Roadha Mihaaru
ގދ. ގަން ފަޅުވީ ބުޅަލާ ހެދި؟ ރަށު މީހުން ކޮބާ؟

ގދ. ގަން ފަޅުވީ ބުޅާތަކެއް އެރުމުން؟ އެ ރަށު މީހުން ކޮބާ؟

22 މާޗް 2021

މިއީ ގދ. އަތޮޅުގައި ކުރިން މީހުން އުޅުނު، މިހާރު ފަޅުވެފައިވާ ގަމާ އެންމެ ކައިރީގައި އޮންނަ ގައްދޫގައި ވެސް މި ވާހަކަ ކިޔައި އުޅޭ ގޮތެވެ. އެ މީހުން ބުނަނީ ތަނަވަސްކަމުގައި ބޮޑު އާބާދީއެއް އުޅެމުން ދިޔަ ގަން ފަޅުވީ އެއް ރެއެއްގެ ދަންވަރު އެ ރަށުގެ ފުއްޓަރު ފަރާތުން ބޮޑެތި ބުޅާތަކެއް އަރައި ހިނގި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އިރު އެރުމުގެ ކުރިން އެ ބުޅާތައް ރަށުގެ އަނެއް ފަރާތުން ފައިބައިގެން ދިޔައީ ކަމަށާއި އޭރު ރަށުގައި ދިރިހުރި އެކަކު ވެސް ނެތް ކަމަށް ކިޔައި އުޅެ އެވެ. ބުނަނީ މަރުވި މީހެއްގެ ހަށިގަނޑު ވެސް ފެންނަން ނެތް ކަމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މިއީ ގދ. އަތޮޅުގައި ކުރިން މީހުން އުޅުނު، މިހާރު ފަޅުވެފައިވާ ގަމާ އެންމެ ކައިރީގައި އޮންނަ ގައްދޫގައި ވެސް މި ވާހަކަ ކިޔައި އުޅޭ ގޮތެވެ. އެ މީހުން ބުނަނީ ތަނަވަސްކަމުގައި ބޮޑު އާބާދީއެއް އުޅެމުން ދިޔަ ގަން ފަޅުވީ އެއް ރެއެއްގެ ދަންވަރު އެ ރަށުގެ ފުއްޓަރު ފަރާތުން ބޮޑެތި ބުޅާތަކެއް އަރައި ހިނގި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އިރު އެރުމުގެ ކުރިން އެ ބުޅާތައް ރަށުގެ އަނެއް ފަރާތުން ފައިބައިގެން ދިޔައީ ކަމަށާއި އޭރު ރަށުގައި ދިރިހުރި އެކަކު ވެސް ނެތް ކަމަށް ކިޔައި އުޅެ އެވެ. ބުނަނީ މަރުވި މީހެއްގެ ހަށިގަނޑު ވެސް ފެންނަން ނެތް ކަމަށެވެ.

ސަލާމަތްވި ކަމަށް ވަނީ އެކަމެއް ހިނގި އިރު މާލެއަށް ގޮސް ހުރި މީހަކު އެކަންޏެވެ.

އެކަމަކު މިއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ ގިނަ ބަޔަކު އުޅުނުކަމުގެ ހެކި މިހާރު ވެސް ފެންނަ ހުރި ގަން ފަޅުވީ ކޮންމެވެސް ސަބަބަކާ ހެދި އެ ރަށު މީހުން އެހެން ރަށަކަށް ނުވަތަ އެކި ރަށްރަށަށް ބަދަލުވުމުން ހެއްޔެވެ؟

ގަމާ ބެހޭ ގޮތުން މީގެ ބައި ގަރުނު ކުރިން ދިރާސާކުރެއްވި ނޯވޭގެ ޕްރޮފެސަރެއް ކަމަށްވާ ތޯ ހައިދާލް ލިޔުއްވައި 1986 ގައި ޝާއިއުކުރެއްވި "މޯލްޑިވް މިސްޓެރީ" ގައި ގަމާ ބެހޭ ގޮތުން ލިޔުއްވާފައިވެ އެވެ. އަދި މި ފޮތުގައި ހުރި ވާހަކަތަކާއި ތިއަރީތަކުގެ މައްޗަށް ބިނާކޮށް މެއި 1، 1992 ގެ "ފަތްތޫރަ" ގައި، ދިވެހި ތާރީހީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް ލުތުފީ ވެސް ލިޔުއްވި އެވެ.

ހުވަދު އަތޮޅުގެ ދެކުނު ދުނީގައި އޮންނަ ރަށްތަކުގެ ތެރެއިން ގަމަކީ ބޮޑު ރަށެކެވެ. އެކަމަކު ޖެހިގެން އޮތް ގައްދުއަކީ ކުޑަ ރަށެކެވެ. ގަމުގައި މީހުން އުޅުނު އިރު ގައްދޫގެ އާބާދީ ވެސް އެހާ ކުޑަ ކަމަށް ތާރީހުން އެނގެ އެވެ. އެއީ އޭރުގެ ބަހުން ނަމަ ހުކުރު ވެސް ހަމަ ނުވާ ރަށެކެވެ. ހުކުރު ހަމަވަނީ އެ ދުވަސްވަރު އޮންނަ އުސޫލުން ނަމަ މަދުވެގެން 40 ފިރިހެނުންގެ ޖަމާއަތެއް އޮވެއްޖެ ނަމަ އެވެ.

ރާއްޖޭގައި "ގަން" ކިޔާ ކޮންމެ ރަށަކަކީ ވެސް ބިން ބޮޑު މާ ރަށްރަށެވެ. ގދ. ގަން ވެސް ހަމަ އެހެންނެވެ. ގަން ފަޅުވުމާ ބެހޭ ގޮތުން ހުރި ލިޔުންތަކުގައި ބުނެފައިވަނީ ގަމުގައި ހައްދާ އޮޅު އަލަ އާއި ގޮވާމާއި ކާށިން މުޅި ހުވަދު އަތޮޅަށް ފުދޭ ކަމަށެވެ. ދަނޑުވެރިކަމުގެ އިތުރުން ދެން އެ ރަށް ހާއްސައީ ގިނައިން ވެލާ އަރާތީ އެވެ. އެއީ ވެސް ކާނާ އެވެ.

މީހުން އުޅުނު ރަށެއްކަން އެނގޭ

އަމިއްލަ އޮޑިދޯނިފަހަރުގައި ރާއްޖޭން ބޭރަށް ދަތުރުކޮށް އުޅުނު، ތަނަވަސް ބަޔަކު ހިމެނޭ ރަށް ފަޅުވީ މީގެ 200 އެތައް އަހަރެއް ކުރިން ކަމަށް ތާރީޚީ ލިޔުންތަކުގައި އަންދާޒާކޮށްފައިވެ އެވެ.

މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި ގަމުގެ އަށް އަވަށެއްގައި މީހުން އުޅުނެވެ. ރާއްޖެ އިސްލާމްވުމުގެ ކުރިން އެ ރަށުގައި ވެސް އުޅުނީ ބުޑިސްޓުން ކަމަށާއި އެއީ ބުޑިސްޓުންގެ މަޒުހަބެއް ކަމަށްވާ "ތަންތިރިޒިމް" ނުވަތަ ހިންދީ ބުޑިސްޓުން ކަމަށް އެ ފޮތުގައިވެ އެވެ. ކޮންމެ އަވަށެއްގައި ހަވިއްތަ ހަދާފައި ހުރި ކަމުގެ ނިޝާންތަކާއި ހެކި އެބަ ހުއްޓެވެ. އިސްލާމްދީނަށް އެނބުރި ގަމުގެ އެންމެ ބޮޑު ބުޑިސްޓް މޮނާސްޓްރީ ތަޅާލައި އެތަން ބަދަލުކުރީ ހުކުރު މިސްކިތަށެވެ. އެ މިސްކިތުގެ ގަބުރުސްތާނުގައި ގިނަ ބަޔަކު ވަޅުލާފައިވާކަން އެނގެން އެބަ އޮތެވެ. ތޯގެ ދިރާސާ އިން އެނގުނު ގޮތުގައި މުޅި ރަށުގައި 40 މިސްކިތް ހުރި ކަމަށް ބުނެވުނަސް ފެންނަން ހުރީ އަށް މިސްކިތެއްގެ ނިޝާނެވެ. އަދި 10 ގަބުރުސްތާނެވެ.

ގދ. ގަމުގެ އަތިރިމަތި: ބޮޑު ބިޔަ ރަށެއް -- ޓްވިޓާ/މުހައްމަދު ޝާބިން

މަހާނަ ގާތަކުން ފެންނަން ހުރި ތާރީޚުތަކާއި އެހެން ބައެއް ކަންކަމަށް ރިއާޔަތްކޮށް މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައި ވަނީ ގަން ފަޅުވީ ހިޖުރީ ގޮތުން 1200ގެ ތެރޭގައި ކަމަށެވެ. އެ ދުވަސްވަރު ރާއްޖޭގެ ރަސްކަން ކުރެއްވީ އައްސުލްތާން ހަސަން ނޫރައްދީން 1 އާއި އެ ރަދުންގެ ދަރިކަލުން މުހައްމަދު މުއީނުއްދީން 1 އަދި އައްސުލްތާން މުހަންމަދު އިމާދުއްދީނެވެ. އެކަމަކު ހަސަން ނޫރައްދީނާއި މުއީނުއްދީނުގެ ރަސްކަމުގައި ހުވަދު އަތޮޅުން ފަޅުވި ރަށްރަށުގެ ނަންތައް ހަސަން ތާޖުއްދީންގެ ތާރީހުގައި ލިޔުއްވާފައި އޮތް އިރު ގަމުގެ ނަމެއް ނެތެވެ. މިހެން ވުމުން، ގަމަކީ ކުއްލިއަކަށް ފަޅުވި ރަށެއް ނޫން ކަމަށް ވެސް ބެލިދާނެ އެވެ. ނަމަވެސް މަޑުމަޑުން މީހުން މަދުވަމުން ގޮސް އެންމެން ހުސްވީ ކަމަށް ބެލިޔަސް އެ ބަޔަކު ދިޔަ ރަށެއް އޮންނަން ވާނެ އެވެ. އެކަމަކު އެހެން އެއްވެސް ރަށަކުން ގދ. ގަމަށް ނިސްބަތްވާ މީހަކު ނުފެނެ އެވެ.

އެ މީހުންނަށް ވީ ކިހިނެއް؟

ބޮޑެތި ބަލިމަޑުކަމާއި ނާމާންވުމާއި ރަށް ގިރުމާއި ފޭރޭ މީހުންނަށް ފަސޭހައިން އެރުން ފަދަ ކަންކަމަކީ އިހުގައި ރަށްރަށް ފަޅުކޮށްފައި މީހުން ފައިބައިގެން ދާން މެދުވެރިވި މައިގަނޑު ސަބަބުތައް ކަމަށް ވިޔަސް މިގޮތަށް ދާ މީހުން ނުވަތަ އެ މީހުންގެ އާއިލާތައް ކައިރި އެހެން ރަށްރަށުން ފެނެ އެވެ. އެއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެކަން ހިނގަމުން އަންނަ ގޮތެވެ.

ބުޅާތަކެއްގެ ސަބަބުން ރަށް ފަޅުވި ކަމަށް ބުނާ ވާހަކައަށް އިތުރުވާ އަނެއް ސުވާލަކީ މިއީ އެވެ. އާންމުކޮށް ދިމާވާ ސަބަބެއް މެދުވެރިވެގެން ރަށް ފަޅުކޮށް މީހުން ދިޔަ ނަމަ އެ މީހުން ކޮބައި ހެއްޔެވެ؟ ކައިރި ރަށްރަށުގައި ގަމު މީހަކު ވަޒަންވެރިވެފައި ނުވާ ކަމަށްވެ އެވެ. އެއީ އެއިން މީހެއް ނުވަތަ މީހެއްގެ އާއިލާއެއް ވެސް ފެންނަން ނެތަތީ އެވެ.

ބާރަށް ގޮވާލިޔަސް، އަޑު ފޯރާހާ ހިސާބުގައި އޮތް ގައްދޫގައި ވެސް ގަމު މީހަކު ވަޒަންވެރިވިކަން އެނގޭކަށް ނެތެވެ. ނުވަތަ އެހެން ގޮތަކުން ވެސް އެ ރަށު މީހަކު ގައްދޫގައި އުޅުނު ކަމެއް އެނގޭ މީހަކު އެ ރަށުގައި ހުރި ކަމަކަށް ނުވެ އެވެ.

ގައްދޫ މީހުން ބުނާ ގޮތުގައި ގަމަކީ ގައްދޫ މީހުން ދަނޑުވެރިކަމާއި އެހެން ބޭނުންތަކަށް ކޮންމެ ދުވަހަކު ދާ ރަށަކަށް ވިޔަސް އެ ރަށުގައި ރޭގަނޑު ތިބުމަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް ކޮށް އުޅުނު ކަމެއް ނޫން

ބުޅަލަކީ އިންސާނުން ރޮލާ ކާ ޖަނަވާރެއް ނޫނެވެ. އެހެންކަމުން ބުޅާތަކެއްގެ ސަބަބުން އަދި ހަމަ އެންމެ ރެޔަކުން އެންމެން މަރުވާން ޖެހުނު ސަބަބެއް ނުވިސްނެ އެވެ. މަރުވި މީހެއްގެ ހަށިގަނޑު ވެސް ނުފެންނަ ކަމަށް ބުނަންޏާ ރަށު މީހުން އެ ރަށް ދޫކޮށްފައި އެހެން ރަށަކަށް ދިއުން އެކަށީގެންވެ އެވެ. އެކަމަކު އެއްވެސް ރަށަކުން ވެސް ގަމު މީހަކު ނުފެނުމަކީ، ހައިރާންވާން ޖެހޭވަރުގެ ކަމެކެވެ. ރާއްޖޭން ބޭރަށް ދަތުރުކޮށް އުޅުނު، ފޯރާ ބަޔަކަށް ވާތީ އެއް ރެއެއްގެ ދަންވަރު އެންމެން ފުރައިގެން ދިޔައީ ހެއްޔެވެ؟ ނުވަތަ ފޭރޭ މީހުން ރަށްރަށަށް އަރައި ލޫޓުވި އެ ޒަމާނުގައި ރަށު އެންމެން ރަހީނުކޮށްގެން ގެންދިޔައީ ހެއްޔެވެ؟

ގަމަށް ބުޅާ ގެންދިއުން މަނާކޮށްފައި އޮތް

ގަން 1985 ހިސާބުގައި ވަރުވާ އަށް ލިޔެގެން އުޅުނު ހަސަން ހުސައިން މަނިކާ ހަވާލާދީ ބައެއް ވާހަކަތައް މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވި އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ގަމަށް ބުޅާ ގެންދިއުން އޮތީ 1975 ވަނަ އަހަރާ ހިސާބަށް އައި އިރު ވެސް މަނާ ކަމެއްގެ ގޮތުގަ އެވެ. އަދި ގައްދޫ މީހުން މިހާރު ވެސް އެ ވާހަކަ އެގޮތަށް ދައްކަ އެވެ. އެ މީހުން ބުނަނީ އެކަން އެގޮތަށް އޮތީ ގަމަށް ބުޅާ ގެންގޮސްފި ނަމަ ރަށުން "ދަރަ ހިލި" ރަށް ނާމާންވާތީ ކަމަށެވެ. އެހެން ދިމާވުމުން، ގަމަށް ދަނޑުވެރިކަމުގެ ގޮސް އުޅޭ މީހުންނަށް ރޭގަނޑު ރަށު ތެރެއިން އަންހެން ކަޅު ހަންޑި ފެނުމާއި ބޮޑެތި އަލިގަނޑުގަނޑު ފެންނަ ކަމުގެ ވާހަކަތައް ވެސް ދައްކަ އެވެ. އެކަމަކު މިހާރު ގަމުގައި ބުޅާ އުޅެ އެވެ.

ދެން ދައްކަނީ ގަން ފަޅުވުމަށް ފަހު ގައްދޫ ވެސް ނާމާންވި ވާހަކަ އެވެ. ރަށުތެރެއަށް އަލިގުޅަތައް ވެއްޓޭތަން ފެނުމާއި އާދަޔާ ހިލާފަށް މީހުން މަރުވުން ފަދަ ކަންތައް ދިމާވީ އެވެ. އެކަމަކު ގައްދޫ މީހުން ބުނަނީ މިކަން ހައްލުކުރަން އައްޑޫ މީދޫން ކުޑަރަނިޔަގެ މުހައްމަދު މަނިކުފާނު (ކުދުރަނިޔަގެ ބެއްޔާ) ގައްދު އަށް ގެންގޮސް ފަންޑިތަ ހެދުމުން އެކަން ރަނގަޅުވެ ރަށް އަމާންވީ ކަމަށެވެ.

ގައްދޫ މީހުން ބުނާ ގޮތުގައި ގަމަކީ ގައްދޫ މީހުން ދަނޑުވެރިކަމާއި އެހެން ބޭނުންތަކަށް ކޮންމެ ދުވަހަކު ދާ ރަށަކަށް ވިޔަސް އެ ރަށުގައި ރޭގަނޑު ތިބުމަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. ގަމަށް ދާ ނަމަ އެންމެ އަވަހަށް ވެސް ދަނީ އަލި ވިލި ހެނދުނު ވީމަ އެވެ. އިރު އޮއްސެންވާއިރަށް އެނބުރި ގައްދުއަށް ދާނެ އެވެ. އެކަމަކު ދަނޑުވެރިކަމަށާއި ރަށް ބެލެހެއްޓުމަށް މިހާރު ގަމުގައި ބިދޭސީން ތިބެ އެވެ.

އެކަމަކު ބުޅަލަކީ އަދިވެސް އެ ރަށަށް އާންމު އެއްޗެއް ނޫނެވެ.