Roadha Mihaaru
"މެޑިސިން ކިޔަވާ ކުދިންގެ ކިޔެވުމަށް ބުރުނާރާނެ"

މެޑިސިން ކިޔަވާ ދަރިވަރުންގެ ކްލާސްތައް މައި ކެމްޕަހަށް، ކިޔެވުމަށް ބުރުނާރާނެ: އެމްއެންޔޫ

25 އެޕްރީލް 2024

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރިޔަސް، އެ ދަރިވަރުންގެ ލެބް ޕްރެކްޓިސްއަށް ބުރޫނާރާނެ ކަމަށް އެ ޔުނިވާސިޓީން މިރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރިޔަސް، އެ ދަރިވަރުންގެ ލެބް ޕްރެކްޓިސްއަށް ބުރޫނާރާނެ ކަމަށް އެ ޔުނިވާސިޓީން މިރޭ ބުނެފި އެވެ.

މެޑިސިން ކިޔަވާ ހުރިހާ ދަރިވަރުންގެ ކިޔެވުންތައް އެމްއެންޔޫގެ މެއިން ކެމްޕަހަށް ބަދަލުކުރަން އުޅޭތީ އެކަމުގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް އެމްއެންޔޫން ނެރުނު ބަޔާނެއްގައި ބުނީ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި 2018 ވަނަ އަހަރު ހިންގަން ފެށީ ވަގުތީ ގޮތުން ކަމަށެވެ.

އެމްއެންޔޫން ބުނީ މެޑިކަލް ސްކޫލުގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް އާންމު ރައްޔިތުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުންވާތީ ކަމަށެވެ.

"މި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބްތަކުން ދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމު، މި ޔުނިވާސިޓީގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެމްއެންޔޫއިން ބުނީ ޕްރެކްޓިކަލް ލެބްތަކުން ދެވޭ ހިދުމަތްތައް ޔުނިވާސިޓީގައި ގާއިމުކުރުމުގެ މަސައްކަތް ކުރާއިރު ހޮސްޕިޓަލުން ލިބެންޖެހޭ އަމަލީ ތަޖުރިބާތަކަށް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މެޑިކަލް ސްކޫލަށް ހާއްސަ ކެމްޕަހެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.

އެ ޔުނިވާސިޓީން ބުނީ އެ ޔުނިވާސިޓީގެ ކަންތައްތައް އިންތިޒާމު ކުރުމުގައި އަބަދުވެސް އިސްކަން ދޭނީ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ފެންވަރު ހިފެހެއްޓުމާއި ދަރިވަރުންގެ ރައްކާތެރިކަމާއި ހެވާ ލާބައަށް ކަމަށެވެ. އަދި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުމަށް އެ ޔުނިވާސިޓީން އިލްތިމާސްކުރި އެވެ.