Roadha Mihaaru
ވޭސްޓް އެނާޖީ ޕްރޮޖެކްޓުން ކުންޏަށް ބޮޑު ހައްލެއް

ވޭސްޓް އެނާޖީ ޕްރޮޖެކްޓުން ކުނީގެ 60 ޕަސެންޓް ހައްލުވާނެ: މިނިސްޓަރު

15 ޑިސެމްބަރ 2021

ކުނީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، ވޭސްޓް އެނާޖީ ޕްރޮޖެކްޓު 2023 ވަނަ އަހަރު ނިމުމުން، ރާއްޖޭގައި އުފައްދާ ކުނީގެ 60 ޕަސެންޓް ހައްލުވެގެންދާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުނީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، ވޭސްޓް އެނާޖީ ޕްރޮޖެކްޓު 2023 ވަނަ އަހަރު ނިމުމުން، ރާއްޖޭގައި އުފައްދާ ކުނީގެ 60 ޕަސެންޓް ހައްލުވެގެންދާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ބޭރުގެ ހަ ފަރާތެއްގެ އެހީގައި ފަށާފައިވާ މަޝްރޫއުގެ ދެ ވަނަ ފިޔަވަހި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ 1991 ވަނަ އަހަރުން ފެށިގެން ތިލަފުއްޓަށް ކުނި ޖަމާކޮށް، އަންދަމުން ދިޔައީ އެއްވެސް ހަމައެއްލަމައެއް ނެތި ކަމަށެވެ. އެކަމުގެ ސަބަބުން އެ ގޮނޑު އާއްމު ނުރައްކަލަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޮނޑުގެ އަލިފާންގަނޑުތައް ދުވަހަކު ވެސް ނުނިވޭ. ތިލަފުށިން އަރާ ވިހަ ދުމުގެ އަސަރު މާލެއާ މާލެ ސަރަހައްދުގެ ހުރިހާ ރަށަކަށް ވެސް ކުރޭ. ތިލަފުށީގެ ވެލިގަނޑުގެ ޓެސްޓުތައް އަޅުގަނޑުމެން ހަދައި ބެލިއިރު ކަންބޮޑުވާ އެތައް ކަމެއް އެބަހުރި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ވޭސްޓް އެނާޖީ ޕްރޮޖެކްޓުގެ ދެ ވަނަ ފިޔަވަހި ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެންވަޔަރްމަންޓު މިނިސްޓަރު ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވޭސްޓް އެނާޖީ ޕްރޮޖެކްޓުގެ ދެ ވަނަ ފިޔަވަހި ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެންވަޔަރްމަންޓު މިނިސްޓަރު ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ތިލަފުށި ފުރި އިތުރަށް ކުނި ޖަމާނުކުރެވޭ މިންވަރަށް ކަންކަން ގޯސްވުމާއި ރާއްޖޭގެ އެކި ސަރަހަައްދުތަކުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތަކެއް ނެތުމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށަކުން ތިލަފުށީގެ މިސާލު ފެންނަން ފަށާފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

ރަށްރަށުގައި އުފެދުނު ކުނިތައް އެތައް އަހަރެއް ވަންދެން ރަށުން ބޭރުނުކުރެވުމުން ރާއްޖޭގެ ކޮންމެ ރަށެއް ގާތްގަނޑަކަށް ކުނި ވާން ފަށާފައިވާ ކަމަށާއި އެކަމުގެ ނުރަނގަޅު އަސަރު އާއްމު ސިއްހަތަށާއި އާއްމު ދިރިއުޅުމަށް ވެސް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ތާހިރު ދިރިއުޅުމަކަށް އޮތް ހުރަހެއް. ރާއްޖެ ފަދަ ގައުމެއްގައި ކުނި މެނޭޖުކުރުމަކީ ދަތިކަމެއް. އަގު ވެސް ބޮޑުކަމެއް. ރަށްތަކުގެ ބިން ކުޑަވުމާއި ދިރިއުޅުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗަކީ އިމްޕޯޓުކޮށްފައިވާ ތަކެއްޗަށް ވުމާއި މެދުފަންތީގެ ގައުމަށްވުމާއެކު ކުނި އުފެދޭ މިންވަރު މި ދަނީ ވަރަށް ބާރު ސްޕީޑުގައި އިތުރުވަމުން،" ޝައުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުނި އިތުރުވަމުން ދިޔަ ނަމަވެސް އިންތިޒާމެއްގެ ތެރެއިން ކުނި ނައްތާލެވޭނެ ގޮތެއް މިހާތަނަށް ހަމަޖެހިފައި ނެތް ކަމަށެވެ.

އެކަމަކު 2018 ވަނަ އަހަރު ފެށި 304 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ މަޝްރޫއު އެއްކޮށް ނިމުމުން އެ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެންވަޔަރްމަންޓް މިނިސްޓްރީން ދީފައިވެ އެވެ.

ތިލަފުށީގައި ކުނި އެންދިއިރު، އެ ރަށް އޮތް ހާލަތު.--

ތިލަފުށީގައި ކުނި އެންދިއިރު، އެ ރަށް އޮތް ހާލަތު.--

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިންފްރަސްޓްރަކްޗާ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ތިލަފުށިން ފެންނަ ބޮޑު ގޮނޑު އެއްފަރާތްކުރުމާއި ކުނި ގެންނާނެ ހާބަރު ހެދުން ހިމެނެ އެވެ. އެއަށްފަހު ކުނި ގެނެސް، ކިރައި ބައިބައި ވަކިކޮށް ޝްރެޑުކުރުމަށްފަހު ބެއިލްކުރެވޭނެ އެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި އއ. އދ. އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނިކޮށި ގާއިމްކޮށް އެ ތަންތަން މަރާމާތުކުރުމާއި ކުނި ނަގާނެ ވަސީލަތްތައް ކޮންމެ ރަށަކަށް ވެސް ފޯރުކޮށްދެވޭނެ އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޭސްޓު ޓްރާންސްފާ ކަލެކްޝަން ސެންޓަރެއް ހެދުމަށް ސޮއިކޮށް، އެ ސެންޓަރުން ތިލަފުއްޓަށް ކުނި ގެންދާނެ އުޅަނދުތައް ގަންނަން ވެސް ހަވާލުކޮށްފައިވެ އެވެ.

ދެ ވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރޭގައި ވޭސްޓު އެނާޖީ ޕްލާންޓު ގާއިމްކުރުން ހިމެނެ އެވެ. އެކަން ކުރުމަށް ސްޕެއިންގެ އުރުބާސާ ނަމަކަށް ކިޔާ ކުންފުންޏަކާއެކު 15 އަހަރުގެ ޑިޒައިން އެންޑް ބިލްޑު އަދި އޮޕަރޭޓް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަކީ މުޅި ތިލަފުށީގެ މަލަމަތި އެއްކޮށް ބަދަލުކޮށް، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖުކުރުގެ ބިންގާ ކަމަށެވެ.

"އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުން. މި ފަށައިގަނެވުނީ މި މިސްރާބަށް ދިވެހިރާއްޖެ ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް. މި މަސައްކަތް 2023 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން،"