ ގައުމުގައި އިތުރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާކިސްތާނުގައި ކޮވިޑް-19 ގެ ވެކްސިން ޖަހާ މީހުންގެ ނިސްބަތް ދަށްކަމުން، ވެކްސިން ނުޖަހާ ނުވަތަ ޖަހަން ދެކޮޅު ހަދާ މީހުންގެ ފޯނު ސިމް ކާޑް ބްލޮކްކުރާނެކަމުގެ އިންޒާރު ދިން ފަހުން ވެކްސިން ޖަހާ މީހުން އެ ގައުމުގައި އިތުރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ޕަންޖާބްގެ އެކިއެކި ޕްރޮވިންޝަލް ސަރުކާރުތަކުން ވަނީ ވެކްސިން ނުޖަހާ މީހުންގެ ސިމް ބްލޮކުރުމާ އެކު ފަދަ އެ މީހުންނަށް އޮފީސްތަކާއި ޝޮޕިން މޯލްތަކާއި ރެސްޓޯރަންޓްތަކާއި އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުން ނުކުރެވޭނެ ކަމަށް އަންގަން ފަށައިފަ އެވެ. އަދި ވެކްސިން ނުޖަހާ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ވެސް ނުދޭނެކަމުގެ އިންޒާރު ސަރަހައްދީ ބައެއް ސަރުކާރުތަކުން ދީފައިވެ އެވެ.

އޭގެ ފަހުން ވެކްސިން ޖަހާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ، ވެކްސިން ސެންޓަރުތަކުގެ ކައިރީގައި ކިއޫތައް ދިގުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

ޕާކިސްތާނަކީ ޒަމާނުއްސުރެ ވެކްސިންއާ ވަރަށް ދެކޮޅު ވިސްނުންތަކެއް ގެންގުޅޭ ބަޔަކު އުޅޭ ގައުމެކެވެ. އެހެންވެ ކޮވިޑްގެ ވެކްސިން ދޭން ފެށި ނަމަވެސް، ބަލި ކޮންޓްރޯލްކޮށް، އާންމު ހާލަތަކަށް ގައުމު ގެންދަން ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވެ އެވެ.

ސިމް ބްލޮކްކުރާނެ ކަމުގެ އިންޒާރުގެ ފަހުން ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވާން ފެށީ ފޯނަކީ މިހާރު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ބަރޯސާވާން ޖެހޭ ވަސީލަތަކަށްވުމުން، ފޯނާ ނުލައި އުޅެވެން ނެތުމުންނެވެ.

ބޭންކެއްގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށްވާ އަބްދުލް ރައޫފު ބުނި ގޮތުގައި އޭނާ ވެކްސިން ޖެހީ އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ.

"ކޮރޯނާ ވައިރަހަށް ބިރަކުން އަހަރެން ނޫޅެން. އެކަމަކު ވެކްސިން ޖެހީ އެ ނުޖަހައިފި ނަމަ އަހަރެން ކާންބޯންކުރާ މަސައްކަތް ވެސް ހުއްޓިދާނެތީ." އޭނާ ރޮއިޓާޒް އަށް ބުންޏެވެ.

ޕާކިސްތާނުން ކޮވިޑްގެ ކަންކަން ބަލަހައްޓަން އުފެއްދި ނެޝަނަލް ކޮމާންޑް އެންޑް އޮޕަރޭޝަންސް ސެންޓަރުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 220 މިލިއަންގެ މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނުގައި މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރީ އެންމެ 6.7 މިލިއަން މީހުންނެވެ.

އެ ގައުމުން މިހާތަނަށް ކޮވިޑް ބަލީގައި 23،600 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ވެކްސިން ޖަހާ ނިސްބަތް ދަށްކަމުން، ވެކްސިން ޖަހަން ހިތްވަރުދޭން ތަފާތު އެކި ކަހަލަ ކަންކަން އަންނަނީ ކުރަމުންނެވެ.