Roadha Mihaaru

ބޮއްކުރައެއްގައި ބަޔަކު ހައްޖަށް ފުރި ވާހަކަ އެހިންތަ؟

17 އެޕްރީލް 2023

މިއީ ފ. ދަރަނބޫދޫގައި މިހާރު ވެސް ވަރަށް މަޝްހޫރު ވާހަކަ އެކެވެ. މި ރަށު މީހުންނާ ދިމާއަށް މަލާމާތަކަށް ވެސް ބުނެލާ އެއް ވާހަކަ އަކީ މި އެވެ؛ ކަލޭމެންތީ ބޮއްކުރާގައި ހައްޖަށް ދިޔަ މީހުން ނޫން ހެއްޔޭ އެވެ.

އިސްމާއިލް ނަސީރު ފ. ދަރަނބޫދޫން އިސްމާއިލް ނަސީރު

މިއީ ފ. ދަރަނބޫދޫގައި މިހާރު ވެސް ވަރަށް މަޝްހޫރު ވާހަކަ އެކެވެ. މި ރަށު މީހުންނާ ދިމާއަށް މަލާމާތަކަށް ވެސް ބުނެލާ އެއް ވާހަކަ އަކީ މި އެވެ؛ ކަލޭމެންތީ ބޮއްކުރާގައި ހައްޖަށް ދިޔަ މީހުން ނޫން ހެއްޔޭ އެވެ.

ބޮއްކުރައެއްގައި ތިން ހަތަރު މީހަކު މި ރަށުން ހައްޖަށް ފުރައިގެން ދިޔަ ކަމަށް ބުނާ ވާހަކައަކީ އެއް ބަޔަކު ބުނާ ގޮތުން ފުލޯކު ވާހަކައެކެވެ. އެކަމަކު ހަމަ މި ރަށުގެ ދުވަސްވީ ބައެއް މީހުން ބުނާ ގޮތުން އެއީ ހަގީގަތުގައި ވެސް ހިނގި ކަމެކެވެ.

މުހަންމަދު "މިހާރު" އާ ވާހަކަ ދައްކަނީ

މުހަންމަދު "މިހާރު" އާ ވާހަކަ ދައްކަނީ

"އަޅުގަނޑުމެންގެ ކާފަގެ ކާފަގެ ކާފަ ހިސާބުން ފެށިގެން ވެސް މި ވާހަކަ ދެކެވެމުން އައީ. ވަރަށް ދިގުކޮށް ދައްކާ ވާހަކައެއް މިއީ،" މި ރަށު ދުވަސްވީ މީހެއް ކަމަށްވާ، ނޫރާނީ ހައުސް މުހަންމަދު މަހުމޫދު ބުންޏެވެ.

"ތަފާތު ގޮތްގޮތަށް މި ވާހަކަ ދެކެވޭ. އެކަމަކު ރަށުގެ އެއްކޮޅުން އެ މީހުން ހައްޖަށް ފުރި ކަމާއި އެނބުރި އާދެވުނީ މި ރަށުގެ އަނެއްކޮޅަށް ކަން އެއީ ހަގީގަތެއް ކަމަށް ވަނީ."

މި ރަށުގެ އެންމެންނަށް ވެސް މި "ހައްޖު ދަތުރު"ގެ ކަންކަން އެނގެ އެވެ. މި ރަށަށް އަރާ މީހަކަށް މި ރަށުގެ ތާރީހު ސިފަކޮށްދެމުން ވެސް، މި ވާހަކަ ގެނެ އެވެ. އެއީ، ބެލެވޭ ގޮތުގައި، މިކަން ހިނގާފައި އޮތަސް 300 ވަރަކަށް އަހަރު ކުރިން ހިނގާފައިވާ ކަމެކެވެ.

ލަތީފު "މިހާރު" އާ ވާހަކަ ދައްކަނީ

ލަތީފު "މިހާރު" އާ ވާހަކަ ދައްކަނީ

ދުވަސްވީ މީހުން ބުނާ ގޮތުން، މި ރަށުގައި އޭރު އުޅުނީ ހަށިގަނޑުން ވަރުގަދަ އަދި އިސްކޮޅުން ވެސް ދިގު މީހުންނެވެ.

"މި ރަށުގައި އޮންނާނީ ހަތަރު ވަރަކަށް އާއިލާ. މިހާރު ވެސް މި އުޅެނީ އެ ހަތަރު ވަރަކަށް އާއިލާގެ މީހުން. އެހެންވީމަ އެކަކު އަނެކަކާ ވަރަށް ގުޅުން ވެސް ބޮޑުވާނެ،" މި ރަށު ޒަމާނީ ހައުސް އަބްދުއްލަތީފު ބުންޏެވެ.

އޭނާ މި ވާހަކަ ކިޔައިދޭ ގޮތަކީ މި އެވެ؛

"ހައްޖަށް ދިއުމުގެ ނިޔަތުގައި އެ މީހުން އިހުރާމް ވެސް ބަނދެގެން ތިން ހަތަރު މީހަކު ބޮއްކުރައެއްގައި ފުރަނީ. ފުރައިގެން ގޮސް މޫސުން ގޯސްވެގެން ފަޅުރަށެއްގައި ހަފުތާއެއްހާ ދުވަހު ތިބެފައި އަނެއްކާ ވެސް ފުރައިގެން ގޮސް އެނބުރި އާދެވެނީ މި ރަށުގެ އަނެއްކޮޅަށް،" އޭނާ ކިޔައިދިނެވެ.

"ރަށު މީހުންނަށް ވެސް ވަރަށް ފޮނިކަނޑާފައި ދިޔަ ކަމަށް އަޑު އިވެނީ. ދެން އެހެންވީމަ ދެރަ ނުވާންވެގެން، ހައްޖުން އައި ކަމަށް ހެދެން ވެގެން އެ މީހުން ރަށަށް ފައިބައިފައި އަތިރިމަތީގައި ހުރި މީހަކާ ބޭރު ބަހަކުން [އެ މީހުންގެ ހިތުން އަރަބި ބަހުން] ވާހަކަ ދައްކަނީ."

"މި ބުނަނީ ކޯންސާ ޖަންޖީރާހޭ..."

"އަނެއްކޮޅުން [ރަށުގައި ހުރި މީހާ] އަށް ހީވީ އިހުރާމް ބަނދެގެން ތިބީމަ ބޭރުބައެއް ކަމަށް. އޭނާ މި ބުނަނީ ދަރަނބޫދޫކާ ޖަޒީރާހޭ."

މުހަންމަދު ބުނި ގޮތުގައި ދަރަނބޫދު އަކީ ވެލާ އަރާ ރަށަކަށް ވާތީ، ދެން އެހީ އެ ރަށަށް ވެލާތޯ އެވެ.

"މި ބުނަނީ ވެލާ ކާ ބޫތާހޭ... އޭރު ވެސް އެއް ވެލާ ފައިބަނީ..."

އެކަމަކު އޭނާ ވެސް ބުނަނީ އެކަން ހިނގައިދިޔަ ގޮތެއް އޭނާ އަށް ވެސް މުޅިން ނޭނގޭ ކަމަށެވެ.

މި ކަންތައްތަކުގެ މައްޗަށް، ލިޔުންތެރިޔާ އަހުމަދު ޝަކީބު ]ޝަކީބުބެ[ ވަނީ ހިޔާލީ ވާހަކައެއް ވެސް ލިޔުއްވައިފަ އެވެ. ކުޑަކުދިންނަށް އަމާޒުކޮށް އޭނާ 1988 ގައި ލިޔުއްވި "އައްޔާބޭގެ ހައްޖު ދަތުރު"ގައި ވެސް މި ވާހަކަ ގެނެސްދީފައި އޮންނަނީ ގާތްގަނޑަކަށް ހަމަ މިހެންނެވެ.

އައްޔާބޭގެ ހައްޖު ދަތުރު ވާހަކައިން ނަގާފައިވާ ކުރެހުމެއްގައި މަންޒަރު ސިފަކޮށްދީފައި

އައްޔާބޭގެ ހައްޖު ދަތުރު ވާހަކައިން ނަގާފައިވާ ކުރެހުމެއްގައި މަންޒަރު ސިފަކޮށްދީފައި

އެ ވާހަކައިގައި ބުނެފައިވާ ގޮތުގައި ބޮއްކުރައަށް އެރީ ދެ މީހުންނެވެ. އަދި އެ ދެ މީހުން ހައްޖަށް ދާން ނިންމިއިރު، އެކަމުގައި އިސްކޮށް އުޅުނު އައްޔާބޭ އަނެއް މީހާ [ހަސަން] އަށް ވިސްނައިދިނީ މިންވަރު ކުރެއްވިއްޔާ ބޮއްކުރައެއްގައި ވެސް ހައްޖަށް ދެވިދާނެ ކަމެވެ. އެހެންވެ، ޒުލްގައިދާ މަހުގެ 15 ވަނަ ވީ ހުކުރުވިލޭރޭ ބޮއްކުރައެއްގައި އެ މީހުން ހައްޖަށް ފުރީ އެވެ. އަދި ހަފުތާއެއްވީތަނާ ވަރުބަލިވެގެން އަދޮޅުދޫ ކިޔާ ފަޅު ރަށެއްގައި މަޑުކުރީ އެވެ.

"ކަން ދިމާވި ގޮތުން އެ ދުވަސްވަރަކީ ފުސް ނަކަތުގެ ވިއްސާރަ ކުރަން ފެށި ދުވަސްވަރެވެ. އެހެންކަމުން އައްޔާބެ އާއި ހަސަނަށް އެ ރަށުން ނުފުރި ހަފުތާއެއްހާ ދުވަހު އެ ރަށުގައި ތިބެން ޖެހުނެވެ. އަދި، ބޮއްކުރައެއްގައި ހައްޖަށް ދިއުމަކީ ނުވާނެ ކަމެއް ކަން ގަބޫލުކޮށް އެނބުރި ރަށަށް ދާން އެ މީހުން ނިންމި" ކަމަށާއި އެކަމަކު، ލަދަށް ޓަކައި ހައްޖަށް ނުދާކަން ސިއްރު ކުރަން ދެ މީހުން ނިންމި ކަމަށް ވާހަކައިގައި ލިޔެފައި ވެ އެވެ.

އެ ދެ މީހުން ދަރަނބޫދު އަށް ފައިބައި ދިވެހި ބަސް ނޫން ބަހަކުން ވާހަކަ ދައްކަން ފެށުމުން މި ރަށު މީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ ހަމަ އެ މީހުންނެކޭ އެއްފަދައިންނެވެ. އަދި، ކާސިމު ގަދަތޯ އަހާލި އެވެ.

"ކަހާސުން ގައްދާހޭ؟"

ޖަވާބުގައި އާދަނު ކިޔާ ބުންޏެވެ: "ޖައްރަކަ ބުއްރާހޭ!"

ބުނާ ކޮންމެ އެއްޗަކަށް މި ރަށުން ރައްދުގައި އެއްޗެއް ބުނަން ފެށުމުން އެ މީހުން އިތުރަށް ވާހަކައެއް ނުދައްކަ އެވެ.

"އަހާ ކޮންމެ އެއްޗަކަށް ހަމަ އެހެން ޖަވާބު ދޭތީ ދެން އިތުރަށް އެ ވާހަކަ ނުދައްކަން އެ މީހުން ނިންމައިފި. އެހެން ނޫނީ ފަޅާ އަރާނެތާ؟" މުހަންމަދު ބުންޏެވެ.

އެކަން އެ ނިމުނީ އެވެ. އެކަމަކު، އެ ވާހަކަ އަކީ، މި ރަށުގައި އަދިވެސް "ހޫނުކޮށް" ދެކެވޭ ވާހަކައެކެވެ. މި ރަށަށް އަރާ މީހަކު ރަށުން ފައިބައިގެން ދާނީ މި ވާހަކައިގެ ކޮންމެވެސް އެއް ވާޝަންއެއް ހިފައިގެންނެވެ.