Roadha Mihaaru
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް

ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް

13 އޯގަސްޓް 2024

ބާސެލޯނާ (އޯގަސްޓް 13) – ލީގު ފަށާއިރު ބާސެލޯނާ ތަފާތު ވާނެ ކަމަށް އެ ޓީމުގެ ކޯޗު އެންސީ ފްލިކް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (އޯގަސްޓް 13) – ލީގު ފަށާއިރު ބާސެލޯނާ ތަފާތު ވާނެ ކަމަށް އެ ޓީމުގެ ކޯޗު އެންސީ ފްލިކް ބުނެފި އެވެ.

ބާސެލޯނާއިން ބާއްވާ ޕްރީ ސީޒަން ޓްރޮފީ މެޗު ގަމްޕާ ޓްރޮފީ މެޗުގައި މޮނާކޯ އަތުން 3-0 ން ރޭ ވަނީ ބަލިވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކުމުން ފްލިކް ބުނީ ރޭ ގެ މެޗުގައި އޭނާގެ ޓީމަށް ރަނގަޅަށް ނުކުޅެވުނު ކަމަށެވެ.

"މެޗު ކޮންޓްރޯލެއް ނުކުރެވުނު، ސްޕީޑް ނުހިފެހެއްޓުނު ޕާސްތައް ވެސް ރަނގަޅަކަށް ބޭނުން ނުކުރެވުނު. ދެވަނަ ހާފުގައި ގޯސްތައް ރަނގަޅު ނުކުރެވު،" މެޗަށް ފަހު ޖަރުމަނަށް ނިސްބަތްވާ ފްލިކް ބުންޏެވެ.

އެކަމަކު ފުރަތަމަ ރަސްމީ މެޗަށް ނުކުންނަ އިރު ޓީމުން ތަފާތު ފެންނާނެ ކަމަށް ބެޔާން މިޔުނިކާ އެކު ކުރިން ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.

ލަލީގާގެ އާ ސީޒަން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ބާސާގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ވެލެންސިއާ އާ ދެކޮޅަށެވެ.

"ރަސްމީ ފުރަތަމަ މެޗަށް ދާއިރު އަހަރެމެން ޖެހޭނެ މި ހެދުނު ގޯސްތައް ރަނގަޅު ކުރަން. މި ކުޅުނު މެޗު ގޯހެއް ނޫން. އެކަމަކު މިއަދު [ރޭ] އަހަރެމެންނަށް ގޯސްކޮށް ދިޔަ ކަންކަމަކީ އެމެރިކާގެ ޓްރޭނިން ޓްއާގައި އަހަރެމެންގެ ފަރާތުން ރަނގަޅަށް ފެނުނު ކަންކަން. ވެލެންސިއާގައި އަހަރެމެން ތަފާތު ވާނެ،" ފްލިކް ބުންޏެވެ.

ސްޕެއިންގެ ގައުމީ ޓީމުގައި ވިދަމުން އަންނަ ޑެނީ އަލްމޯ ވަނީ ބާސާ އަށް ބަދަލުވެފަ އެވެ. ކުރިން ރެޑްބުލް ލައިޕްޒިގަށް ކުޅުނު މިޑްފީލްޑަރާ މެދު ފްލިކް ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ.

"މިޑްފީލްޑަރެއްގެ އިތުރުން އޭނާ އަކީ ގޯލް ވެސް ޖަހާ ކުޅުންތެރިޔެއް،" ފްލިކް ބުންޏެވެ.