Roadha Mihaaru
ޓްރަމްޕުގެ ވާހަކަތަކުން ޗައިނާ ކަންބޮޑުވެއްޖެ

ޓައިވާނާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުން ޗައިނާ ކަންބޮޑުވެއްޖެ

12 ޑިސެމްބަރ 2016

ބެއިޖިން (ޑިސެމްބަރު 12) - ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލައިގަތުމާ ދުރު ވިސްނުމަކަށް ޑޮނަލްޑް ޓްރަމްޕުގެ ވާހަކަތައް ހުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޗައިނާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޑިސެމްބަރު 12) - ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލައިގަތުމާ ދުރު ވިސްނުމަކަށް ޑޮނަލްޑް ޓްރަމްޕުގެ ވާހަކަތައް ހުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޓީވީ އިންޓަވިއުއެއްގައި ޓްރަމްޕް އިއްޔެ ވިދާޅުވީ "ވަން ޗައިނާ" ސިޔާސަތު އޭނާ ކުރިއަށް ގެންދިއުމާ މެދު މުޅިން ޔަގީން ނުވާ ކަމަށެވެ. އަދި އެ ސިޔާސަތު ކުރިއަށް ގެންދާ ނަމަ ޗައިނާ އިން ވިޔަފާރީގައި ލުއިތަކެއް ލިބެން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މި ސިޔާސަތުގެ ދަށުން އެމެރިކާ އިން ރަސްމީ ގުޅުން އޮންނަން ޖެހޭނީ ޓައިވާނުގެ ބަދަލުގައި ޗައިނާއާ އެވެ. ޗައިނާ އިން ދެކެނީ ޗައިނާ އަކީ އެ ގައުމުގެ ވަކިވެފައިވާ ޕްރޮވިންސެއްގެ ގޮތުގަ އެވެ. އަދި ޓައިވާނުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށްފި ނަމަ ހަނގުރާމަ ކުރާނެ ކަމުގެ އިންޒާރު ޗައިނާ އިން ވަނީ ދީފަ އެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަން ޔި. --ފޮޓޯ:ރޮއިޓާސް

ޗައިނާގެ ޚާރިޖީ ވަޒީރު ވަން ޔި. --ފޮޓޯ:ރޮއިޓާސް

ޓައިވާން މައްސަލައިގެ ނާޒުކުކަމާ މެދު އިތުރަށް ވިސްނާ ވަޑައިގަތުމަށް ޗައިނާ އިން ވަނީ ޓްރަމްޕުގެ ކިބައިން އެދިފަ އެވެ. ޓައިވާންއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ނެތް ނަމަވެސް އެ ގައުމާ އެކު އެމެރިކާ އިން ގާތް ގުޅުމެއް ބާއްވަ އެވެ.

ޓައިވާން މައްސަލަ މިފަހުން ފެންމަތިވެފައި ވަނީ ޓައިވާނުގެ ރައީސް އަށް ޓްރަމްޕް ފޯނު ކޯލެއް ކުރެއްވުމާ ގުޅިގެންނެވެ. ފަހަކަށް އައިސް އެމެރިކާގެ އެއްވެސް ރައީސަކު ނުވަތަ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ބޭފުޅަކު ވެސް ޓައިވާނުގެ ވެރިއަކާ ސީދާ ވާހަކަ ދައްކަވައިފައެއް ނުވެ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެއީ ޑިޕްލޮމެޓިކް އުސޫލާ ޚިލާފު ކަމެއް ކަމަށާ އަދި އެކަމުގެ ޝަކުވާ ޗައިނާ އިން ރަސްމީކޮށް ވަނީ އެމެރިކާ ސަރުކާރަށް ހުށަހަޅައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ ޗައިނާގައި ބޭނުންކުރާ ފައިސާގެ އަގަށް ބަދަލު ގެނައުމާއި ނޯތު ކޮރެއާ އަދި ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ޗައިނާ އިން އެމެރިކާ އަށް އެއްބާރުލުން ނުދޭ ކަމަށެވެ.