Roadha Mihaaru
ކޮވިޑް ބޭސް އެމެރިކާގައި ބޭނުންކުރުމަށް ހުއްދަ ދީފި

ކޮވިޑް ބޭސް އެމެރިކާގައި ބޭނުންކުރުމަށް ހުއްދަ ދީފި

23 ޑިސެމްބަރ 2021

މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ބަލިން ދިފާއުވުމަށް މަޝްހޫރު ފައިޒާ ކުންފުނިން އުފެއްދި ގުޅަ ބޭސް، އެމެރިކާގައި ބޭނުންކުރުމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާ އިން އިއްޔެ ހުއްދަ ދީފި އެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ބަލިން ދިފާއުވުމަށް މަޝްހޫރު ފައިޒާ ކުންފުނިން އުފެއްދި ގުޅަ ބޭސް، އެމެރިކާގައި ބޭނުންކުރުމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާ އިން އިއްޔެ ހުއްދަ ދީފި އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ފައިޒާގެ ގުޅަ ބޭހަށް މި ހުއްދަ ދިނީ، ދެކުނު އެފްރިކާ އިން އެންމެ ފަހުން ފެނުނު، ކޮވިޑް ވައިރަސް ކަމަށްވާ އޮމިކްރޯން ބާވަތުގެ ވައިރަސް، އެމެރިކާގައި ވަރަށް ހަލުވިކޮށް ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.

ފައިޒާ ކުންފުނިން ބުނި ގޮތުގައި ލެބޯޓްރީގައި ކުރި ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު، މި ބޭސް ބޭނުންކުރުމުން ކޮވިޑް ބަލީގެ މީހުންގެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ކުރަންޖެހޭ ވަރަށް ބަލިމީހާގެ ހާލަތު ގޯސްވުން ކުޑަކޮށްދެ އެވެ. އަދި މި ބޭހުން ބައްޔާ ދެކޮޅަށް ފުރިހަމައަށް މަސައްކަތްކުރާ ނިސްބަތަކީ 90 ޕަސެންޓް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން، މި ބޭހަކީ މިހާރު ފެތުރެމުންދާ އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ބޭހެއް ކަމަށް، ފައިޒާ ކުންފުނިން ބުނެ އެވެ.

އެފްޑީއޭ އިން ބުނި ގޮތުގައި ފައިޒާ ކުންފުނިން އުފެއްދި ކޮވިޑް ބޭހަށް ހުއްދަ ދީފައިވަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށެވެ. އަދި އެގޮތުން މި ބޭސް ބޭނުންކުރެވޭނީ، ކޮވިޑް ބަލީގެ އެންމެ އާދައިގެ މިންވަރުން ފެށިގެން މެދުމިނުގައި ބަލީގެ އަލާމާތްތައް ފާޅުވާ ބޮޑެތި މީހުންނަށެވެ. އޭގެ އިތުރުން ކުޑަކުދިންގެ ތެރެއިން ވެސް 12 އަހަރުން މަތީގެ ކުދިންނަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކޮވިޑްގެ ވަބާގެ ނުރައްކާތެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ފައިޒާގެ ކޮވިޑް ބޭހަށް ހުއްދަ ދިނުމަކީ، މި ވަބާ އިން ރައްކާތެރިވުމުގައި ބޭނުންކުރެވޭނެ އިތުރު ވަސީލަތަކަށް ވާނެ އެވެ. އެހެން ކަމުން ވީހާ ގިނަ މީހުންނަށް މި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެފްޑީއޭ އިން ބުންޏެވެ.

މިހާރު ހަމަޖެހިފައި އޮތް ގޮތުން މި ބޭސް މިހާރު ލިބޭނީ ޑޮކްޓަރުގެ ބޭސް ސިޓީއަށް އެކަންޏެވެ. އަދި މި ބޭސް ބޭނުންކުރާނީ ކޮވިޑް ބައްޔަށް ޕޮޒިޓިވްވެ، ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ ފަސް ދުވަހުގެ ތެރޭގަ އެވެ.

ފައިޒާ އިން އުފެއްދި ކޮވިޑް ބޭހަށް ދީފައިވާ ވިޔަފާރި ނަމަކީ "ޕެކްސްލޮވިޑް" އެވެ. މި ބޭސް ބޭނުންކުރާނީ، ކޮވިޑްގެ އަލާމަތްތައް ފެންނަން ފެށުމުން، ފަސް ދުވަސް ވަންދެން ކޮންމެ 12 ގަޑިއިރަކުން ގުޅައެކެވެ.

ކޮވިޑުން ދިފާއުވުމަށް، އެމެރިކާގެ މާކް ކުންފުނިން އުފެއްދި ގުޅަ ބޭހަށް ހުއްދަ ހޯދުމަށް އެކުންފުނިން ހުށަހެޅި ދިރާސާ ލިޔުންތައް، އެފްޑީއޭ އިން އަދިވެސް އަންނަނީ ދިރާސާ ކުރަމުންނެވެ. މާކް ކުންފުނީގެ ގުޅަ ބޭހަކީ، ފައިޒާ ކުންފުނީގެ ކޮވިޑް ގުޅަ ބޭހަށް ވުރެ، އޭގެ ނަތީޖާ ދަށް ބޭހެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.