Roadha Mihaaru

ސުނާމީގައި އެހީތެރިޔަކަށް، މިހާރު ވެރިޔަކަށް!

27 ޖެނުއަރީ 2019

އެރި ސުނާމީއާ އެކު ހަމަ އެ ދުވަހުން އެ ދުވަހަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރެއް އުފެއްދި އިރު އެކަން ކުރާނެ އެއްވެސް ގޮތެއް ރޭވިފައެއް ނެތެވެ. އެފަދަ ތަޖުރިބާއެއް އޭގެ ކުރިން ދިވެހިން ކޮށްފައެއް ވެސް ނުވެ އެވެ. އެފަދަ ސެންޓަރެއް ހިންގުން ވީ ހިތާމަވެރި ދަނޑިވަޅެއްގައި ކުރަން ޖެހުނު ބުރަ މަސައްކަތަކަށެވެ. ކުއްލިއަކަށް އުފެއްދި އެ ސެންޓަރުގައި ބުރަކޮށް އުޅުނު މީހުންގެ ތެރޭގައި ސިފައިންގެއިން ފޮނުވި، ލާންސް ކޯޕްރަލް، ހިސާން ހަސަން ހިމެނެ އެވެ. އެދުވަހާ ހަމައަށް އޭނާގެ މަސައްކަތަކީ ސިފައިންގެ ރާޑަރުތައް އޮޕަރޭޓް ކުރުމެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެރި ސުނާމީއާ އެކު ހަމަ އެ ދުވަހުން އެ ދުވަހަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރެއް އުފެއްދި އިރު އެކަން ކުރާނެ އެއްވެސް ގޮތެއް ރޭވިފައެއް ނެތެވެ. އެފަދަ ތަޖުރިބާއެއް އޭގެ ކުރިން ދިވެހިން ކޮށްފައެއް ވެސް ނުވެ އެވެ. އެފަދަ ސެންޓަރެއް ހިންގުން ވީ ހިތާމަވެރި ދަނޑިވަޅެއްގައި ކުރަން ޖެހުނު ބުރަ މަސައްކަތަކަށެވެ. ކުއްލިއަކަށް އުފެއްދި އެ ސެންޓަރުގައި ބުރަކޮށް އުޅުނު މީހުންގެ ތެރޭގައި ސިފައިންގެއިން ފޮނުވި، ލާންސް ކޯޕްރަލް، ހިސާން ހަސަން ހިމެނެ އެވެ. އެދުވަހާ ހަމައަށް އޭނާގެ މަސައްކަތަކީ ސިފައިންގެ ރާޑަރުތައް އޮޕަރޭޓް ކުރުމެވެ.

އެކަމަކު އެ ދުވަހުގެ ފަހުން އޭނާގެ މިސްރާބު ބަދަލުވި އެވެ.

ސުނާމީ އެރުމާ އެކު އެކި ކަންކަމަށް ސިފައިން ބަހާލި އެވެ. ހިސާނަށް ފުރަތަމަ ހަވާލުކުރި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ ދުވަހު އުފެއްދި އެންޑީއެމްސީގެ ނަން ބޯޑް ހެދުމެވެ. ކަރުދާހުގައި އަކުރުތައް ކަނޑައި، އިސްކަންދަރު ސްކޫލް ހޯލުގެ ބޭރުގައި ހަރުކުރީ އޭނާ އެވެ. އެއީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ފެށުމެވެ.

މީގެ 14 އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި އުފެއްދި އެ އިދާރާ، މިހާރު އޮތޯރިޓީއަކަށް ބަދަލުކޮށްފައިވާ އިރު ވެރިއަކަށް އެ ހުންނެވީ އެ ހިސާން އެވެ. ސުނާމީ ކާރިސާ އާއި އޭގެ ފަހުން ކުރިމަތިވި އެކި ކާރިސާތަކުގައި އެހީތެރިވުމަށް އަމަލީ ގޮތުން އޭނާ ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. ޗީފް އެކްޒެކްޓިވް (ސީއީ) އަކަށް މިއަދު އޭނާ އެ ހުންނެވީ އެ ހުރިހާ ތަޖުރިބާއަކާ އެކު އެވެ.

ސުނާމީ އެރި ރަށްރަށެއްގައި މީހުންގެ މައުލޫމާތު ހިސާން އެއްކުރައްވަނީ

ސުނާމީ އެރި ރަށްރަށެއްގައި މީހުންގެ މައުލޫމާތު ހިސާން އެއްކުރައްވަނީ

އެ ދުވަހުގެ މަސައްކަތް ފެށުން

އެންޑީއެމްސީގެ ނަން ބޯޑް ހެއްދެވުމަށް ފަހު ދެން އެ ދުވަހު ހިސާންއާ ހަވާލުކުރީ މުއާސަލާތީ ހިދުމަތް ކެނޑިފައިވާ ރަށްރަށަށް ގުޅައި މައުލޫމާތު އެއް ކުރުމަށެވެ. ބޮޑެތި ރާޅުތަކާ އެކު އެތައް ހާސް ދިވެހިންނެއްގެ ދިރިއުޅުން ވިއްސިވިހާލިވި ދަނޑިވަޅުގައި އޭރު އެންމެންހެން ތިބީ ވާނުވާއެއް ނޭނގޭ ހާލަތެއްގަ އެވެ. ވޯކިޓޯކީއެއްގެ އެހީގައި ހިސާން މައުލޫމާތު އެއްކުރައްވަމުން ދިޔައިރު އެއީ ވެސް ހިތްދަތި ތަޖުރިބާއެކެވެ.

"އެންމެ ފުރަތަމަ މ. ކޮޅުފުށީގެ މައުލޫމާތު ލިބުނީ. އެކޮޅުން ވާހަކަ ދެއްކި މީހާ ބުނީ ނިޔާވެފައިވާ މީހުން ތިބީ ސްކޫލުގައި ބައިތިއްބާފައޭ. ވަރަށް ތުނިތުނިކޮށް ވާރޭ އެބަ ވެހެޔޭ. ރަށުގެ ހުރިހާ ރައްޔިތުން މިތިބީ އޮޑިދޯނި ފަހަރަށް އަރައޭ. ބޯފެނެއް ނެތޭ. ކާއެއްޗެއް ނެތޭ،" އެ ހިތްދަތި ތަޖުރިބާ ހިސާން ކިޔައިދެއްވި އެވެ.

"ދެން ރޮމުން ބުނި މި ރަށަށް ބޯފެނާއި އެހީތެރިކަން ލިބޭނެ ގޮތެއް ހަމަޖައްސައިދޭށޭ."

އެއީ އިންސާނިޔަތަށް އެހީތެރިވުމުގެ ލޭ އޭނާގެ ހަށިގަނޑުގައި ކައްކުވާލި ކަމެކެވެ. ދެން މަސައްކަތް ފެއްޓެވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ދީލަތި ފަރާތްތަކުން ދިން އެހީތައް އިސްކަންދަރު ސްކޫލަށް އެއްކޮށް އެކަންކަން މެނޭޖުކުރުމާ އޭނާ ހަވާލުވެވަޑައިގަތެވެ. އެކަމުގައި، ހިލޭސާބަހަށް މަސައްކަތްކުރި އެތައް ބަޔަކާ އެކު، ފޫހިކަމެއްނެތި ރެއާއި ދުވާހު އުޅުއްވި އެވެ.

ސުނާމީގައި ހާލުގައި ޖެހުނު ރަށްރަށަށް ކުރި ދަތުރުތަކުގެ ތެރެއިން: އެއީ ހިތްދަތި ތަޖުރިބާއެއް

ސުނާމީގައި ހާލުގައި ޖެހުނު ރަށްރަށަށް ކުރި ދަތުރުތަކުގެ ތެރެއިން: އެއީ ހިތްދަތި ތަޖުރިބާއެއް

ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ބަލަން ދިޔަ ޓީމުތަކުގައި ހިމެނިގެން ހުރިހާ ރަށަކަށް ހިސާން ވަނީ ވަޑައިގެންފަ އެވެ. އައްޑިހައަށް ވުރެ ގިނަ ރަށަށް ވަޑައިގެންނެވި އިރު އެ ކާރިސާގެ ގެއްލުންތައް އެންމެ ކައިރިން ދެކެވަޑައިގަތެވެ. މީހުންގެ މައުލޫމާތާއި ގެއްލުންތަކުގެ މައުލޫމާތު އެއްކުރުމަށް ކޮންމެ ރަށެއްގައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ހޭދަކުރެއްވި އެވެ.

"ރަށްރަށުގެ ބަނދަރުތަކާއި ރަށު އޮފީސްތައް ހުރީ ހަލާކުވެފައި. ނިދޭނެ ތަނެއް ނެތް. ކެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެން ދަތުރުތައް ކުރީ ސަފާރީއެއްގައި. ވަރަށް ހާލުން ރަށްރަށަށް ދެވެނީ،" ހިސާން ވިދާޅުވި އެވެ.

"ގޮނޑުދޮށްތަކަށް ކާކުކަން ފާހަގަ ނުވާ މީހުން ލައްގާ. އެ ހަށިގަނޑުތައް ނައްތާލެވޭނެ ގޮތެއް ނެތިގެން އުޅުނުއިރު އަޅުގަނޑު ވަރަށް ކައިރިން އެކަން ދުށިން. އަދި ވަގުތީ ހިޔާތަކުގައި މީހުން ދިރިއުޅެމުން އައި ހާލު ދުށިން. ކޮންޓޭނާތަކުގެ ތެރޭގައި މީހުން އުޅުނުތަން ދުށިން."

އެ ކާރިސާގައި ގެދޮރު ގެއްލި އަލުން ބަލުން ދިރިއުޅުން ފަށަން ޖެހުނު އެތައް އާއިލާއަކަށް މަގު ދެއްކުމުގައި، ހީވާގިކަމާ އެކު އުޅުނު މީހުންގެ ތެރެއިން އެކަކީ ހިސާނެވެ.

ހިސާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: އަހުމަދު ނަޝާތު/މިހާރު

ހިސާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: އަހުމަދު ނަޝާތު/މިހާރު

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އުފެއްދިއިރު އެތަނަށް މުވައްޒަފުން ހަމަޖެއްސީ ސަރުކާރުގެ އެކި އިދާރާތަކުން ނަގައިގެންނެވެ. މަސައްކަތް ކުރީ ވަގުތީ ތަންތަނުގައި އޮފީސް ހަދައިގެންނެވެ. އެގޮތުން އެ އިދާރާ އުފެއްދި ދުވަހުން ފެށިގެންގޮސް 2011 އާ ހަމައަށް ހިސާން އެ ތަނުގައި މަސައްކަތް ކުރެއްވީ ސިފައިންގެ މީހެއްގެ ހައިސިއްޔަތުންނެވެ. އެކަމަކު 2011 ގައި ސިފައިންގެއިން ވަކިވެ އެންޑީއެމްސީގެ ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތެވެ. މިހާރު އޭނާއަކީ އެތަނުގެ ވެރިޔާ އެވެ.

ހުރިހާ ކާރިސާތަކެއްގައި ވެސް އެހީތެރިއެއް

ސުނާމީއަށް ފަހު ރާއްޖޭގައި ހިނގާފައިވާ ހުރިހާ ކާރިސާތަކެއްގައި އެހީތެރިވުމުގެ އެންމެ އިސް ސަފުގައި އޭނާ ވަނީ މަސައްކަތްކުރައްވައިފަ އެވެ. އޭގެ ތެރޭގައި އުދަ އެރުމާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދިމާވި ހާލަތްތަކާއި އަލިފާނުގެ އެތަކެއް ހާދިސާއަކުން ލިބުނު ގެއްލުންތަކުގައި ފޯރުކޮށްދިން އެހީތެރިކަން ހިމެނެ އެވެ.

އޭނާގެ މިއަދުގެ މަސައްކަތް ބިނާވެފައި އޮތީ ހަމައެކަނި ތަޖުރިބާގެ މައްޗަކަށް ނޫނެވެ. ހިސާން މިހާރު ވަނީ އެ ދާއިރާއިން މަތީ ތައުލީމް ވެސް ހާސިލް ކުރައްވައިފަ އެވެ. ޑިޒާސްޓާ މެނޭޖްމަންޓް ކޯހެއް ތައިލެންޑްގައި ހެއްދެވި އިރު ކްރައިސިސް މެނޭޖްމަންޓް ކޯސް ފުރިހަމަކުރެއްވީ އެމެރިކާގެ ހަވާއީގަ އެވެ. މިހާރު އޭނާ ވަނީ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ. އޭގެ ތީސީސް ލިޔުއްވީ ކާރިސާތަކަށް ރަށްރަށުގައި ދިރިއުޅޭ މީހުން ތައްޔާރުވެފައިވާ މިންވަރާ ގުޅޭ ގޮތުންނެވެ.

ބޭރުގައި އޮތް ބައްދަލުވުމެއްގައި ހިސާން އާއި އޭރު އޭނާއާ އެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން

ބޭރުގައި އޮތް ބައްދަލުވުމެއްގައި ހިސާން އާއި އޭރު އޭނާއާ އެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން

ބޮޑު އަޒުމެއްގައި

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގައި ހުންނަވައިގެން ކުރައްވަން ބޭނުންވާ ގިނަ ކަންތައްތަކެއް އަދިވެސް އެބަ ހުއްޓެވެ.

އޭނާގެ އެންމެ ބޮޑު އަމާޒަކީ ކަމެއް ކުރިމަތިވުމުގެ ކުރިން އެކަމަށް ރައްޔިތުން ތައްޔާރު ކުރުވުމެވެ. ރާއްޖެއަކީ ކާރިސާތަކަށް ނާޒުކު ގައުމެއް ކަން ރައްޔިތުންނަށް އަންގައިދީ އަބަދުވެސް ތައްޔާރީ ހާލަތެއްގައި ތިބެން ތަމްރީނު ކުރުމެވެ.

"އެންމެ ބޮޑު ޒިންމާއަކަށް މިވަނީ [ހޭލުންތެރި] މުޖުތަމައުއެއް ބިނާކުރުން. ކުދިކުދި ރަށް ހިމެނޭ ގޮތަށް ހުރިހާ ރަށެއްގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މީހުން ތައްޔާރު ކުރުމާއި މީހުން ބިނާކުރުމާއި އެ ރަށެއްގައި ހުރި މަދު ވަސީލަތް ބޭނުންކޮށްގެން ކާރިސާތަކަށް އިޖާބަދިނުން،" ހިސާން ވިދާޅުވި އެވެ.

އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ އޮތޯރިޓީގެ މީހުންނާއި ބެހެއްޓުމަކީ ވެސް އޭނާގެ އަމާޒެކެވެ.

ފުރަތަމަ ދުވަހު އާދައިގެ ގޮތަކަށް ހެދި ނަން ބޯޑަކުން، ޑިޒާސްޓަ މެނޭޖްމަންޓްގެ ކަންކަމުގައި އުޅުއްވުމުގެ ޝައުގާއި ފޯރި އުފެދުނު ހިސާންގެ ހަޔާތުގެ މުޅި ދަތުރު މިހާރު ބިނާވެފައި އެ އޮތީ އެ ދާއިރާއަށެވެ.