Roadha Mihaaru
ޓައިވާނުން އެމެރިކާއަށް އަގު ދައްކަންޖެހޭނެ: ޓްރަމްޕް

ޗައިނާގެ ކިބައިން ދިފާއުކޮށްދޭތީ ޓައިވާނުން އެމެރިކާއަށް އަގު ދައްކަން ޖެހޭނެ: ޓްރަމްޕް

18 ޖުލައި 2024

ޗައިނާގެ ކިބައިން ޓައިވާން ދިފާއުކޮށްދޭތީ ޓައިވާނުން އެމެރިކާއަށް އަގު ދައްކަންޖެހޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކެވެމުން އޭނާގެ ވެރިކަމުގައި ޓައިވާނާ މެދު ގެންގުޅުއްވާނެ ސިޔާސަތަކާ މެދު ސުވާލު އުފެދިއްޖެ އެވެ.

ޗައިނާގެ ކިބައިން ޓައިވާން ދިފާއުކޮށްދޭތީ ޓައިވާނުން އެމެރިކާއަށް އަގު ދައްކަންޖެހޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކެވެމުން އޭނާގެ ވެރިކަމުގައި ޓައިވާނާ މެދު ގެންގުޅުއްވާނެ ސިޔާސަތަކާ މެދު ސުވާލު އުފެދިއްޖެ އެވެ.

އަންގާރަ ދުވަހު ބްލޫމްބާގް ބިޒްނަސްވީކްގައި ޝާއިއުކުރި ޓްރަމްޕްގެ އިންޓަވިއުއެއްގައި ވަނީ ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ގަބޫލުކުރާއިރު ޓައިވާން ދިފާއުކުރައްވާނަންތޯ ސުވާލުކޮށްފަ އެވެ.

"އަޅުގަނޑަށް ރައްޔިތުން ވަރަށް ރަނގަޅަށް އެނގޭ، ރައްޔިތުންނަށް ވަރަށް އިހުތިރާމް ކުރަން. އަޅުގަނޑުމެންގެ ޗިޕް ވިޔަފާރީގެ ގާތްގަނޑަކަށް 100 ޕަސެންޓް އެ މީހުން ނެގި. އަޅުގަނޑު ދެކޭ ގޮތުގައި ޓައިވާން ދިފާއުކޮށްދޭތީ އެމެރިކާއަށް އެކަމުގެ އަގު އަދާކުރަންޖެހޭނެ،" ބްލޫމްބާގުން ނެރުނު ޓްރާންސްކްރިޕްޓްގައި ބުނެފައިވެ އެވެ.

"އެމެރިކާ އަކީ އިންޝުއަރެންސް ކުންފުންޏެއް ނޫން. ޓައިވާނުން އަހަރެމެންނަށް އެއްވެސް އެއްޗެއް ނުދޭ."

އެމެރިކާއިން ޑިޕްލޮމެޓިކް ގޮތުން ޓައިވާން ބަލައިނުގަތަސް، އެމެރިކާ އަކީ ޓައިޕޭ އަށް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދޭ ގައުމެކެވެ. ދާދި ފަހުން ވެސް ވަނީ ޗައިނާ ހުއްޓުވުމުގެ މަގްސަދުގައި ކަމަށް ބުނެ އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އެހީގެ ޕެކޭޖެއް ފާސްކޮށްފަ އެވެ.

ޓައިވާނަކީ ދުނިޔޭގެ އިގްތިސާދުގައި މުހިންމު، އެޑްވާންސް މައިކްރޯޗިޕްތަކުގެ ބޮޑު ބައެއް އުފައްދަމުން އަންނަ އެ ވިޔަފާރީގެ ބޮޑު ބާރެކެވެ.

އެމެރިކާގައި ޗިޕް ފެކްޓްރީތައް ހަދަން އިންވެސްޓްކުރުމަށް ޝައުގުވެރިކުރުވުމަށް 2022 ވަނަ އަހަރު ފާސްކުރި ޗިޕްސް އެންޑް ސައިންސް ގާނޫނުގެ އެންމެ ބޮޑު މަންފާއެއް ހޯދާ އެއް ކުންފުންޏަކީ ޓައިވާން ސެމިކޮންޑަކްޓާ މެނުފެކްޗަރިން ކޮމްޕެނީ (ޓީއެސްއެމްސީ) އެވެ.

މި ގާނޫނާ އެކު ޓީއެސްއެމްސީން އެމެރިކާގައި ދެ ޕްލާންޓް ހަދަމުން އަންނަ އިރު، އޭޕްރީލް މަހު ތިން ވަނަ ޕްލާންޓް އަޅަން ނިންމައި އެކަން ވަނީ އިއުލާނުކޮށްފަ އެވެ. އެ ކުންފުނީގެ އިންވެސްޓްމަންޓް 65 ބިލިއަން ޑޮލަރަށް އަރަ އެވެ.

އެ އިންޓަވިއުގައި ޓްރަމްޕް ވަނީ އެމެރިކާގައި ޗިޕް ހަދަން އެތައް ބިލިއަން ޑޮލަރެއް ޓައިވާނަށް ދެނީ އެމެރިކާއިން ކަމަށާއި އެ ފައިސާ ވެސް އެންމެ ފަހުން އަނެއްކާ ހިފައިގެން ދަނީ ޓައިވާނުން ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފަ އެވެ.

"އިންޝުއަރެންސް ޕޮލިސީއަކާ އަޅުގަނޑުމެންގެ އެއްވެސް ތަފާތެއް ހުރިހެން ހިއެއް ނުވޭ. ކީއްވެ؟ މިއީ ކީއްކުރަން ކުރާ ކަމެއް. އަޅުގަނޑުމެންގެ ޗިޕް އިންޑަސްޓްރީގެ ގާތްގަނޑަކަށް 100 ޕަސެންޓް އެ މީހުން ނެގީ، އަޅުގަނޑު އެ މީހުންނަށް ކްރެޑިޓް ދޭ،" އޭނާ ވިދާޅުވި އެވެ.

ޓްރަމްޕްދެއްކެވި ވާހަކަތަކާ ގުޅިގެން ޓައިވާނުގެ ބޮޑުވަޒީރު ޗޯ ޖަންގް-ތާއީ ވަނީ ޓައިވާނުން ދިފާއީ ބަޖެޓް ބޮޑުކޮށް އަމިއްލައަށް ދިފާއުވުމުގެ ގާބިލްކަން ހޯދަމުން އަންނަކަމަށް ވިދާޅުވެފަ އެވެ. އަދި ޓައިވާން އޮތީ އިތުރު ޒިންމާތައް ވެސް ނަގައި ދިފާއަށް ތައްޔާރުވެގެން ކަމަށް ވެސް ވިދާޅުވި އެވެ. -- އޭއެފްޕީ