Roadha Mihaaru

މި ވަޅުން ފެން ބޮއެފިއްޔާ އެނބުރި އިސްދުއަށް އަންނާނެ؟

23 ޑިސެމްބަރ 2021

ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ "ޖުމާ މަސްޖިދު"، އެކި ގޮތްގޮތުން ލ. އިސްދު އަށް ހާއްސަ އެވެ. ގާތްގަނޑަކަށް 64 މީހުންގެ ޖާގައިގެ، 330 އަހަރުވީ މިސްކިތުގެ އެތެރޭގެ ޑިޒައިނާއި ކުރެހުންތަކުން ދިވެހިންގެ ކުޅަދާނަކަން ވަރަށް ރަނގަޅަށް އެނގިގެން ދެ އެވެ.

އާސިމާ ނިޒާރު ލ. އިސްދޫން އާސިމާ ނިޒާރު

ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ "ޖުމާ މަސްޖިދު"، އެކި ގޮތްގޮތުން ލ. އިސްދު އަށް ހާއްސަ އެވެ. ގާތްގަނޑަކަށް 64 މީހުންގެ ޖާގައިގެ، 330 އަހަރުވީ މިސްކިތުގެ އެތެރޭގެ ޑިޒައިނާއި ކުރެހުންތަކުން ދިވެހިންގެ ކުޅަދާނަކަން ވަރަށް ރަނގަޅަށް އެނގިގެން ދެ އެވެ.

އެ މިސްކިތުގެ ތެރޭގަައި އޭރުގެ ރަސްކަލުން ނަމާދުކުރުމަށް އެޅި ހާއްސަ ކޮޓަރިކޮޅެއް، ގެއްލުމެއް ނުލިބި ފެންނަން އެބަހުއްޓެވެ. ތަން ހަދާފައި ހުރީ ވެސް އެންމެ ލޮކަކުން މިސްކިތް ރޫޅާލެވޭ ގޮތަށެވެ.

އިސްދުއާ ގުޅިފައިވާ އެންމެ މަޖާ ވާހަކަ ފެށެނީ ވެސް ދުވަސްވީ މިސްކިތުގެ ވަޅުންނެވެ. މިސްކިތުގެ އިމާރާތާ 30 ވަރަކަށް ފޫޓު ދުރުގައި ހުރި ވަޅުން ފެން ބުއިމުން އިސްދު އަށް ހިތްޖެހޭ ކަމަށް ބުނެ އުޅެ އެވެ.

މި ރަށުގެ ތާރީހު ދިރާސާކުރައްވަމުން ގެންދަވާ، ކައުންސިލް އިދާރާގެ އެސިސްޓެންޓް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އިބްރާހިމް ހަމީދު ވިދާޅުވާ ގޮތުގައި، މިސްކިތުގެ ގޯތިތެރޭގައި ހުރި ވަންހިރި ވަޅުގެ ފެން ބުއިމުން، އަނބުރާ އިސްދު އަށް ދާން ހިތްޖެހެ އެވެ.

އެތައް ބަޔަކު އެކަން ތަޖުރިބާކޮށްފައިވާ ކަމަށް ވިދާޅުވެ، މި ފަހުން ހިނގައިދިޔަ އެފަދަ ކަމެއް ހަމީދު ހިއްސާކުރެއްވި އެވެ.

އިސްދޫ އާސާރީ މިސްކިތާއި އެ މިސްކިތުގެ ގޯތިތެރޭގައި ހުރި ވަޅު.-- ފޮޓޯ: އިބްރާހިމް ހަމީދު

އިސްދޫ އާސާރީ މިސްކިތާއި އެ މިސްކިތުގެ ގޯތިތެރޭގައި ހުރި ވަޅު.-- ފޮޓޯ: އިބްރާހިމް ހަމީދު

"މި ފަހުން ފުޓްސަލް ދަނޑު ހަދަންވެގެން ވަޑައިގެންނެވި ބޭފުޅަކު، އަޅުގަނޑު އެ ވާހަކަ ދެންނެވީމަ އެ ބޭފުޅަކު ވިދާޅުވަނީ ތިއީ ހަމަ ފްލޯކު ވާހަކައެކޭ، ތިމަންނަ ގަބޫލެއް ނުކުރާނަމޭ. ތިމަންނަމެން މި މަސައްކަތް ނިންމާފައި ދެން މި ރަށަކަށް ތިމަންނަމެން ނާންނާނަމޭ. އެ ވަޅުން އެ ބޭފުޅާ ފެންފޮދު ހިއްޕެވި. މިހާރު އެ ބޭފުޅާ ގާތްގަނޑަކަށް އަށެއްކަ ފަހަރު މި ރަށަށް ވަޑައިގެންފި. މިދިޔަ ހަފުތާގައި ވެސް އެ ބޭފުޅާ ވަޑައިގެންނެވި،" އިސްދޫ ކުޑަކަތީބު ކަމާއި އެ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރުކަން އަދި ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަގާމު ވެސް ފުރުއްވާފައިވާ ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި އެ ވަޅުން ފެންބުއި ބައެއް މީހުން އަނބުރާ އިސްދު އަށް އައިސް އެ ރަށުގެ މީހުންނާ ކައިވެނިކޮށް މި ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވެ އެވެ. ދެން ތިބި މީހުން ވެސް އެކި ކަންކަމުގައި، އަނބުރާ މި ރަށަށް އައިސްފައިވެ އެވެ.

އިސްދޫ އާސާރީ މިސްކިތުގެ އެތެރެ: މި ތަން ހަދާފައި ހުރީ އެއް ލޮކުން މުޅި ތަން ރޫޅާލެވޭ ގޮތަށް.-- ފޮޓޯ: އިބްރާހިމް ހަމީދު

އިސްދޫ އާސާރީ މިސްކިތުގެ އެތެރެ: މި ތަން ހަދާފައި ހުރީ އެއް ލޮކުން މުޅި ތަން ރޫޅާލެވޭ ގޮތަށް.-- ފޮޓޯ: އިބްރާހިމް ހަމީދު

އިސްދޫގައި ރަށުން ބޭރު މީހުން ކައިވެނިކޮށްގެން އުޅޭ މީހުން ވަރަށް ގިނަވުމުން، ހަމީދަށް ލަފާކުރެވެނީ އެއީ ވެސް ވަޅުން ފެންބުއިމާ ގުޅުންހުރި ކަމެއްގެ ގޮތުގަ އެވެ.

އެ ވަޅުގެ ފެނުން ފެށިގެން އަޑިއަށް ތިން ފޫޓު ބައި އެބަހުއްޓެވެ.

މިސްކިތުގެ ތެރޭގެ ކޮޓަރިކޮޅު

ރާއްޖޭގެ އިހު ޒަމާނުގެ އެހެން މިސްކިތްތަކުގެ މައުލޫމާތު އޮޅުންފިލުއްވުމަށް ފަހު ހަމީދު ވިދާޅުވީ، މިހުރާބުގެ ތެރޭގައި އެ ތަންތަނުގައި ކޮޓަރިކޮޅެއް ހަދާފައި ނެތް ކަމަށެވެ.

ޖުމާ މިސްކިތުގައި ކޮޓަރިކޮޅު ހުންނަނީ މިހުރާބުގެއިން ފެށިގެން އުތުރު ފަރާތަށް ވާގޮތަށެވެ.

އެ ކޮޓަރިކޮޅު ހާއްސަވީ ކަމަކީ ވެސް ދެއްވަދޫ ރަސްގެފާނަށް ފަހު ރަސްކަމަށް ވަޑައިގެންނެވި އިސްދޫ ދަރިކޮޅުގެ ތިން ބޭފުޅުން، ހާއްސަ ދުވަސްތަކުގައި އެ ކޮޓަރިކޮޅުގައި ނަމާދުކުރެއްވުމުންނެވެ. އެ ބޭފުޅުން ރަސްކަން ކުރެއްވީ 1701-1705 ވަނަ އަހަރާ ހަމައަށެވެ.

އިސްދޫ އާސާރީ މިސްކިތުގެ އެތެރެ.-- ފޮޓޯ: އިބްރާހިމް ހަމީދު/ މިހާރު

އިސްދޫ އާސާރީ މިސްކިތުގެ އެތެރެ.-- ފޮޓޯ: އިބްރާހިމް ހަމީދު/ މިހާރު

އިސްދޫ ލޯމާފާނު އޮތް ކަމަށް ވަނީ ވެސް އެ ކޮޓަރިކޮޅުގެ ތެރޭގަ އެވެ.

"ގުދަނެއް ނޫން ހަދާފައި ހުރި މިސްކިތުގެ މިހުރާބުގެ އެތެރެއިން. ގުދަނެއް ނޫންކަން އެނގޭ އެންމެ ބޮޑު އެއް ސަބަބަކީ އެ ކޮޓަރިކޮޅުގެ ތެރޭގައި ވަށައިގެން ކުރެހުން އަޅާފައި، ވަކިން އެބަހުރި ހާއްސަގޮތެއްގައި ލިޔެފައި. އެ ކޮޓަރިކޮޅުގެ އުތުރު ފަރާތަށް ވާ ގޮތަށް އެބަހުރި ކުޑަ ދޮރުކޮޅެއް ހުޅުވާލައްވައިގެން، އިށީންދެވަޑައިގެން އިންނަވާއިރު ވައިޖެއްސުމަށް،" އޭނާ ވިދާޅުވި އެވެ.

މިސްކިތް ކުރިން ހިޔާކޮށްފައި ހުރީ އީޓުންނެވެ. ފަނާއި ޓިނަށް ބަދަލުކުރުމަށް ފަހު، އާސާރީ މިސްކިތް މިހާރު ހިޔާކޮށްފައި ހުރީ ފައިބަރު ޓިނުންނެވެ.

ހަތް ސިޑި، ހެޔޮ ނަސޭހަތެއް

މިސްކިތަށް އެރުމަށް ހަތް ސިޑި ހަދާފައިވެ އެވެ.

މި ރަށުގެ ބައެއް މީހުން ބުނަނީ، އެއީ ހަފްތާގެ ހަތް ދުވަހަށް ނިސްބަތްކޮށްފައި ހަދާފައި ހުރި ސިޑިތަކެއް ކަމަށެވެ. ދެން ތިބި މީހުން ދެކޭ ގޮތުގައި ހަތް ސިޑިން އަންގައިދެނީ މިސްކިތަށް ވަދެ ނަމާދުކުރުމަކީ ނަރަކައިގެ ހަތް ދަރަޖަ ހުރަސް ކުރުމަށްފަހު ސުވަރުގެއަށް ވަދެވޭނެކަން އަންގައިދޭ ކަމެކެވެ.

"ދިރާސާތަކެއް ކުރެވިގެން ކޮށްފައި ހުރި ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އާއްމުކޮށް ކުރީ ޒަމާނުގައި މިހެން ހަދާފައި ހުންނަ ތަންތަނުގައި ބޮޑަށް ހަތެއް އާއްމުކޮށް ބޭނުންކޮށްފައި ހުންނަނީ. ހަފްތާގެ ދުވަސްތަކަށް ބޮޑަށް ބުރަވެވެނީ."