Roadha Mihaaru
ވިމަސް އަށް އިތުރަށް ދިން ފައިސާ ހޯދަން ލަފާދީފި

ވިމަސް ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓުން ލަފާދީފި

19 ޑިސެމްބަރ 2021

ސުނާމީގައި ގެއްލުން ލިބުނު ގެތަކުގެ މަސައްކަތުގައި އުޅުނު ވިމަސް މޯލްޑިވްސް ކުންފުންޏަށް ގއ. ވިލިނގިލީ ކޯޓުން އިތުރަށް ދޫކުރި 1.7 މިލިއަން ރުފިޔާ ހޯދަން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ލަފާދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސުނާމީގައި ގެއްލުން ލިބުނު ގެތަކުގެ މަސައްކަތުގައި އުޅުނު ވިމަސް މޯލްޑިވްސް ކުންފުންޏަށް ގއ. ވިލިނގިލީ ކޯޓުން އިތުރަށް ދޫކުރި 1.7 މިލިއަން ރުފިޔާ ހޯދަން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ލަފާދީފި އެވެ.

ދެ ކުންފުންޏެއްގެ ދެމެދު ހިނގި މުއާމަލާތެއްގެ މައްސަލަ ވިލިނގިލީ ކޯޓުން ބަލައި، ފައިސާ ދޭން ޖެހޭ އަދަދަށް ވުރެ އިތުރަށް ނަގައިދިނީ އެ މައްސަލަ ހައި ކޯޓުން ބާތިލް ކޮށްފައި ވަނިކޮށެވެ. އެހެންވެ، އެކަން ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަން، ފައިސާ ދޫކުރުމަށް އެ ކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރުގައި ވެ އެވެ.

އެ މައްސަލަ ހިނގައިދިޔަ ގޮތުގެ އޮޑިޓް ހެދުމަށް ފަހު، އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނީ ފިލިޕިންސްގެ ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް (ޕީބީޑީސީ) އަށް ފައިސާ ދިނުމަށް މެޖިސްޓްރޭޓް ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ކުރި ހުކުމަށް ބަލާއިރު، ޕީބީޑީސީ އާއި ވިމަސް މޯލްޑިވްސްއާ ދެމެދު ހިނގާފައިވާ މުއާމަލާތާ ގުޅިގެން ދައުލަތުން އެ ކުންފުންޏަށް ނަގައިދެވޭނީ ޕީބީޑީސީން ކޮށްފައިވާ މަސައްކަތުގެ އަސްލު އަގުގެ ގޮތުގައި ހޯދަން އެދިފައިވާ 72،500ރ. ކަމަށެވެ.

މިއީ ދޭން ޖެހޭ ފައިސާއެއް ކަމަށް ޕީބީޑީސީން އެއްބަސްވުމުން، ހުކުމް އައީ އެ ފައިސާ ދައްކައި ހަލާސް ކުރާށެވެ. އެކަމަކު، މާލީ ހާލަތު ދަށްވެގެން ކަމަށް ބުނެ ވިލިނގިލީ ކޯޓުގެ ހުކުމާ އެއްގޮތަށް ފިލިޕީންސްގެ ކުންފުނިން އެ ފައިސާއެއް ނުދެއްކި އެވެ.

އެ މައްސަލަ ވިލިނގިލީ ކޯޓަށް ވިމަސް އިން ހުށަހަޅައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އެނގުނީ ޕީބީޑީސީން މަސައްކަތް ކުރުވައި، ނުދެވި ހުރި ފައިސާ ހައުސިން މިނިސްޓްރީން ދޭން އެއްބަސްވެފައި އޮތް ކަމެވެ. އެހެންވެ، ވިލިނގިލީ ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކުރީ ފުރަތަމަ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއާ އާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 1.8 މިލިއަން މަހެއްހާ ދުވަހުގެ ތެރޭގައި އެ ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށެވެ. އެކަމަކު ޖޫރިމަނާ ފައިސާ ދައްކަން ދައުލަތުން ދެކޮޅު ހެދީ އެވެ.

ނަމަވެސް ވިމަސް ކުންފުންޏަށް ކޯޓުން ވަނީ 1،840،050ރ. ދީފަ އެވެ.

"ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޑިސެމްބަރު 31، 2018 ގައި ކުރެއްވި ހުކުމާ ގުޅިގެން އެ ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ 1،840،050ރ. ތެރެއިން 72،500ރ. ފިޔަވައި ބާކީ ހުރި 1،767،550ރ. އަކީ ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއް ނޫންކަން ފާހަގަކުރެވެ އެވެ،" އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ނިންމުމުގައި ބުންޏެވެ.

އެ ރިޕޯޓުގައި ވަނީ ޕީބީޑީސީއަށް ކޮށްދިން އަސްލު މަސައްކަތުގެ އަގުގެ ގޮތުގައި ހޯދަން ހުށަހެޅި 72،500ރ. ފިޔަވައި ބާކީ ހުރި 1.7 މިލިއަން ރުފިޔާ ހޯދައި އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ލަފާދީފައިވާ ކަމަށެވެ.

ވިމަސް އަށް ދޭންޖެހޭ ފައިސާ އަށް ވުރެ އިތުރަށް ފައިސާ ދިނުމުގައި ޒިންމާވާ ފަރަތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން އެންގި އެވެ.