Roadha Mihaaru
ގަމަށް ބަދަލުވި އާއިލާތަކަށް 50،000ރ. ދެނީ

މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި އާއިލާތަކަށް 50،000ރ. ގެ އިނާޔަތެއް ދޭން ރައީސް ނިންމަވައިފި

28 ސެޕްޓެމްބަރ 2023

ސުނާމީ ކާރިސާއަށް ފަހު ލ. މުންޑޫ އާއި ކަޅައިދޫން އެ އަތޮޅު ގަމަށް ބަދަލުވި އާއިލާތަކަށް 50،000ރ. ގެ އިނާޔަތެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސުނާމީ ކާރިސާއަށް ފަހު ލ. މުންޑޫ އާއި ކަޅައިދޫން އެ އަތޮޅު ގަމަށް ބަދަލުވި އާއިލާތަކަށް 50،000ރ. ގެ އިނާޔަތެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ގަމު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކި ސަބަބުތަކާ ހެދި ސަރުކާރުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުނަށް ދެމުން އަންނަ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން މުންޑޫ އަދި ކަޅައިދޫން ގަމަށް ބަދަލުވި އާއިލާތަކަށް ހަމަޖެހިފައިނުވާ ކަމުގެ ޝަކުވާ އެ އާއިލާތަކުން ސަރުކާރަށް ހުށަހެޅި ކަމަށެވެ.

އެ ޝަކުވާތަކަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން، ގަމަށް ބަދަލުވި ކޮންމެ ގެއަކަށް 50،000ރ. އިނާޔަތެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައި ބުނީ އެ އިނާޔަތް ބޭނުންވާ އާއިލާތަކުން ކައުންސިލަށް ސިޓީއަކުން އެކަން ހުށަހަޅަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިނާޔަތަށް އެދި ހުށަހަޅާނީ އެ ގެއެއްގެ (މުންޑޫ/ކަޅައިދޫގައި ހުރި ގޭގެ) ވެރިމީހާ ކަމަށާއި ވެރިމީހާ ދުނިޔޭގައި ނެތް ނަމަ ނުވަތަ އެކަމަށް ނުކުޅެދިއްޖެ ނަމަ، ވާރިސުންގެ ތެރެއިން ކޮންމެވެސް އެކަކު ކަމަށް ކައުންސިލުން ބުންޏެވެ.

އެ ފުރުސަތު ހުޅުވާލާނީ އަންނަ މަހު 5 އިން ފެށިގެން އަންނަ މަހު 21 ގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އަދި ކުޑަ އާބާދީއެއް އޮތް މުންޑޫ އާއި ކަޅައިދޫގައި ދިރިއުޅުނު މީހުން 2015 ވަނަ އަހަރު ސަރުކާރުން ވަނީ ގަމަށް ބަދަލުކޮށްފަ އެވެ.