Roadha Mihaaru

ސުނާމީގައި ފުނޑިގެން ދިޔަ ލ. އަތޮޅު: އަދިވެސް އެ ހަނދާންތަކުގައި!

26 ޑިސެމްބަރ 2021

އާ ދުވަހަކަށް އިރުއަރައި ހަތަރު ވަރަކަށް ގަޑިއިރު ވެގެންދިޔައިރު، އަހަރުގައި މާޒީވެގެން ދިޔަ އެހެން ދުވަސްތަކާ އެ ދުވަހަކާ އެއްވެސް ތަފާތެއް ނެތެވެ. ސްކޫލްގެ ބޮޑު ޗުއްޓީއަށް ވާތީ ރަށުތެރެ އާއި އަތިރިމަތީގައި ކުޑަކުދިން އުޅުނީ ކުޅޭށެވެ. ބޮޑެތި މީހުން މަސައްކަތުގައި އަވަދިނެތި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާ ދުވަހަކަށް އިރުއަރައި ހަތަރު ވަރަކަށް ގަޑިއިރު ވެގެންދިޔައިރު، އަހަރުގައި މާޒީވެގެން ދިޔަ އެހެން ދުވަސްތަކާ އެ ދުވަހަކާ އެއްވެސް ތަފާތެއް ނެތެވެ. ސްކޫލްގެ ބޮޑު ޗުއްޓީއަށް ވާތީ ރަށުތެރެ އާއި އަތިރިމަތީގައި ކުޑަކުދިން އުޅުނީ ކުޅޭށެވެ. ބޮޑެތި މީހުން މަސައްކަތުގައި އަވަދިނެތި އެވެ.

ލ. ކަލައިދުއަށް އުފަން އަހުމަދު ރަޝީދު ވެސް ޑިސެމްބަރު 26، 2004 ގައި، އެ ރަށާ އެއްފަސްގަނޑެއްގައި އޮންނަ އިސްދުއަށް ދިޔައީ އޭނާގެ ދަރިފުޅު ގްރޭޑް 10 އަށް ވެއްދުމަށް ބޭނުންވާ ފޯމު ހުށަހަޅާށެވެ. އެކަން ނިންމައި، އަނބުރާ ކަލައިދުއަށް ދަނިކޮށް އެ ހިސާބުގައި ކޮންމެވެސް ވަރަކަށް ރާޅުގެ އަސަރު ކޮށްފައި ހުރިތަން ފެނުނެވެ. އެކަމަކު މާ ބޮޑު ކަމެއް ހިނގައިގެން އުޅޭކަމެއް އޭރު ރޭކައެއް ނުލަ އެވެ.

ސައިކަލުގައި އެނބުރި ގެއަށް ދަނިކޮށް ރަޝީދުގެ ކުރިމަތިން ދިޔަ ބަހުގެ މަތިން ބޮޑު ރާޅެއް ބިންދާލި އެވެ.

"ސައިކަލު ބޮޑު ހަރަށް ލީ ބޮނޑީގައިި ފައި ވިއްދައިފިން. އައިސް ޖެހުނު ގަޑީގައި ސައިކަލް އަތުން ދޫވެއްޖެ. ސައިކަލް އަދި އަދަށް ދާން ވެސް ވީތަނެއް ނޭނގޭ. އިރުކޮޅަކުން އެ ބަހުގައި އިން މީހާ ބިއްލޫރިގަނޑު ތަޅާލާފައި ކަމެއް ދޮރު ހުޅުވާފައި ކަމެއް ނޭނގޭ، ނުކުމެއްޖެ. އޭރު ވިއްސަކަށް ފޫޓު ދުރުގައި އޭތި އޮތީ،" މީގެ 17 އަހަރުގެ މި ދުވަހުގެ ހަނދާންތައް، އަހުމަދު، 63، އާކުރި އެވެ.

ފޮނަދުއަށް ބޮޑު ރާޅު އަރައި ގެދޮރު ގެއްލުނު ބަޔަކު، އިމާރާތެއްގައި މަޑުކޮށްލައިގެން.- ފޮޓޯ: ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ

ފޮނަދުއަށް ބޮޑު ރާޅު އަރައި ގެދޮރު ގެއްލުނު ބަޔަކު، އިމާރާތެއްގައި މަޑުކޮށްލައިގެން.- ފޮޓޯ: ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ

ރަށުގެ އެކި ހިސާބުތަކުން ފެނުނު މަންޒަރާއި އަޑުއިވުނު މީހުންގެ ވާހަކަތަކުން އޭނާއަށް ޔަގީންވީ ބޮޑު ކަމެއް ހިނގައިގެން އުޅޭ ކަމެވެ.

މަރުވެފައި އޮއްވާ ފެނުނީ ރައްޓެއްސެއް

އަހުމަދު ބުނީ ކަލައިދޫގައި 15 ވަރަކަށް ފޫޓަށް ފެން ބޮޑުވެފައި ހުރި ކަމަށެވެ. އިމާރާތްތައް ބިމާ ހަމަވެ، ގޭގައި ހިފާގެންގުޅޭ ސާމާނާއި އެ ނޫން ވެސް ތަކެތި ރާޅާއެކު އޮޔާދާތަން ފެނުނެވެ. އޭގެ ތެރެއިން އެއްޗެއްގައި ޖެހި އޭނާގެ ފައި ވެސް ޒަހަމްވި އެވެ. އެހެން ހުއްޓައި، ހޮޅިދަނޑިއެއްގައި އެލިގަނެ، އަމިއްލައަށް ސަލާމަތްވާން މަސައްކަތްކުރަނިކޮށް ފެނުނީ ރަށުގެ މުދިމްބެއާ އެވެ. އޭނާގެ އެދުމުގެ މަތިން މިސްކިތަށް ދިޔައިރު، މަރުވެފައި އޮތް ހަތަރު މީހަކު އެ ތަނުގައި ބާއްވާފައި އޮތް ކަމަށް އަހުމަދު ބުންޏެވެ.

ނަމަވެސް ރަށުގައި ފެންގަނޑު ބޮޑުކަމުން ފަސޭހައިން ވަޅުލެވޭ ގޮތެއް ނުވި އެވެ. އެހެންވެ، ބައެއް މީހުން ވަޅުލީ ސުނާމީގައި މާ ބޮޑު ގެއްލުމެއް ނުލިބޭ އިސްދޫގަ އެވެ.

މުންޑުއަށް ރާޅު އަރައި ގެއްލުން ލިބުނު ގެއެއް ކައިރީގައި ކުޑަ ދެ ކުއްޖަކު މަޑުކޮށްލައިގެން.

މުންޑުއަށް ރާޅު އަރައި ގެއްލުން ލިބުނު ގެއެއް ކައިރީގައި ކުޑަ ދެ ކުއްޖަކު މަޑުކޮށްލައިގެން.

އޭރު ގެއްލިގެން ހޯދަމުން ދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކަކީ އިބްރާހިމްބެ އެވެ. އޭނާގެ މުންޑު ފެނުނީ، މަރުވެފައި އޮއްވާ ފެނުނު ކުޑަ ކުއްޖެއް ވަޅުލަން އުޅުމުގެ ތެރޭގައި، އެ ހިސާބުގައި އުޅުނު އެހެން ކުއްޖަކަށެވެ. އެހެންވެ، އަހުމަދަށް ޔަގީންވީ، އިބްރާހިމްބެގެ ހަށިގަނޑު އެ ސަރަހައްދުން ފެންނާނެ ކަމަށެވެ. އަތިރިމަތީގެ އެކި ތަންތަން ބަލަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ދެ ގަސް ދޭތެރޭގައި ތާށިވެފައި އޮއްވަ އެވެ.

"އެއީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ދާނެ ދުވަހެއް ނޫން،" ސުނާމީގައި ގެއްލުނު މީހުން ހޯދަން އަމަލީ ގޮތުން މަސައްކަތްކުރި އަހުމަދު ބުންޏެވެ.

ގެއްލުނު މީހުންގެ ތެރެއިން އެކަކު ފެނުނީ ވެސް ހަފުތާއެއް ފަހުންނެވެ.

"ޕްލާސްޓިކް ބޮއްޔެއް ހެން ހީވާ އެއްޗެއް ފެނިއްޖެ، ފެނިގެން ދަނޑިކޮޅަކުން މި ޖައްސާލީ. ކޮންމެވެސް ވަރަކަށް ބޮލުގައި އިސްތަށި ހުރި ފެންނަން. އަދިވެސް ސާފުކޮށްލަން ބޮޑަށް މި ބަލައިލީ. ބަލައިލިއިރު އާދަމުގެ ދަރިއެއްކަން އެނގިއްޖެ.. ނެގިއިރު ނެތް އަތްޖަހާލަން ކެރޭވަރަށް، ހަންގަނޑު ވެސް ފައިބައިގެން ގޮސްފި."

ސުނާމީގައި ކަލައިދުއަށް އުފަން އަހުމަދު ރަޝީދުގެ ތަޖުރިބާ "މިހާރު" އަށް ހިއްސާކުރަނީ.- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ސުނާމީގައި ކަލައިދުއަށް އުފަން އަހުމަދު ރަޝީދުގެ ތަޖުރިބާ "މިހާރު" އަށް ހިއްސާކުރަނީ.- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ސުނާމީގައި އަހުމަދުގެ އަށް ދަރިންނާއި އަންހެނުން ދިރިއުޅެމުން ދިޔަ ގޭ އެއްކޮށް ހަލާކުވެގެން ދިޔައީ އެވެ. އެހެންވެ، އެފަދަ އާއިލާތަކަށް ހާއްސަކޮށްގެން ސަރުކާރުން ތިން ކޮޓަރީގެ ގެތަކެއް އިމާރާތްކޮށްދިނެވެ. ނަމަވެސް އަހުމަދު ގަބޫލުކުރާ ގޮތުގައި އެއީ އަދުލުވެރި ބަދަލެއް ނޫނެވެ.

"މިހާރު މައްސަލައަކީ އެ ތަނުގައި ދިރިއުޅެވެން ނެތީ. ފާރުތަކާ އެއްޗެހި ވެއްޓިފައި އެ ހުރީ. މިހާރު އުޅެނީ 3،000 އަކަފޫޓުގެ ތަނެއްގައި. ކުރިން އުޅުނީ 10،000 އަކަފޫޓުގެ ތަނެއްގަ އެވެ. އަށް ދަރިންނާއި ގޭތެރޭގެ ހުރިހާ ހަރަދެއް ވެސް ކުރިން ބަލަހައްޓަމުން ދިޔައީ ގޭތެރޭގައި ހައްދައި، ވިއްކި އެއްޗެހިން. އެކަމަކު 8 ފޫޓު، ހަތަރު ފޫޓު ވަޅުގަނޑެއް ކޮނެފައި، އަނބު އިންދިއަސް މިހާރު މަރުވަނީ،" އޭނާ ބުންޏެވެ.

ބާރު އަޑެއް އިވޭއިރަށް އަދި ވެސް އެ ހަނދާންތައް

މީގެ 17 އަހަރު ކުރީގެ ތަޖުރިބާ އަށް ފަހު ބާރު އަޑެއް އިވޭ ކޮންމެ ފަހަރަކު ފަހީމާ، 55، ސިހިގެން ދެ އެވެ.

ފަހީމާ ވެސް އެ ދުވަހު ސައި ހަދައިގެން އޭނާގެ ދެ ކުދިން ގޮވައިގެން ދިޔައީ ބޭބެއެއްގެ ގެއަށެވެ. އެ ގެއަށް ދިޔައިރު ވެސް ބާރު އަޑުފަށްގަނޑެއް އިވެ އެވެ. ވެގެން އުޅޭ ގޮތެއް ބަލަން އެ ދެ ކުދިން ގޮވައިގެން އޭނާ ދިޔައީ، އެ އަޑު އަންނަހެން ހީވާ ދިމާލަށެވެ. ދިޔައިރު ކަމަކު ދާކަށް ނެތެވެ. ބޮޑު ރާޅު އެ އަންނަނީ ގަޔާ ދިމާލަށެވެ.

"ހަޅޭއްލަވަމުން މި ދުއްވައިގަތީ ބޮޑު ރާޅެއް އަރާ ވާހަކަ ގޮވަމުން،" ކަލައިދު އަށް އުފަން ފަހީމާ ބުންޏެވެ.

ސުނާމީގައި ގެއްލުން ލިބުނު ލ. ކަލައިދޫގެ ރައްޔިތުން، އެ ރަށުގެ ހިސާބަކަށް އެއްކޮށްފައި.-- ފޮޓޯ: ކަލައިދޫ ކައުންސިލް

ސުނާމީގައި ގެއްލުން ލިބުނު ލ. ކަލައިދޫގެ ރައްޔިތުން، އެ ރަށުގެ ހިސާބަކަށް އެއްކޮށްފައި.-- ފޮޓޯ: ކަލައިދޫ ކައުންސިލް

"މިހާރު ވެސް ބޭރުން މީހަކު ހަޅޭއްލަވައިގަތީމަ ހަމަ ހީވަނީ ރާޅެއް އަރައިގެން އުޅޭހެން،"

އެ ހާދިސާގައި އޭނާގެ ފިރިމީހާ، އަބްދުﷲ ނަސީމް، 70، އަހަރުގެ ފައި ބިންދައިގެން ދިޔައީ، ރާޅުތެރޭގައި ސަލާމަތްވެވޭނެ ގޮތެއް ނެތި އޮއްވަ ޖެހުނު އެއްޗަކުންނެވެ. އަމިއްލަ އަށް ކަނާތު ފައިގެ ހުޅު އެޅުވިއަސް ރަނގަޅެއް ނުވި އެވެ. ފަހުން ސަރުކާރުގެ ހަރަދުގައި އޭނާއަށް ފަރުވާ ދިނުމަށް މާލެ ގެނައީ އެވެ. ނަމަވެސް، އެ ބިރުވެރި ހާދިސާ އަށް އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ނަސީމްގެ ފައިގެ ރިހުން މުޅިއަކުން ރަނގަޅެއް ނުވި އެވެ.

ފަސް މިނެޓުން އަށް މަރު

ސްކޫލްގެ ޗުއްޓީ އަށް ވުމުން އޭރު މާލޭގައި ހުރި މުންޑޫ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަލީ އާދަމް (މުންޑޫ އަލިފުޅު) އަންހެނުންނާ އެކު އިމިގްރޭޝަނަށް ދިޔައީ ރާއްޖެ އަށް ބޭރަށް ދިއުމުގެ ކުރިން ޕާސްޕޯޓް އާކުރާށެވެ. އެ ތަނުގައި ތިބި ބަޔަކު މާލެއަށް ކޮންމެ ވެސް ކަމެއް ވެގެން އުޅޭކަމަށް ކިޔަމުން ދާތީ، ވެގެން އުޅޭ ގޮތެއް ބަލަން އަލިފުޅު ނުކުތީ މަގުމައްޗަށެވެ.

ރައީސް އޮފީހުގެ އެތެރެއިންނާއި ހުޅަނގުން އޮތް ގޯޅިން ކޮންމެ ވެސް ވަރަކަށް ލޮނުގަނޑު އަންނަތަން ފެނުނެވެ. އެކަމަކު އޭރު އޭނާ ހީކުރީ ފެން ހޮޅިއެއް ފަޅައިގެން ދިޔައީ އެވެ. ކޮޅުކޮޅަށް މީހުން ދުވަން ފަށައިފި އެވެ. ރައީސް އޮފީސް ކައިރީގައި މަޑުކޮށްލިތަނާ ލޮނުގަނޑު ވަރަށް ބާރަށް މައްޗަށް އަރައި، ތިރިވެ، އެ ތަނުގައި ހުރި ހުރިހާ އުޅަނދެއް އަރިއަޅާލި އެވެ. އާދަޔާ ހިޔާލު ކަމެއްކަން އެނގުނީ އެ ހިސާބުންނެވެ.

"ކުއްލިއަކަށް ލޮނުގަނޑު އަރާ ހަމަވެއްޖެ. ދިމާވި މީހުންގެ ފަރާތުން މި އެނގުނީ ސުނާމީއެއްކަން ރާއްޖެ އަށް އެރީ،" އޭނާ ބުންޏެވެ.

ލ. ކަލައިދު އަށް ސުނާމީ އަރައި ގެއްލުން ލިބުނު ގެއެއް ކައިރީގައި އުމުރުން ދުވަސްވީ މީހަކު މަޑުކޮށްލައިގެން.-- ފޮޓޯ: ކަލައިދޫ ކައުންސިލް

ލ. ކަލައިދު އަށް ސުނާމީ އަރައި ގެއްލުން ލިބުނު ގެއެއް ކައިރީގައި އުމުރުން ދުވަސްވީ މީހަކު މަޑުކޮށްލައިގެން.-- ފޮޓޯ: ކަލައިދޫ ކައުންސިލް

ރަށްރަށުން އެކި ކަންކަމުގައި ރަށްރަށުން މާލެ އައިސް ތިބި މީހުން އަމީނިއްޔާ ސްކޫލް ދޮށަށް އެއްވާން އެންގުމުން އަލިފުޅު ވެސް އެ ތަނަށް ދިޔަ އެވެ. އަދި ސުނާމީ އެރިތާ ތިން ވަނަ އަށް ވީ ދުވަހު، ހައްދުންމަތީގެ ހާލަތު ބެލުމަށް ސިފައިންގޭގެ އިސްވެރިޔަކާ އެކު އޭނާ ދަތުރު ފެށި އެވެ. އޭރު ވެސް އެ ހިސާބަށް ލިބިފައިވާ ގެއްލުމެއް ނޭނގެ އެވެ.

ޓާސްކް ފޯހެއް އެކުލަވާލައި އިސްދޫގެ ހާލަތު ބެލުމަށްފަހު ކަލައިދުއަށް ދިޔައިރު ފެނުނީ ހިތްދަތި މަންޒަރެކެވެ.

"ކަލައިދޫގައި ވަރަށް މަދު ގެއަކަށް ނޫނީ ލޮނުގަނޑުވަތް. ގެތައް ހުރީ ހަމަ ހަލާކުވެފައި. މަގުފާރުތައް ވެސް ވެއްޓި، މަގުމަތިން ހިނގައިނުގަނެވޭ،" އަލިފުޅު ބުންޏެވެ.

"މައިބައިދުއަށް އައިއިރު މައިބައިދޫގެ ހާލަތު ވެސް އެހާ ސީރިއަސްކޮށް އޮތީ. މަގުތައް މަތީ ހަމަ އެއްކޮށް ފާރުތަކާ އެއްޗެހި ވެއްޓި، ވަރަށް ގިނަ ގެތައް ބިމާ ހަމަވެފައި. ދެން އައީ އުފަން ރަށް، މި ރަށަށް [މުންޑޫ]. އައިއިރު މި ރަށުގެ ހާލަތު ވަކިން ގޯސް. މަގުތައް އޮތީ ފައިވެސް އަޅައިނުލެވޭ ވަރަށް، ފާރުތައް ފައިބައިފައި...ވަރަށް، ވަރަށް ސީރިއަސް. މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހުރި."

ސުނާމީގައި މުންޑުއަށް ލިބުނު ގެއްލުންތަކެއް.

ސުނާމީގައި މުންޑުއަށް ލިބުނު ގެއްލުންތަކެއް.

ދެ ދުވަހެއްގެ ތެރޭގައި އަތޮޅުގެ ދެބައި ކުޅަ އެއްބައިގެ ހާލަތު ބަލައިފި އެވެ. އެންމެ ބޮޑު ގެއްލުން ލިބުނު 13 ރަށުގެ ތެރެއިން އެއް ރަށަކީ، އަލިފުޅުގެ އުފަން ރަށް މުންޑޫ އެވެ.

އެ ރަށަށް 14 ފޫޓަށް ރާޅު އެޅި އެވެ. އެކަމަކު ފަސް މިނެޓު ތެރޭގައި ފެންގަނޑު ފައިބައިގެން ދިޔައިރު އަށް މީހުން މަރުވެގެން ދިޔަ އެވެ.

"މި ރަށަކީ ހުޅަނގު ފަރާތަށް އަރިކޮށް އޮންނަ ރަށެއް. ލޮނުގަނޑު މަޑެއް ނުޖެހޭނެ. އެކަމަކު އެހާ އަވަހަށް ސުނާމީގެ ރާޅުގަނޑު ބޮޑުވެފައި ހުރި ފަސް މިނެޓުގެ ތެރޭގައި އަށް މީހުން ދުނިޔެ ދޫކޮށް ދިޔައީ،" ދައުލަތަށް 40 އަހަރު ހިދުމަތްކުރުމަށް ފަހު، ރިޓަޔާކޮށް، ރަށުގައި އަމިއްލަ ފިހާރައެއް ހިންގާ އަލިފުޅު ބުންޏެވެ.

"މިއަދު ހިތަށް އަންނަނީ، ސިފަވެގެން އަންނަނީ 17 އަހަރު ފުރުނަސް އަދި 20 އަހަރު ފުރުނަސް، ހިތަށް އަންނަ ކަހަލަ ހަމަ، ފެންނަ ކަހަލަ އެ ދުވަހުގެ މަންޒަރުތައް. އެ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ކާރިސާގައި މީހުންގެ މުދަލާ، މީހުންގެ ފުރާނައާ، މި ހުރިހާ ކަމަކަށް އެ ލިބުނު ގެއްލުން މިހާރު ވެސް ފެންނަ ކަހަލަ."

ސުނާމީގައި ލ. އަތޮޅުން މަރުވި މީހުންގެ އަދަދު

- ފޮނަދޫ: 4

- ދަނބިދޫ: 2

- މުންޑޫ: 7

- އިސްދޫ: 6

- ކަލައިދޫ: 3

- މައިބައިދޫ: 3

ޖުމްލަ: 25

ލޯ ކުރިމަތީގައި ގޭގެ ވީރާވަނީ

ގޭތެރޭގައި ހުއްޓައި، މަގުމަތިން ހަޅޭކުގެ އަޑު އިވުމުން ބޭރަށް ނުކުތްއިރު ވެސް ފަސް ވަރަކަށް ފޫޓަށް ރާޅު އަރާފައި ހުއްޓެވެ. އެކަމަކު އޭރު ގްރޭޑު ހަތަރެއްގައި ކިޔަވަމުން ދިޔަ އަހުމަދު ޝަފީއު ގޮސް އެރީ އަތިރިމަތީގައި ހުރި ފާރެއްގެ މައްޗަށެވެ.

"ފާރުމަތީގައި ހުއްޓާ ފެނޭ ގޭގޭގެ އެއްޗިއްސާ އެއްޗެހި ފައިބައިގެން ހުޅަނގު ފަރާތު މޫދަށް ދާތަން. ފާރުމަތީގައި ހުއްޓާ ފެނޭ ގޭގެ ވަށާ ފާރު ވެއްޓެމުންދާތަން. އަޅުގަނޑު ހިތަށްއެރީ، އަރައިގެން ހުރި ފާރު ވެސް ވެއްޓިދާނެއޭ. އެހެންވެ ފާރުމަތިން ފުންމާލީ. ހަމަ ފުންމާލިތަނާ ގާތްގަނޑަކަށް މިނެޓެއް ވެސް ނުވާނެ، އެ ފާރު ވެއްޓިއްޖެ. ދެން އެ ތާ ކައިރީގައި ހުރި ރުކެއްގައި ހިފަހައްޓައިގެން ހުރީ،" ޝަފީއު، 27، ބުންޏެވެ.

އޭރު އޭނާ އުޅެމުން ދިޔައީ މަންމަ ފަރާތު މާމަގެ ގޭގަ އެވެ. ނަމަވެސް ސުނާމީއަށްފަހު މާމަމެންނަށް އެ އަތޮޅު ގަމުން ބަދަލު ދިނުމަށްފަހު އެ ގޭ ދައުލަތަށް ވަނީ ނަގައިފަ އެވެ. ވިހައި، އުޅެބޮޑުވި ގޭ ޝަފީއުގެ ލޯ މަތީގައި ވީރާނާވާތަށް ދެކޭކަށް އޭނާއަށް ފަސޭހައެއް ނޫނެވެ.

ޝަފީއު، އޭނާ އުޅެބޮޑުވި ގޭ ކުރިމަތީގައި ހުއްޓިލައިގެން: ބަދަލު ދިނުމަށްފަހު އެ ގޭ ވަނީ ދައުލަތަށް ނަގާފައި.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ޝަފީއު، އޭނާ އުޅެބޮޑުވި ގޭ ކުރިމަތީގައި ހުއްޓިލައިގެން: ބަދަލު ދިނުމަށްފަހު އެ ގޭ ވަނީ ދައުލަތަށް ނަގާފައި.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

"އަސްލު ހޯމް، މި ގެއަކީ. ވަރަށް ހަނދާންވޭ، ވަރަށް ދެރަވޭ މި ތަން މި ގޮތަށް ފެންނަން ހުރީމަ. ކިތައްމެ ބޮޑު ގެއަކަށް ދިޔަސް، ކިތައްމެ ބޮޑު ރަށަކަށް ދިޔަސް އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ގެ މަތިން އަބަދު ވެސް ހަނދާން ހުންނާނެ. ބޭނުމެއް ނުވޭ މި ތަން މިގޮތަށް ހުންނާކަށް. ނަމަވެސް ހާލަތު ހުރިގޮތުން ނެތް އިތުރު ޗޮއިސްއެއް،" ފަޅަށް ހުރި އެ ގޭ ކުރިމަތީގައި ހުރެ، "މިހާރު" އަށް ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.

"ކާރިސާ އަށް 17 އަހަރުވެގެން ދިޔަ ނަމަވެސް ސުނާމީގެ ހަނދާންތައް ހިތަކުން ފިލައިގެން ނުދާނެ. އަބަދު ވެސް އެ ހަނދާންތައް ހުންނާނެ،"

ސުނާމީގައި މާމަމެންގޭ ފާރު ވެއްޓި، އެ ގޭގައި ހިންގަމުން ދިޔަ "ޖަވާހިރު ސްޓޯ" ގައި ހުރި މުދާތައް އޮޔާދިޔަ ނަމަވެސް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.

މަންމަމެންނާއެކު، ރަށުގެ އެހެން ސަރަހައްދެއްގައި އުޅެމުން ދިޔަ ނަމަވެސް ޝަފީއުގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ އެ ގެއަކުން ވަތްކެއް ނުކުރެވޭނެ އެވެ.