Roadha Mihaaru
ވެކްސިންނުޖަހާ މީހުންނާ ބައްދަލެއް ނުކުރަން: އެނިސްޓަން

ވެކްސިން ނުޖަހާ މީހުންނާ މިހާރު ބައްދަލެއްނުކުރަން: އެނިސްޓަން

09 އޯގަސްޓް 2021

ކޮވިޑް-19 ގެ ވެކްސިން ނުޖަހާ މީހުންނާ މިހާރު ބައްދަލުކޮށް ނޫޅޭ ކަމަށާއި އެހެންވެ މިހާރު ބައެއް އެކުވެރިން ވެސް ގެއްލިފައިވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ވެކްސިން ނުޖަހާ މީހުންނާ މިހާރު ބައްދަލުކޮށް ނޫޅޭ ކަމަށާއި އެހެންވެ މިހާރު ބައެއް އެކުވެރިން ވެސް ގެއްލިފައިވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން ބުނެފި އެވެ.

ކުރީގެ ސިޓްކޮމް "ފްރެންޑްސް" އިން މަޝްހޫރުވި 52 އަހަރުގެ ބަތަލާ "އިން ސްޓައިލް" މެގަޒިން އަށް ދިން އިންޓަވިއުއްގައި އެ ވާހަކަ ދެއްކުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އެއްޗެހި ވެސް ގޮވާފައިވެ އެވެ.

ދިފާއުގައި އެނިސްޓަން ބުނީ ވެކްސިން ނުޖަހާ މީހުންނާ ބައްދަލުކުރާ ނަމަ ތިމާގެ އަމިއްލަ ސިއްހަތު ނުރައްކަލަށް ހުށަހެޅުމުގެ އިތުރަށް، އެކަމާ ހެދި ތިމާގެ ފަރާތުން އެހެން މީހުންނަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ވިސްނަންވީ ހަމައެކަނި އަމިއްލަ ނަފުސާ ދޭތެރެއަކު ނޫން. މި ބަލިމަޑުކަމުން އަހަރެމެންނަށް އަރައިގެނެވޭނީ އެންމެން ވެސް ވެކްސިން ޖަހައި ފަރުދީ ޒިންމާ އަދާކޮށްގެން،" ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ބަތަލާ ބުންޏެވެ.

އެނިސްޓަން ބުނި ގޮތުގައި ވެކްސިން ނުޖަހާ ނުވަތަ އެކަން ކުރިކަން ކަށަވަރުކޮށް ނުދޭ މީހުންނާ ބައްދަލުކުރުން ހުއްޓައިލި ފަހުން، ކުރިން އާންމުކޮށް އޭނާއާ ދިމާވާ ވަރަށް ގިނަ ރައްޓެހިންނާ މިހާރު ދުރު ކަމަށެވެ.

"މިކަމަކާ ހެދި ބައެއް ރައްޓެހިން ގެއްލިއްޖެ. އެކަމަކު އަހަރެންގެ އެ ނިންމުމަކީ އަމިއްލަ ސިއްހަތާއި އެހެން މީހުންގެ ސިއްހަތަށް ވެސް ވިސްނާތީ ނިންމި ނިންމުމެއް،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެނިސްޓަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަދިވެސް ކޮވިޑްގެ ވޭރިއަންޓްތަކުން ސަލާމަތްނުވެވި، ފުރާނަ އަށް ނުރައްކާވެދާނެކަމުގެ ބިރު އޮތަސް އެމެރިކާގެ ވަރަށް ގިނަ ބަޔަކު ވެކްސިނާ ދެކޮޅެވެ.

"ބައެއް މީހުން ބޭނުމެއް ނުވޭ ހަގީގަތް ގަބޫލުކުރާކަށް. އެއީ ލަދުވެތިކަމެއް." އެނިސްޓަން ބުންޏެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެމެރިކާގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ނިސްބަތަކީ 50.5 ޕަސެންޓްވެ. އެއީ 166 މިލިއަން މީހުންނެވެ.