Roadha Mihaaru
ރިސޯޓް ކުލި ކުޑަކުރުން: ގަވަރުނަރުގެ އިންޒާރެއް!

ރިސޯޓް ކުލި ކުޑަކުރުން: ގަވަރުނަރު ވިދާޅުވަނީ ލަންކާ އަށް ވީ ގޮތް ވެދާނެ ކަމަށް!

23 މެއި 2022

ރިސޯޓުތަކުގެ ކުލި ކުޑަކުރުން ކަހަލަ، ދައުލަތަށް އާމްދަނީ ދަށްވާ ކަންކަން މި ވަގުތު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ލަންކާ އަށް ދިމާވި ހާލަތުން ގަވަރުނަރު އަލީ ހާޝިމް މިސާލު ދައްކަވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިސޯޓުތަކުގެ ކުލި ކުޑަކުރުން ކަހަލަ، ދައުލަތަށް އާމްދަނީ ދަށްވާ ކަންކަން މި ވަގުތު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ލަންކާ އަށް ދިމާވި ހާލަތުން ގަވަރުނަރު އަލީ ހާޝިމް މިސާލު ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި، އެކި ސަރަހައްދުތަކުގައި ހަދާފައިވާ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އިގްތިސާދީ ކޮމިޓީގައި އެ ބިލާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބަދަލުތަކެއް އަންނަމުންދާ އިރު ރާއްޖޭގެ އާމްދަނީ އަށް ހުރަސް އެޅޭ ކަހަލަ ކަންކަން ކުރުން އެއްގޮތަކަށް ވެސް ރަނގަޅު ނޫން ކަމަށެވެ.

"މިހާރު ޔޫކްރެއިން މައްސަލަ އާއި ސަޕްލައި ސައިޑް ޝޮކްތައް އަންނަ އިރު ރެވެނިއު ދަށްވާ އެކްޝަންތަކެއް ނެގުން ބުއްދިވެރިއެއް ނޫން. އެ ގައުމުގައި ވެސް [ލަންކާގައި] އެކަހަލަ މައްސަލައެއް ދިމާވެގެން މިހާރު އެހެރީ އައިއެމްއެފް އަށް ދާ ހިސާބަށް ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ، މިފަދަ ބިލަކާ އެކު ދައުލަތުގެ އާމްދަނީ އަށް އަތުވެދާނެ ބަދަލުތަކުގެ ތަފްސީލުތައް އެނގޭނެ އެނަލިސިސްއެއް ހެދުން މުހިއްމު ކަމަށެވެ.

މިއަދު ބޭއްވި ކޮމިޓީގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި ބިލުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ފުޅާކުރަން ފުރުސަތު ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ޓޫރިސްޓުންގެ އަދަދު އިތުރު ކުރެވޭނީ އެނދު އިތުރު ކުރެވިގެން ކަމަށެވެ. އެއާ އެކު ދިގު ރާސްތާގައި ރާއްޖޭގެ ޓޫރިޒަމުން ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ދެކޮޅަށާއި މެދު ރާއްޖެ ތެރެއަށް ޓޫރިޒަމް ފުޅާކޮށް އެނދުތައް އިތުރުކުރަން އިންވެސްޓްމެންޓް ފަހި ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރިސޯޓު ކުލީގެ ގޮތުގައި މީގެ ކުރިން ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅުން ރިސޯޓު ހަދަން 200،000 އަކަމީޓަރަށް ވުރެ ކުދި ބިންތަކުގައި އަކަމީޓަރަކަށް ނަގަނީ އަށް ޑޮލަރާއި އެއް މިލިއަން ޑޮލަރާއި ދެމެދުގެ އަގުތަކެވެ. އެހެން ނަމަވެސް އެ އަދަދު މިހާރު ވަނީ ހަ ޑޮލަރާއި 750،000 ޑޮލަރާ ދެމެދުގެ އަަގެކެވެ. އޭގެ އިތުރުން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ކުޑަ ބިންތަކުގައި އަހަރަކަށް 1.5 މިލިއަން ޑޮލަރު ކުރިން ނެގި ނަމަވެސް އެ އަދަދު ވަނީ 1.1 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ. އަދި ހަތަރު ލައްކަ ޑޮލަރަށް ވުރެ އަގު ބޮޑެތި ބިންތަކަށް އަހަރަކަށް ދެ މިލިއަން ޑޮލަރު ނެގިއިރު އެ އަދަދު ވަނީ 1.5 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ.

ރިސޯޓް ކުލި ކުޑަކުރުމަކީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ގެއްލިގެންދާނެ ކަމެއް ކަމަށް ބުނެ، އިގްތިސާދީ ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. ގާނޫނަށް ގެންނަ ބަދަލާ އެކު، ރިސޯޓް ކުލިން ދައުލަތަށް ލިބޭ އާމްދަނީން އަހަރަކު 500 މިލިއަން ރުފިޔާ ގެއްލުމުގެ ބިރު އެބައޮތެވެ.