Roadha Mihaaru
ދައުލަތުން 3.5 ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފި

ދައުލަތުން 3.5 ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފި

23 ޑިސެމްބަރ 2021

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭ މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 3.5 ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭ މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 3.5 ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި "ސަރުކާރަށް ދޫކޮށްފައިވާ ފައިސާ" ގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ އެބަ އޮތެވެ. މިއީ ދައުލަތަށް އެވަރުގެ އާމްދަނީއެއް ނުލިބި އެކަމަކު އެމްއޭއޭ އިން ސަރުކާރުގެ ހަރަދުތައް ހަމަޖައްސައިދޭން ޗާޕުކުރި ފައިސާ އެވެ.

ސަރުކާރުން މި އަހަރުގެ ނިޔަލަށް ޗާޕުކުރާ ފައިސާ ދައުލަތުގެ ދަރަންޏަށް އިތުރުވާނެ އެވެ. ސަބަބަކީ މި އަހަރުގެ ނިޔަލަށް އޯވަޑްރޯ ކޮށްފައިވާ އަދަދު ބޮންޑަކަށް ބަދަލުކުރަން ވަނީ ނިންމާފައި ވުމެވެ. މި ބޮންޑު ދައްކަނީ 50 އަހަރަށް ބަހާލައިގެން 2.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.

މިދިޔަ އޮކްޓޫބަރު މަސް ނިނުމު އިރު ސަރުކާރުން ވަނީ 2.7 ބިލިއަން ރުފިޔާ ޗާޕުކޮށްފަ އެވެ.

އަންނަ އަހަރު ވެސް 2.5 ބިލިއަން ރުފިޔާގެ ލިިމިޓުގައި ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމައި އެކަން މަޖިލީހުން ވެސް ވަނީ ފާސްކޮށްފަ އެވެ. އެ އަދަދު އޯވަޑްރޯ ކުރަނީ 0.1 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. މީގެ ކުރިން އޯވަޑްރޯ ކުރަމުން އައީ އެއްވެސް އިންޓްރެސްޓް ރޭޓަކާ ނުލަ އެވެ. ނަމަވެސް މިފަހަރު އިންޓްރެސްޓް ރޭޓެއް ކަނޑައެޅީ ހަރަދުތައް ހަމަޖެއްސުމުގައި ދައުލަތް ޒިންމާދާރުކުރުމަށް ކަމަށް އެމްއެމްއޭން ބުނެފައިވެ އެވެ.