Roadha Mihaaru
ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް

ކޮވިޑް ވެކްސިން ޖަހަން ހިތްވަރުދޭން އެމެރިކާގައި 100 ޑޮލަރުގެ ބޯނަހެއް ދެނީ

31 ޖުލައި 2021

އެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން ޖަހާ މީހުންގެ ނިސްބަތް މަދުކަމުން ވެކްސިން ޖަހަން ހިތްވަރު ދިނުމުގެ ގޮތުން، އަލަށް ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް ދޭން ސްޓޭޓް ސަރުކާރުތަކަށް ރައީސް ޖޯ ބައިޑެން ގޮވާލައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން ޖަހާ މީހުންގެ ނިސްބަތް މަދުކަމުން ވެކްސިން ޖަހަން ހިތްވަރު ދިނުމުގެ ގޮތުން، އަލަށް ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް ދޭން ސްޓޭޓް ސަރުކާރުތަކަށް ރައީސް ޖޯ ބައިޑެން ގޮވާލައްވައިފި އެވެ.

މިކަމާ ގުޅިގެން ޓްރެޝަރީ ޑިޕާޓްމަންޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް ވެކްސިން އަލަށް ޖަހާ މީހުންނަށް 100 ޑޮލަރު ދޭން ފަށާ ޕްރޮގްރާމް ވަރަށް އަވަހަށް ރަސްމީކޮށް ފަށާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖައްސާނީ "އެމެރިކަން ރެސްކިއު ޕްލޭން" ގެ ދަށުން ކަމަށާއި މިކަން ކުރިއަށް ގެންދާނީ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސެސްއާ ގުޅިގެން ކަމަށް ބުންޏެވެ.

އަލަށް ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް ސްޓޭޓްތަކުން ދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ވާހަކަ ޓްރެޝަރީ ޑިޕާޓްމަންޓުން އިއުލާންކުރުމުގެ ކުރިން މިދިޔަ ހަފުތާގެ ފަހުކޮޅު ނިއު ޔޯކް ސިޓީން ވަނީ ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް ދޭން ނިންމައިފަ އެވެ. އަދި އެ ޕްރޮގްރާމް ހުކުރު ދުވަހު ފަށާފައިވެ އެވެ.

ނިއު ޔޯކްގެ މޭޔަރު ބިލް ޑި ބްލާޒިއޯ ވިދާޅުވި ގޮތުގައި ވެކްސިން އަލަށް ޖަހާ މީހުންނަށް ބޯނަހެއް ދޭން ފެށުމުން ވެކްސިން ޖަހާ މީހުންގެ ނިސްބަތް އިތުރުވެ، މިކަމުގެ ސަބަބުން ހެޔޮ ނަތީޖާތަކެއް ނުކުންނަން ފަށާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމެރިކާގެ ވެކްސިން ޕްރޮގްރާމް ސަރުކާރުން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ނުދާތީ އާއި ވެކްސިން ޖަހާ މީހުންގެ އަދަދު ނިސްބަތުން މަދުކަމުން މިދިޔަ ހަފުތާގައި ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒް (އެންއައިއޭއިޑީ) ގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވެސް ކަންބޮޑުވުން ފާޅުުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ވެކްސިން ޕްރޮގްރާމްގެ މިސްރާބު ހުރީ ސީދާ ނޫން ކަމަށާއި އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރުގެ ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެ އަދި އެ ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ގައުމުގެ ގޮތުގައި ފާހަގަކުރެވޭ އެމެރިކާގެ އާބާދީ 332.9 މިލިއަނަށް ވުރެ ބޮޑެވެ. އެމެރިކާގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ނިސްބަތް އުޅެނީ 49.9 ޕަސެންޓުގަ އެވެ. އެއީ 164 މިލިއަން މީހުންނެވެ.