Roadha Mihaaru
ބްލެކްމެއިލްކޮށް 2000 ޑޮލަރު ފޭރުނު ބަޔަކު ހައްޔަރު

ބްލެކްމެއިލްކޮށް، 2،000 ޑޮލަރު ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

15 ޑިސެމްބަރ 2021

މީހަކު ބްލެކްމެއިލްކޮށް، އެމީހާގެ އަތުން 2،000 ޑޮލަރު ފޭރުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީހަކު ބްލެކްމެއިލްކޮށް، އެމީހާގެ އަތުން 2،000 ޑޮލަރު ފޭރުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މއ. ކްލޫވޭވް، އަހްމަދު ނަބީލް، 27، އާއި ގ. ބެރުގެ އަލީ އީޝާދު، 28، އެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ މީހަކަށް ބިރުދައްކައި، ބްލެކްމެއިލްކޮށް، ފައިސާ ފޭރިގަތުމެވެ.

ކްރިމިނަލް ކޯޓުގެ އަމަރުގައިވާ ގޮތުން އަހްމަދު ނަބީލްގެ އެކައުންޓަށް، އަނިޔާވި މީހާގެ އެކައުންޓުން 2،000 ޑޮލަރު ޓްރާންސްފާކޮށްފައިވެ އެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރިއިރު، އޭނާގެ އަތުން 24،000ރ. ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. މި ކަހަލަ އެހެން މައްސަލަތަކާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި އެކި ފަހަރު މަތިން އޭނާ ކުރިން ވެސް ހައްޔަރުކޮށްފައިވެ އެވެ.

މި މައްސަލައިގައި އަލީ އިޝާދަށް ތުހުމަތު ކުރަނީ އަހްމަދު ނަބީލްއާ ގުޅިގެން މި ކުށުގައި ބައިވެރިވުމެވެ. އަދި އޭނާ އެކަން ކުރަނީ ސޯޝަލް މީޑިއާ އެޕެއް ބޭނުންކޮށްގެން ކަމަށްވެ އެވެ. އޭނާއާ ގުޅޭ މި ކަހަލަ އިތުރު އެހެން މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި އެކި ފަހަރު މަތިން އޭނާ މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވެ އެވެ.

ބްލެކްމެއިލްކޮށް، މީހުންގެ އަތުން ފައިސާ ފޭރުމުގެ މައްސަލަތައް މި ދުވަސްވަރު މާލޭގައި ވަނީ އިތުރުވެފަ އެވެ.

ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ މީހުންނަށް އޮޅުވާލައިގެން ގެސްޓްހައުސްތަކަށް ގެންގޮސް ބަރަހަނާކޮށް، ކިޑްނެޕްކޮށްގެން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ހިމެނެނީ އެއް ނެޓްވޯކެއްގެ މީހުން ކަމަށާއި، މި ކުށްކުރުމުގައި އެ މީހުން 18 އަހަރު ނުވާ އަންހެން ކުއްޖަކު ވެސް ބައިވެރިކޮށްފައިވާ ކަަމަށެވެ.

ބޮޑެތި އަދަދުތަކުން ފައިސާ ފޭރެމުންދާ ނެޓްވޯކްގެ މީހުން، މިހާތަނަށް ތިން މީހެއްގެ އަތުން ފައިސާ ފޭރިގެންފައިވާ ފުލުހުން ބުންޏެވެ.

އެ ނެޓްވޯކުން އެ މީހުން ބޭނުންވާ ތަންތަނަށް މީހުން ގެންދަނީ ސްނެޕްޗެޓް މެދުވެރިކޮށް، ވާހަކަ ދައްކައި ބައްދަލުކުރަން އެދޭ ކަމަށް ބުނެ އޮޅުވާލައިގެންނެވެ. އެގޮތަށް ގެންދާ މީހުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ފަހު، އެކި ފަހަރުމަތިން، ފައިސާ ހޯދަނީ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެންނެވެ.