Roadha Mihaaru
އައިޝްވާރިއާގެ އާ ފިލްމު އަންނަ އަހަރުގެ މެދުތެރޭގައި

އައިޝްވާރިއާގެ އާ ފިލްމު އަންނަ އަހަރުގެ މެދުތެރޭގައި

20 ސެޕްޓެމްބަރ 2021

ބަތަލާ އައިޝްވާރިއާ ރާއީ ފަސް އަހަރު ފަހުން ކުޅުނު ފުރަތަމަ ފިލްމު "ސެލްވަން ޕޮނިޔިން" ގެ ފުރަތަމަ ބައިގެ ޝޫޓިން ނިންމާލައި، އަންނަ އަހަރުގެ މެދުތެރޭގައި ފިިލްމު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ އައިޝްވާރިއާ ރާއީ ފަސް އަހަރު ފަހުން ކުޅުނު ފުރަތަމަ ފިލްމު "ސެލްވަން ޕޮނިޔިން" ގެ ފުރަތަމަ ބައިގެ ޝޫޓިން ނިންމާލައި، އަންނަ އަހަރުގެ މެދުތެރޭގައި ފިިލްމު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

ޕޯސްޓަރުގައިވާ ގޮތުން ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ހޫނު މޫސުމުގަ އެވެ. އެހެންވެ "ޕީއެސް-1" އަޅުވާނީ މެއި/ޖޫން ހިސާބުގަ އެވެ.

އިންޑިއާގެ އެންމެ މޮޅު އަދި އަދި އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މަތީ ރަތުނަމް ދެ ބަޔަކަށް ގެނެސްދޭ ފިލްމުގައި އައިޝްވާރިއާ ފެންނާނީ ޑަބަލް ރޯލަކުންނެވެ. "ޕީއެސް-1" އަކީ 500 ކްރޯޑް ރުޕީސް (64.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާފައިވާ ފިލްމެކެވެ. މިއީ ކުރީގެ މަޝްހޫރު ލިޔުންޔެރިޔާ ކަލްކީ ކްރިޝްނަމުރުތީ "ސެލްވަން ޕޮނިޔިން" ގެ ނަމުގައި 1955 ގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ. މިއީ އިންޑިއާގެ ކުރީގެ ސަގާފަތާއި އާދަކާތައް ވަރަށް ބޮޑަށް ފެނިގެން ދާނެ ހިސްޓޮރިކަލް ޑްރާމާއެކެވެ.

ތަމަޅަ ބަހުން ހަދައި އަދި އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުން ޑަބްކޮށްގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓްގައި މައިގަނޑަކަށް ހިމެނެނީ ވެސް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިންނެވެ. އޭގެ ތެރޭގައި ތުރިޝާ، ކާތީ، ޖަޔަމް ރަވީ، ވިކްރަމް ޕްރަބޫ، ޕްރަކާޝް ޖާ، ޖަޔަރާމް އަދި ޝޮބީތާ ދުލިޕާލާ ހިމެނެ އެވެ.

"ޕީއެސް-1" ގެނެސްދޭ ރަތުނަމް އަކީ އައިޝްވާރިއާގެ 2007 ގެ "ގުރޫ" އާއި 2010 ގެ "ރާވަން" ގެ ޑައިރެކްޓަރު ވެސް މެ އެވެ. މިސް ވޯލްޑްގެ ތާޖު 1994 ގައި ލިބުމަށް ފަހު، އައިޝްވާރި، 47، އެކްޓިން އަށް ނުކުތީ ރަތުނަމް 1997 ގައި ގެނެސްދިން ތަމަޅަ ފިލްމު "އިރުވަރު" އިންނެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމަކީ ކަރަން ޖޯހަރްގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.