Roadha Mihaaru
ސެވިއްޔާއާ އެއްވަރުވެ، ބާސެލޯނާ އަހަރު ނިންމާލައިފި

ސެވިއްޔާއާ އެއްވަރުވެ، ބާސެލޯނާ އަހަރު ނިންމާލައިފި

22 ޑިސެމްބަރ 2021

ސެވިއްޔާ (ޑިސެމްބަރު 22) - ސްޕެނިޝް ލީގުގައި ސެވިއްޔާއާ ވާދަކޮށް 1-1 އިން ބާސެލޯނާ ރޭ އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސެވިއްޔާ (ޑިސެމްބަރު 22) - ސްޕެނިޝް ލީގުގައި ސެވިއްޔާއާ ވާދަކޮށް 1-1 އިން ބާސެލޯނާ ރޭ އެއްވަރު ވެއްޖެ އެވެ.

މިއީ މި އަހަރު ލީގުގައި ބާސާ ކުޅޭ ފަހު މެޗެވެ.

ރަށުން ބޭރުގައި ބާސެލޯނާ އިން ކުޅުނު ލީގު މެޗުގައި، 10 ކުޅުންތެރިންނާ އެކު ކުޅުނު ސެވިއްޔާ އަތުން މޮޅު ނުވެވުމުން ބާސެލޯނާ އަށް ވަނީ ޓޭބަލްގެ ހަތަރު ވަނައަށް އެރުމުގެ ފުރުސަތު ގެއްލިފަ އެވެ. ރޭގެ މެޗު އެއްވަރުވުމާ އެކު 28 ޕޮއިންޓާ އެކު އެ ޓީމު އަދިވެސް އޮތީ ޓޭބަލްގެ ހަތްވަނައިގަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ތާވަލުގެ ދެވަނައިގައި އޮތް ސެވިއްޔާ އިންނެވެ. އިވާން ރަކިޓިޗް ތިރިތިރިން ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ކޯނަރަކުން މެޗުގެ 32 ވަނަ މިނިޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕާޕޫ ގޯމޭޒް އެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އުސްމާން ޑެމްބެލޭ ނަގައިދިން ކޯނަރަކުން އުރުގުއޭ ޑިފެންޑަރު ރޮނާލްޑް އަރާޔޯ އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ސެވިއްޔާ ކުޅެން ޖެހުނީ މެޗުގެ 64 ވަނަ މިނިޓުގައި އެ ޓީމުގެ ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބާސެލޯނާގެ ޖޯޑީ އަލްބާ މޫނުމަތީގައި ގަސްތުގައި ބޯޅައިން ޖެހުމުންނެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ސެވިއްޔާއާ ދެކޮޅަށް ބާސެލޯނާ އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ނުކުރެވުނެވެ.

މި ނަތީޖާއާ އެކު ވެސް ލީގު ދެވަނައިގައި ސެވިއްޔާ އޮތީ 38 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމު އޮތީ އެއްވަނައިގައި އޮތް ރެއާލަށް ވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ. ތިންވަނައިގައި 33 ޕޮއިންޓާ އެކު ރެއާލް ބެޓިސް އޮތްއިރު، 30 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތީ ރަޔޯ ވަޔެކާނޯ އެވެ.

ޓޭބަލްގެ ފަސްވަނަ އަދި ހަވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ރެއާލް ސޮސިއެޑާޑް އަށް ވެސް ލިބިފައި ވަނީ 29 ޕޮއިންޓެވެ.

ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑުން ރަށުން ބޭރުގައި ގްރަނާޑާއާ ދެކޮޅަށް ކުޅޭއިރު، ރެއާލް މެޑްރިޑު ވެސް މިރޭ ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ލީގު މެޗެއް ކުޅޭނެ އެވެ.

ބާސެލޯނާ އަށް ދެން އެންމެ އަވަހަށް ލީގުގައި މެޗެއް އޮންނާނީ އަންނަ ޖެނުއަރީ 2 ވަނަ ދުވަހުގެރޭ ރަށުން ބޭރުގައި ރެއާލް މަޔޯކާއާ ދެކޮޅަށެވެ.