Roadha Mihaaru
އިންޑިއާ، ބަންގްލަދޭޝް، އަދި ނޭޕާލަށް ފަހު ރާއްޖެ؟

ސްޕޯޓްސް ޕޮލިޓިކްސް: އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލަށް ފަހު ރާއްޖެ؟

22 ޑިސެމްބަރ 2021

އަޅުގަނޑުމެން ދެން މަސައްކަތް ކުރަން ޖެހޭނީ ރާއްޖެއަކީ ހަތަރުވަނަ ޓީމުގެ ގޮތުގައި ބަލައިިގެންނެވެ. މިހެން ދަންނަވަން ޖެހެނީ، ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕާއި ފޯނޭޝަންސް ކަޕްގެ ނަތީޖާ އާއި މިއޮތް ފަދަ ޒީރޯ ޓޮލަރެންސްގެ ޒަމާނުގައި އެސޯސިއޭޝަންގެ ވެރިންގެ ފަރާތުން ހާމަވި ސިފަތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އަދި ފީފާގެ 2019 ގެ ޕްރޮފެޝަނަލް ފުޓުބޯޅަ ރިޕޯޓުން ދެނެގަނެވުނު ކަންކަމާއި ދުނިޔޭގެ ފެންވަރުގައި ދިވެހި ލީގް އޮތް ހިސާބު ފަހުމު ކޮށްދެވޭ ތަފާސްހިސާބަށް ރިޔާއަތް ކުރުމަށް ފަހު އެވެ.

އަޅުގަނޑުމެން ދެން މަސައްކަތް ކުރަން ޖެހޭނީ ރާއްޖެއަކީ ހަތަރުވަނަ ޓީމުގެ ގޮތުގައި ބަލައިިގެންނެވެ. މިހެން ދަންނަވަން ޖެހެނީ، ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕާއި ފޯނޭޝަންސް ކަޕްގެ ނަތީޖާ އާއި މިއޮތް ފަދަ ޒީރޯ ޓޮލަރެންސްގެ ޒަމާނުގައި އެސޯސިއޭޝަންގެ ވެރިންގެ ފަރާތުން ހާމަވި ސިފަތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އަދި ފީފާގެ 2019 ގެ ޕްރޮފެޝަނަލް ފުޓުބޯޅަ ރިޕޯޓުން ދެނެގަނެވުނު ކަންކަމާއި ދުނިޔޭގެ ފެންވަރުގައި ދިވެހި ލީގް އޮތް ހިސާބު ފަހުމު ކޮށްދެވޭ ތަފާސްހިސާބަށް ރިޔާއަތް ކުރުމަށް ފަހު އެވެ.

ދުނިޔޭގެ 76 ޕްރޮފެޝަނަލް ލީގް

އޭޝިއާގެ ފުޓުބޯޅައިގެ މުސްތަގްބަލާ ބެހޭގޮތުން 2015 ވަނަ އަހަރުގެ އޭޝިއަން އިކޮނޮމިކް ރިވިއު ކޮންފަރެންސަށް، "ޕްރޮފެޝަނަލް އޭޝިއަން ފުޓްބޯލް ލީގްސް އެންޑަ ދަ ގްލޯބަލް މާކެޓް" ގެ ސުރުހީގައި ހުށަހެޅި އިލްމީ ކަރުދާހުގައި ބުނަނީ ދުނިޔޭގެ ޕްރޮފެޝަނަލް ލީގްގެ ލިސްޓްގައި 76 ލީގް ހިމެނޭއިރު، އޭޝިއާ އިން އެ ލިސްޓަށް އަރަނީ އެންމެ ނުވަ ލީގް ކަމަށެވެ. ލީގު އަގު ކޮށްފައި ވަނީ، އެ ލީގެއްގެ ކުޅުންތެރިންގެ ޖުމުލަ މުސާރަ އެއްކޮށްލުމުން ލިބޭ އަދަދެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ، ޓީމުގެ ނުވަތަ ސްކޮޑްގެ ކުޅުންތެރިންގެ "މާކެޓް ވެލިއު" އެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ: މިއީ އިންޑިއާގެ އިތުރުން މި ސަރަހައްދުގެ ވެސް އެންމެ އަގު ބޮޑު ކުޅުންތެރިޔާ

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ: މިއީ އިންޑިއާގެ އިތުރުން މި ސަރަހައްދުގެ ވެސް އެންމެ އަގު ބޮޑު ކުޅުންތެރިޔާ

އޭޝިއާގެ 47 ލީގުގެ ތެރެއިން އަޅުގަނޑުމެންގެ ސަރަހައްދުން، ދުނިޔޭގެ ލިސްޓަށް އަރަނީ އެންމެ ލީގެކެވެ. އެއީ އިންޑިއާގެ ސުޕަ ލީގެވެ. އިންޑިއާގެ ސުޕަ ލީގްގެ ކުޅުންތރިންގެ މާކެޓް އަގަކީ 9.9 މިލިއަން ޑޮލަރެވެ. ލިސްޓަށް އަރާ އޭޝިއާގެ ނުވަ ލީގުގެ ކުޅުންތެރިންގެ ޖުމުލަ މާކެޓް އަގަކީ 1.24 ބިލިއަން ޑޮލަރެވެ. ލިސްޓުގައިވާ 76 ލީގުގެ ޖުމުލަ އަގަކީ 33 ބިލިއަން ޑޮލަރެވެ. ދުނިޔޭގެ މާކެޓްގައި، އޭޝިއާގެ ފުޓުބޯޅައިގެ ސައިޒަކީ އެންމެ ހަ އިންސައްތަ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ފަސް ލީގަކީ އިނގިރޭސި ޕްރެމިއަލީގް (4.9 ބިލިއަން) ސްޕެއިންގެ ލަލީގާ (3.8 ބިލިއަން) އިޓަލީގެ ސީރީ-އާ (3.2 ބިލިއަން) ޖާމަނީގެ ބުންޑަސްލީގާ (3.13 ބިލިއަން) އަދި ފްރާންސްގެ ލީގް-ވަން (1.9 ބިލިއަން) އެވެ. އިނގިރޭސި ޕްރެމިއަ ލީގްގެ ކުޅުންތެރިންގެ މާކެޓްގެ އަގަކީ ރާއްޖޭގެ ބަޖެޓްގެ ދެގުނަ އެވެ.

ދުނިޔޭގެ ނިސްބަތުން ސައުތު އޭޝިއާ

އޭޝިއާގެ 47 އެސޯސިއޭޝަން ބެހިފައި ވަނީ އިރުމަތީ އޭޝިއާގެ (ޗައިނާ/ޖަޕާނު) ގައުމުތަކާއި ހުޅަނގު އޭޝިއާގެ (އަރަބި) 12 ގައުމުގެ ވާދަވެރިކަމުގެ މައްޗަށެވެ. އޭޝިއާގެ އެންމެ މުއްސަނދި ތިން ލީގު އޮތީ އިރުމަތީ އޭޝިއާގަ އެވެ. އެއީ ޖަޕާން، ޗައިނާ، ކޮރެއާ އެވެ. ދެވަނަ އަށް އެންމެ މުއްސަނދި ދެ ލީގު އޮތީ އަރަބި ގައުމުތައް އެކުލެވޭ ހުޅަނގު އޭޝިއާގަ އެވެ. އެއީ ގަތަރާއި ސައޫދީ އެވެ.

ތިންވަނަ އަށް އެންމެ މުއްސަނދި ލީގު އޮތީ ސެންޓަރަލް އޭޝިއާ ބްލޮކަށް ނިސްބަތްވާ އިރާނުގަ އެވެ. އެއީ "ޕާޝިއަން ގަލްފް ޕްރޮފެޝަނަލް ލީގް" އެވެ. އިރު ދެކުނު ސަރަހައްދު، ނުވަތަ "އާސިއާން" ގެ 12 ގައުމުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ފިލިޕީންސް އޮތްއިރު، މި ދެ ލީގު އެއްކޮށްލުމުން ވެސް އީރާނުގެ ލީގަށް ވުރެ ކުޑައެވެ. އަޅުގަނޑުމެންގެ، ސައުތު އޭޝިއާ ބްލޮކުން ލިސްޓަށް އަރާފައި އޮތީ "އިންޑިއަން ސުޕަ ލީގް" އެވެ. އޭޝިއާގެ ނިސްބަތުން ވެސް މި ވަގުތު އެންމެ ކުޑަ ލީގެވެ. އަޅުގަނޑުމެން މި އޮތީ އިންޑިއާގެ ލީގު ވަށައިގެން އޮތް، ލީގެއްގެ އުންސުރު ހަމަ ނުވާ ކުޑަކުޑަ ލީގެއްގެ ގޮތުގަ އެވެ.

ޕްރޮފައިލް އަޅައިކިޔުން

ގައުމުތަކުގެ ފެންވަރު ވަޒަން ކޮށްދޭ "ފީފާ ރޭންކިންސް" އިން ސަރަހައްދުގެ ގައުމީ ޓީމުތައް ރޭންކް ކުރެވިފައި ވަނީ، އިންޑިއާ (104) ދިވެހިރާއްޖެ (157) ނޭޕާލް (169) ބޫޓާން (186) ބަންގްލަދޭޝް (187) ޕާކިސްތާން (198) އަދި ސްރީ ލަންކާ (204) މި ތަރުތީބުންނެވެ. ލަންކާގެ ފަހަތުން ލިސްޓުގެ އެންމެ ފުލުގައި އޮތީ 206 ވަނައިގައި ގުއާމް އެވެ.

ޕްރޮފެޝަނަލް ފުޓްްބޯލް ރިޕޯޓަކީ ފީފާ ރޭންކިންސްގެ އިތުރުން، ގައުމީ ޓީމުގެ ފެންވަރު އަންގައިދޭ ވަރަށް ތަފުސީލް ބެންޗްމާކްތަކެއް ކަނޑައަޅައިދޭ ރިޕޯޓެކެވެ. އެހެން ނަމަވެސް، މި ރިޕޯޓަށް ރާއްޖެ އިން މައުލޫމާތު ދީފައި ވަނީ ރަނގަޅަށް ނޫން ކަން ވެސް އެނގެ އެވެ. އެއީ ފީފާ އިން އެ އަހަނީ ހޯމްއެންޑް އަވޭ ތިން ލީގްގެ ވާހަކަ އެވެ. އަދި ތިން ޑިވިޝަންގެ ތެރޭގައި ރެލިގޭޝަން އަދި ޕްރޮމޯޝަން އުސޫލު ސާފުކޮށް ގާއިމު ކޮށްފައި އޮންނަން ޖެހެ އެވެ. މި ސިސްޓަމަކީ ޔޫރަޕްގައި، ހާއްސަކޮށް އިނގިރޭސި ވލާތުގައި 100 އަހަރު ތަޖުރިބާ ކޮށްފައިވާ ސިސްޓަމެކެވެ. ޔޫރަޕިއަން ސިސްޓަމަކީ ފުޓުބޯޅަ، އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި ފައިނޭންސް ކުރަން އެންމެ ކާމިޔާބު ސިސްޓަމް ކަމުގައި ވެ އެވެ. ފީފާ އިން ވެސް ގެންގުޅޭ ސިޔާސަތަކީ މިއީ އެވެ. އިންޑިއަން ސުޕަ ލީގް ވެސް 2019 ގައި މިސްރާބު ބަދަލުކޮށްލީ ޔޫރަޕިއަން ފަލްސަފާ އަށެވެ. ހުޅުވިފައި އޮންނަ ލީގަކަށެވެ.

ދިވެހި ލީގް މިއޮތީ ކޮންތާކު؟

ދިވެހި ލީގް މިއޮތީ، އޭޝިއާގެ ފަސް ސަރަހައްދުން އެއް ސަރަހައްދު ކަމުގައިވާ ސައުތު އޭޝިއާގައި އޮތް 9.9 މިލިއަން ޑޮލަރުގެ އިންޑިއަން ސުޕަ ލީގް ވަށައި އޮތް ވަރަށް ވެސް ކުޑަކުޑަ ލީގެއްގ ގޮތުގަ އެވެ. ދިވެހި ލީގް އަގުކުރުމަކީ ބޭނުންތެރި ކަމެކެވެ! އެފް.އޭ.އެމުން ދިވެހި ލީގްގެ ކުޅުންތެރިންގެ މުސާރައާ ބެހޭ ތަފާސްހިސާބު އިއުލާނު ކުރުމަކީ ބޭނުންތެރި ކަމަކަށް ވާނެ އެވެ.

ދިވެހިރާއްޖޭގެ ކުޑަކުޑަ ލީގަށް ދިމާވެފައި މިއޮތީ ދުނިޔޭގެ ނިސްބަތުން އޭޝިއާ އަށް ވެސް ދިމާވެފައިވާ ޒާތުގެ ގޮންޖެހުންތަކެވެ. އެއް މައްސަލައަކީ ވާދަކުރުމުގެ ނިޒާމު، ގައުމީ ފެންވަރަށް ފުޅާ ކުރެވިފައި ނެތުމެވެ. އަނެއް މައްސަލައަކީ ކޮރަޕްޝަނެވެ.

ވާދަކުރުމުގެ ނިޒާމު، ގައުމީ ފެންވަރަށް ފުޅާކުރެވިފައި ނެތުން

އާބާދީގެ ނިސްބަތުން ވާދަކުރަން ނެރެވޭ ކުޅުންތެރިންގެ އަދަދު މަދުވެފައި ކެޕިޓަލް ސިޓީ އަށް މަރުކަޒުވުމުގެ ނަތީޖާއަކީ މެޗުގެ އަދަދު މަދުވުމާއި ހޯމްއެންޑް އަވޭ އުސޫލަށް މެޗުތައް ތަރުތީބު ނުކުރެވުމުމެވެ. އަދި މިހެން ދިމާވާން ޖެހެނީ ގައުމީ ފެންވަރުގައި ލާމަރުކަޒު ކުރުމުގެ ސިޔާސަތު ތަމްފީޒު ކުރުން ފަސްވުމުން ކަމުގައި ވާނެ އެވެ.

ހަމަ މި ނޭވާގައި، ކްލަބްތަކުގެ ގާނޫނީ ހައިސިއްޔަތު ބަލިވުމަކީ، އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފެންވަރުގެ ކްލަބްތައް އުފެދިފައި ނުވުމެވެ. ގާނޫނީ ގޮތުން ސައްހަ ފުޓުބޯޅަ އެސޯސިއޭޝަނެއް މިނިސްޓަރަކަށް ކަށަވަރު ކޮށެއް ނުދެވެ އެވެ. ބަލިވުމުގެ ސަބަބުތަކުގެ ތެރޭގައި، ކުޅިވަރުގެ ސްޓޭޓް މިނިސްޓަރު "އަޑުބަރޭ" ގައުމީ ޓީމު ތަމްސީލު ކޮށްދިން ގޮތް ފުދެ އެވެ.

ކޮރަޕްޝަން

ޔޫރަޕްގެ ލީގުތައް ކުރި އެރީ ކޮރަޕްޝަން މަދު މާހައުލެއްގަ އެވެ. އެސޯސިއޭޝަންތަކުގެ މެނޭޖްމަންޓް ނުކުޅެދުމަކީ އޭޝިއާގެ ގިނަ ލީގުތަކުގެ ސިފައެކެވެ. ނަތީޖާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް އޭޝިއާ އަށް ގްލޯބަލް ފުޓުބޯޅަ މާކެޓްގައި ހިއްސާ ކުރެވެނީ އެންމެ ހަ އިންސައްތަ ކަމަށް ވުމެވެ. އޭޝިއާގެ ފުޓުބޯޅަ އަށް އެންމެ ގެއްލުންވި އެއް ކަމަކީ "މެޗްފިކްސިންގް" ގެ ނާރެހެއްގެ ގޮތުގައި އޭޝިއާ މަޝްހޫރު ވުމެވެ. އޭޝިއާގެ ފުޓުބޯޅަ ކުރިއެރުން ފަސްޖެހިފައި އޮންނަނީ ކޮރަޕްޝަންގެ ދަލުގައި ޖެހިފައި އޮތުމުންނެވެ.

ރާއްޖޭގައި ކަންކަން ހުރި ގޮތަކީ، ޖަމިއްޔާގެ ރައީސްގެ އަނބިކަނބަލުން ފީފާ ޑެލިގޭޝަންގެ މެމްބަރެއްގެ ސްލޮޓް ވެސް ފުރުއްވަފާނެ އެވެ. ބޭނުންފުޅުވާ ކުޅުންތެރިން ގައުމީ ޓީމުތަކަށް އަރުވަން ވެސް ޖެހޭ ކަމަށް ވެ އެވެ. ސަތޭކަ މިލިއަންގެ ފުޓުބޯޅަ އެސޯސިއޭޝަނަކީ އޮޑިޓް ކުރާ ތަނެއް ކަމުގައެއް ނުފެނެ އެވެ. ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ދަށުން ނިމިގެން ދިޔަ ހަފުތާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން އައު ކުރާ ޚަބަރު ފެތުރިއްޖެ އެވެ.

މިނިސްޓަރު އަލީ ވަހީދާއި އަޑުބަރޭ ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

މިނިސްޓަރު އަލީ ވަހީދާއި އަޑުބަރޭ ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

ކޮރަޕްޝަނަކީ އޭގެ ސަބަބުން ސަޕޯޓަރުންނާއި އާއްމު ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމެކެވެ. ފުޓުބޯޅަ ދެކެ ފޫހިވެ، ފުޓުބޯޅަ ޕްރޮމޯޝަނަށް ހުރަސް އަޅާ ކަމެކެވެ. މިސާލަކަށް "އަޑުބަރޭ އިންސިޑެންސް" ކުލަގަދަ މިސާލަކަށް ފުދޭނެ އެވެ. އެކަން ދަނީ ވެސް ގޯހުން ގޯހަށެވެ. އެންމެ ފަހުގެ ޚަބަރަކީ އަޑުބަރޭ އަށް ކްލަބަށް ކުޅުއްވުމަށް ހުރަހެއް ނެތް ކަމާއި ކުޅުއްވާނީ އެސޯސިއޭޝަންގެ ރައީސްގެ ކްލަބަށް ކަމަށެވެ. މިއީކީ ދަނޑުފޯރީގައި ފުޓުބޯޅަ ތަރައްގީ ކުރެވޭނެ ގޮތެއް ނޫނެވެ.

އުއްމީދީ ވިސްނުމެއް

ޔޫރަޕްގެ އާބާދީގެ ކޮންމެ އެއް މިލިއަން މީހުންނަށް 147،000 ބެލުންތެރިން ދަނޑުފޯރި ނަގަ އެވެ. މިއާ ޚިލާފަށް އޭޝިއާގައި، ކޮންމެ މިލިއަން މީހުންގެ ތެރެއިން ދަނޑުފޯރި ނަގަނީ އެންމެ 8،400 ސަޕޯޓަރުންނެވެ. އެހެން ނަމަވެސް، އޭޝިއާ އަށް ވުރެ ޖީ.ޑީ.ޕީ ދަށް އެފްރިކާގެ ދަނޑުފޯރި މަތި ކަމަށް ވެ އެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ރާއްޖޭގެ އާބާދީގެ ނިސްބަތުން، ދަނޑުފޯރީގައި ނުކުންނަ އަދަދު އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރާ ވާހަކަ އެވެ. އެއީ "ދަނޑު ފުރާލުމުގެ" ސިޔާސަތުގެ އަމާޒެވެ!

ފީފާގެ ރައީސް، އިންފެންޓީނޯ އެކު ބައްސާމް ފޮޓޯއެއް ނަންގަވަނީ.

ފީފާގެ ރައީސް، އިންފެންޓީނޯ އެކު ބައްސާމް ފޮޓޯއެއް ނަންގަވަނީ.

ޔޫރަޕާއި އެފްރިކާ ފަދައިން ސައުތު އޭޝިއާ ސަރަހައްދުގައި މި އޮތް ޖަޒީރާ ރާއްޖެއަކީ ދަނޑުފޯރި އަށް ގަދަ ގައުމަކަށް ހެދިދާނެ ކަމުގެ ހެކި ނުވަދިހައިގެ އަހަރުތަކުގެ އެއްވަނަ ޑިވިޝަންގެ 'ގޭޓް ފައިސާ" އިން ލިބިފައިވެ އެވެ. ނުވަދިހައިގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަންގެ މެޗުތަކަށް އެވްރެޖް ގޮތެއްގައި 3،000 ބެލުންތެރިން ވަން ކަމަށް ލަފާކުރެވެ އެވެ. އެ ދުވަސްވަރުގެ މާލޭގެ އާބާދީއަކީ 80،000 ކަމަށް ބެލުމުން ދަނޑުފޯރީގެ މިންވަރު ފަހުމް ކޮށްލެވިދާނެ އެވެ. މިލިއަނެއްގެ ނިސްބަތުން ބަލައިފި ނަމަ، ޔޫރަޕަށް ވުރެ ވެސް މައްޗެވެ! ރާއްޖޭގައި އެއް މިލިއަން އާބާދީ އޮތް ނަމަ މެޗަކަށް 240،000 އެވެ!

ފީފާގެ ރައީސް އިިންފަންޓިނޯއާ މަހްލޫފް ބައްދަލު ކުރައްވާއިރު އަރިހުގައި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން

ފީފާގެ ރައީސް އިިންފަންޓިނޯއާ މަހްލޫފް ބައްދަލު ކުރައްވާއިރު އަރިހުގައި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން

ނުކުތާއަކީ ޔޫރަޕާއި އެފްރިކާ ފަދައިން "ދަނޑު ފޯރި" އަކީ ދިވެހިންނަށް ވެސް "ކޮންސިއުމާ ޕްރޮޑަކްޓް" އަކަށް ހެދިދާނެ ކަމެވެ. ޖަޒީރާ ލީގަކީ މި ނަތީޖާ ނެރެދޭ ލީގެވެ. ކުޑަ އާބާދީއެއް އޮތް ގައުމަކުން، ބޮޑު އާބާދީއެއް އޮތް ގައުމަކާ ވާދަކުރެވޭނީ ހަމައެކަނި ޖީޑީޕީގެ ނިސްބަތާއި އާބާދީގެ ނިސްބަތަކުން ނޫނެވެ. ދަނޑު ފޯރީގެ ނިސްބަތުންނެވެ!

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.