Roadha Mihaaru
ތައިވާންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީންތަކެއް

ތައިވާންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި

10 އެޕްރީލް 2023

އަމިއްލަ މިނިވަން ގައުމެއް ކަމަށް ދައުވާކުރާ ތައިވާންގެ ވަށައިގެންވާ ކަނޑާއި ވައިގެ ސަރަހައްދުގައި، މިދިޔަ ހޮނިހިރު ދުވަހު ޗައިނާ އިން ފެށި އަސްކަރީ ތަމްރީންތަކުގެ ތެރޭގައި، ތައިވާނުގެ މުހިންމު ތަންތަނަށް ހަމަލާ ދޭނެ ގޮތުގެ ފަރިތަކުރުންތަކެއް އިއްޔެ ބާއްވައިފި އެވެ.

އަމިއްލަ މިނިވަން ގައުމެއް ކަމަށް ދައުވާކުރާ ތައިވާންގެ ވަށައިގެންވާ ކަނޑާއި ވައިގެ ސަރަހައްދުގައި، މިދިޔަ ހޮނިހިރު ދުވަހު ޗައިނާ އިން ފެށި އަސްކަރީ ތަމްރީންތަކުގެ ތެރޭގައި، ތައިވާނުގެ މުހިންމު ތަންތަނަށް ހަމަލާ ދޭނެ ގޮތުގެ ފަރިތަކުރުންތަކެއް އިއްޔެ ބާއްވައިފި އެވެ.

ޗައިނާ އިން އެ ސަރަހައްދުގައި އަސްކަރީ ތަމްރީންތަކެއް މި ފެށީ، ތައިވާންގެ ރައީސް ސައި އިންގް-ވެން، މިދިޔަ ހަފުތާގައި އެމެރިކާ އަށް ކުރެއްވި ޒިޔާރަތުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކެވިން މެކާތީއާ ބައްދަލު ނުކުރެއްވުމަށް ޗައިނާ އިން އިންޒާރު ކޮށްފައި ވަނިކޮށް، އޭނާއާ ބައްދަލުކުރެއްވުމުން އެކަމުގެ ރުޅީގަ އެވެ. ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ތާވަލުކޮށްފައިވާ މި ތަމްރީންތަކުގައި ޗައިނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ލަޝްކަރުތައް ބައިވެރިވެ އެވެ.

އިއްޔެގެ ތަމްރީނުތަކުގައި އެންމެ ފުރަތަމަ ފަރިތަކުރީ، ތައިވާން ވަށާލައި މުޅި ތައިވާން އެކުގައި ހިސޯރުކުރުމަށެވެ. މި ފަރިތަކުރުންތަކުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ތައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ހުރިހާ ދިމާލެއްގައި ހަރަކާތްތެރިވި އެވެ.

މިއަދު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފަރިތަކުރުންތަކުގެ ތެރޭގައި، ތައިވާންގެ މަޓްސޫ ޖަޒީރާ ކައިރީގައި ޗައިނާގެ މަނަވަރުތަކުން ހާއްސަ ތަމްރީނުތަކެއް ބާއްވާނެ އެވެ. މި ތަމްރީންތަކުގައި އަސްލު ވަޒަން ބޭނުންކޮށްގެން މަނަވަރުތަކުން ބަޑި ޖަހާނެ އެވެ.

ތައިވާނުން ބުނި ގޮތުގައި ޗައިނާގެ ވައިގެ ސިފައިންގެ ގާތްގަނޑަކަށް 70 މަތިންދާބޯޓު ތައިވާން ވަށައިގެން އިއްޔެ އެކި ފަހަރު މަތިން ބުރު ޖެހި އެވެ. އޭގެ ތެރޭގައި ބޮން އަޅާ ބޯޓުތަކާއި ރޮކެޓާއި މިސައިލުން ހަމަލާ ދިނުމަށް ބޭނުން ބޯޓުތަކުގެ އިތުރުން، ވައިގެ ތެރޭގައި ތެޔޮ އަޅައިދޭން ބޭނުންކުރާ ބޯޓުތައް ވެސް ހިމެނެ އެވެ. އަދި ތައިވާނާ ވަރަށް ކައިރިން ޗައިނާގެ 11 މަނަވަރު ވެސް އިއްޔެ ފެނިފައިވެ އެވެ.

ތައިވާން ސަރުކާރުން ބުނި ގޮތުގައި ޗައިނާ އިން މާ ކުރިން ބާއްވަން ރާވާފައި އޮތް އަސްކަރީ ތަމްރީންތަކެއް، މިފަހަރު މި ބޭއްވީ ތައިވާންގެ ރައީސް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅު ބަހަނާއަކަށް ހަދައިފަ އެވެ. އެ ދަތުރުން ޗައިނާ އަށް އެއްވެސް ނުރައްކަލެއް ނެތް އިރު، ޗައިނާ އިން މިހާރު ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކުގެ ސަބަބުން، އެ ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަށް ނުރައްކާވެފައިވާ ކަމަށް ތައިވާނުން ބުނެ އެވެ.

އެމެރިކާ އިން ބުނި ގޮތުގައި ތައިވާންގެ ރައީސް އެމެރިކާގެ ބައެއް ވެރިންނާ ބައްދަލުކުރެއްވުން ބަހަނާއަކަށް ހަދައިގެން ތައިވާނާ ދެކޮޅަށް އުދުވާނީ ހަރަކާތްތަކެއް ހިންގުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އަދި އެކަން ހުއްޓާލައި ހަމަޖެހުން ގާއިމުކުރުމަށް ވެސް އެމެރިކާ އިން ވަނީ ޗައިނާ އަށް ގޮވާލައިފަ އެވެ.

ތައިވާނާއި ޗައިނާއާ ދެމެދު އޮތް ހަމައެކަނި މައްސަލައަކީ، އަމިއްލަ މިނިވަން ގައުމެއް ކަމަށް ތައިވާނުން ދައުވާ ކުރުމެވެ. އެމެރިކާ އިން ތައިވާންގެ މިނިވަންކަން ރަސްމީކޮށް މިހާތަނަށް ގަބޫލު ނުކުރި ނަމަވެސް، ޗައިނާގެ ކޮންމެ އުދުވާނަކުން ތައިވާން ދިފާއުކޮށްދޭނެ ކަމަށް އެމެރިކާ އިން އަންނަނީ ބުނަމުންނެވެ.