Roadha Mihaaru
ޗެކް ލިމިޓަށް އަމަލު ކުރުން ފަސްކޮށްފި

ޗެކް ލިމިޓަށް އަމަލު ކުރުން، ތައްޔާރު ނުވެވޭތީ ފަސްކޮށްފި

03 މާޗް 2023

ޗެކުން ފައިސާ ނެގޭ ލިމިޓަށް އަމަލު ކުރަން، އަންނަ މަހުން ފެށިގެން ކަނޑައަޅާފައި އޮތް ނަމަވެސް އެ އުސޫލަށް އަމަލުކުރުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފަސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޗެކުން ފައިސާ ނެގޭ ލިމިޓަށް އަމަލު ކުރަން، އަންނަ މަހުން ފެށިގެން ކަނޑައަޅާފައި އޮތް ނަމަވެސް އެ އުސޫލަށް އަމަލުކުރުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފަސްކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ އެ އުސޫލަށް އަމަލުކުރުން ފަސްކުރީ، އެކަމާ ގުޅޭ އިދާރާތަކުން އެކަމަށް ތައްޔާރުވެފައި ނުވާތީ ކަމަށެވެ. މިދިޔަ އަހަރު އެމްއެމްއޭ އިން ވަނީ އެ ޗެކް ބޭނުން ކުރެވޭ އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ދިވެހި ރުފިޔާއިން ނަމަ 50،000 އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ގެ ލިމިޓެއް ކަނޑައަޅަން ނިންމާފަ އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތްތައް އަވަސްކޮށް، ލުއިފަސޭހަ ކުރުމަށް ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި އެމްއެމްއޭ އާއި ބޭންކްތަކާއި ގުޅިގެން ޗެކް ބޭނުން ކުރާ ވަރު މަދު ކުރަން މަސައްކަތް ކުރާ ކަމަށެވެ.

އެ އުސޫލަށް އަމަލު ކުރަން ފަސް ކުރި އިރު ދެން އެ އުސޫލަށް އަމަލު ކުރާނެ ތާރީހެއް އެމްއެމްއޭ އިން އަދި ކަނޑައެއް ނާޅަ އެވެ.

އެމްއެމްއޭއިން ޗެކް ބޭނުން ކުރުން މަދު ކުރަން އަޅާނެ ފިޔަވަޅުުތައް އިއުލާނުކުރަން ބޭއްވި ޕްރެސް ކޮންފަރެންސް--ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއެމްއޭއިން ޗެކް ބޭނުން ކުރުން މަދު ކުރަން އަޅާނެ ފިޔަވަޅުުތައް އިއުލާނުކުރަން ބޭއްވި ޕްރެސް ކޮންފަރެންސް--ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއެމްއޭ އިން އެކުލަވައިލި އެކްޝަން ޕްލޭންގައިވާ ގޮތުން ޗެކުން ފައިސާ ނަގާ ނަމަ އިތުރު ފީއެއް ނެގުމަށް ވެސް ކަނޑައަޅާފައިވެ އެވެ.

އެމްއެމްއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ޗެކް ބޭނުން ކުރާ ވަރު 60 ޕަސެންޓަށް ވަނީ ކުޑަ ކުރެވިފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު 1.86 މިލިއަން ޗެކް ޕްރޮސެސް ކޮށްފައިވާ އިރު 2021 ވަނަ އަހަރު ކްލިއާ ކޮށްފައި ވަނީ ހަތް ލައްކަ ޗެކެވެ.

އާންމު ގޮތެއްގައި އެންމެ ގިނައިން ޗެކުން މުއާމަލާތްތައް ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އާންމު ވިޔަފާރިވެރިންނެވެ

ޗެކް ބޭނުން ކުރުން މަދުކުރަން ނިންމީ މާލީ މުއާމަލާތްތައް ހިންގުމުގައި ޗެކްގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ގިނަވާތީ، ފަސޭހަ ގޮތަކަށް މާލީ މުއާމަލާތްތައް ހިންގޭނެ ގޮތްތައް ފަހިކުރުމަށް ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.