Roadha Mihaaru
4000 ފްލެޓްގެ މަސައްކަތްފަށަން 34 މިލިއަން ޑޮލަރު

ހުޅުމާލޭގައި 4،000 ފްލެޓްގެ މަސައްކަތް ފަށަން 34 މިލިއަން ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފި

17 ޑިސެމްބަރ 2021

ހުޅުމާލޭ ފޭސް ދޭއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ) އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ފޭސް ދޭއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ) އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފި އެވެ.

އެގްޒިމް ބޭންކުން ވަނީ ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އިމާރާތްކުރަން 228 މިލިއަން ޑޮލަރު، ބަޔާޒް ކްރެޑިޓްގެ ގޮތުގައި އިތުރުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. މި ފައިސާގެ ތެރެއިން ދޫކުރި 34 މިލިއަން ޑޮލަރަކީ މަޝްރޫގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ދޫކުރި ފައިސާ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ ފްލެޓްތަކުގެ މަސައްކަތް ކުރާނީ އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އިން ކަމަށެވެ. މިއީ ރިއަލް އެސްޓޭޓާއި ސިވިލް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް އިންޑިއާ އާއި އެހެން ގައުމުތަކުގައި ހިންގާ ތަޖުރިބާހުރި ކުންފުނިތަކެއް ކަމަށް ވެސް އެތަނުން ބުންޏެވެ.

ހައި ކޮމިޝަނުން ބުނި ގޮތުގައި، ފްލެޓްތައް އެޅުމަށް ބޭނުންވާ ސައިޓް މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށާއި މިވަގުތު ކުރިއަށް ދަނީ އިމާރާތްތަކުގެ ޑިޒައިންގެ ތަފްސީލީ ކުރެހުންތައް ދިވެހި ސަރުކާރާ އެކު ފައިނަލައިޒް ކުރުމެވެ.

މި ދެ ޕްރޮޖެކްޓްގެ ދަށުން 900 އަކަފޫޓުގެ ތިން ކޮޓަރި އާއި ތިން ފާހާނާގެ 2،800 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރި، ދެ ފާހާނާގެ 1،200 ޔުނިޓް އިމާރާތްކުރާނެ އެވެ.

ހައި ކޮމިޝަނުން ބުނީ އަތްފޯރާއި އަގެއްގައި ގެދޮރު ފޯރުކޮށްދިނުމަކީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހުގެ ވައުދަކަށް ވާއިރު މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ދޭން މި ސަރުކާރުން ކުރާ މަސައްކަތަށް އެހީ ވުމަކީ އިންޑިއާ އަށް ލިބޭ އުފަލެއް ކަމަށެވެ.