Roadha Mihaaru
ގާނޫނާ ހިލާފުވި މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީގައި

ނާޖާއިޒު ފައިދާ ހޯދައިދިން ވިލިނގިލީ މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީގައި

16 ޑިސެމްބަރ 2021

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ޚިލާފަށް ވިމްސްއަށް ފައިސާދޫކުރި މައްސަލައިގައި ކުރީގެ ފަނޑިޔާރު އަހްމަދު ޝުކޫރަށް ފިޔަވަޅު އަޅައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ޚިލާފަށް ވިމްސްއަށް ފައިސާދޫކުރި މައްސަލައިގައި ކުރީގެ ފަނޑިޔާރު އަހްމަދު ޝުކޫރަށް ފިޔަވަޅު އަޅައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ.

ޝުކޫރު ވަނީ އޭނާގެ ނުފޫޒުން ވިމްސްއަށް 1.7 މިލިއަން ރުފިޔާ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ހޯދައިދީފަ އެވެ. ދެ ކުންފުންޏެއްގެ ދެމެދު ހިނގި މުއާމަލާތެއް އެ ކޯޓުން ބަލައި ފައިސާ ދޭން ޖެހޭ އަދަދަށް ވުރެން އިތުރަށް އޭނާ ނަގައިދިނީ ގާނޫނުއަސާސީ އާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަން ހައި ކޯޓުގެ ހުކުމުގައި އެނގެން އެބައޮތެވެ.

އެ ހުކުމުގައި އޮތީ ބާތިލްކޮށްފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށް ފިނޭންސުން ދޫކުރި ފައިސާއެއް ކަން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އެނގި ހުރެ އަދި އެ ފައިސާ ދޫކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގެ ސިޓީ އިސްލާހުކުރަން އެ ކޯޓުން އަމިއްލަ އަށް އެދިފައި އޮތުމުން އަންގައިދެނީ މިއީ ނާޖާއިޒު ގޮތެއްގައި ދައުލަތުގެ ފައިސާ ބަޔަކަށް ދިނުމަށްޓަކައި ޖާއިޒު ސޫރައެއް ދެއްކުމަށް ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޝަރީއަތްކުރުމުގެ މަރުހަލާ ނަހަމައިން ބޭނުންކޮށްފައިވާ މައްސަލައެއް ކަމެވެ.

ޖޭއެސްސީން ބުނީ ވިމަސް އަށް ފައިސާ ދޫކުރި މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ އޮކްޓޯބަރު، 2020 ގަ އެވެ. މައްސަލަ ދިރާސާކޮށް އެކަމުގައި ފާހަގަވި ކަންކަމާ އެކު އޭސީސީއަށް ޝުކޫރުގެ މައްސަލަ ޖޭއެސްސީން ފޮނުވީ މި އަހަރުގެ ޖެނުއަރީގަ އެވެ.

"މި ކޮމިޝަނުން ކުރި ދިރާސާއަށް ފާހަގަވެފައި ވަނީ އެކަމަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރު، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށެވެ،" ޖޭއެސްސީން ބުންޏެވެ.

އޭނާގެ ގާނޫނާ ހިލާފު މި އަމަލު ފާހަގަވީ، އެހެން މައްސަލަތަކެއް ދިރާސާކުރަމުން ދަނިކޮށެވެ. އެ މައްސަލަތައް އޭނާއަށް ސާބިތުވެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކޮމިޝަނުން ނިންމުމާ ގުޅިގެން އިސްތިއުފާ ދެއްވީ އެވެ.

އޭނާ އިސްތިއުފާ ދެއްވިއިރު ޖޭއެސްސީން ބަލަމުން އައީ ގއ. މާމެންދޫ ކޯޓުގައި ހުންނަވައި ހިންގި ކަމަށް ތުހުމަތުކުރެވޭ ގާނޫނާ ހިލާފު ކަންކަމެވެ.