Roadha Mihaaru
މާލޭގައި އުޅޭ އެންމެންނަށް ގެދޮރު ހޯދުން އަމާޒަކަށް!

މާލޭ ދިރިއުޅޭ އެންމެންނަށް ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ އަމާޒެއް: ހައިދަރު

13 ޑިސެމްބަރ 2023

މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ "އަމާން ދޯދި" ގެ މޮޑެލް އެޕާޓްމެންޓް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެ މަޝްރޫއުގެ ސަބަބުން ލުޔެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 4،000 މީހަކަށް އެޕާޓްމެންޓް ލިބޭއިރު، ކުރިއަށް އޮތްތަނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން އެފަދަ އިތުރު މަޝްރޫއުތައް ފަށާނެ ކަމަށެވެ.

"އަމާޒަކީ އަޅުގަނޑުމެންގެ ފަސް އަހަރުގެ ދައުރު ނިމެންވާ އިރަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބިފައި ނުވާ އެއްވެސް އާއިލާއެއް އެއްވެސް ގޭބީސީއެއް ނެތުން. އެ އަމާޒަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ހައިދަރު ވިދާޅުވި އެވެ.

"އަމާން ދޯދި" ގެ މާސްޓަ ބެޑްރޫމް މިނިސްޓަރު ހައިދަރު އަދި މިނިސްޓަރު މުއްތޮލިބު ބައްދަލަވާ ލައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އަމާން ދޯދި" ގެ މާސްޓަ ބެޑްރޫމް މިނިސްޓަރު ހައިދަރު އަދި މިނިސްޓަރު މުއްތޮލިބު ބައްދަލަވާ ލައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުން ވެސް ކުރުމުއްދަތުގެ ގެދޮރުވެރިކަމުގެ ސިޔާސަތު ހާސިލުވާނެ އެވެ. ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ބޯހިޔާވަހިކަން ހަމަޖެއްސުމަށް ފުށިދިއްގަރުފަޅު ތަރައްގީ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ޕްރޮޖެކްޓަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އެ މަޝްރޫއު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް، އެކަން ވަނީ ކޮމިޓީ މަރުހަލާގައި އެމްޑީޕީ މެންބަރުން އިސްވެ ތިބެ އުނިކޮށްފަ އެވެ.

ހައިދަރު ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކައިގެން ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެ މަޝްރޫއު އިން ދަރިންގެ ދަރިންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.