Roadha Mihaaru
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނުނިމޭ ނަމަ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރާނަން: އެޗްޑީސީ

23 ނޮވެމްބަރ 2021

ހިޔާ ފްލެޓުތަކުގެ "ފިނިޝިން" އަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑްގެ ތެރޭގައި އެ މަސައްކަތް ނިންމައިލުވިއްޖެ ނަމަ މުއްދަތު އިތުރުކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހިޔާ ފްލެޓުތަކުގެ "ފިނިޝިން" އަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑްގެ ތެރޭގައި އެ މަސައްކަތް ނިންމައިލުވިއްޖެ ނަމަ މުއްދަތު އިތުރުކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ 850 ޔުނިޓުގައި މިހާރު މީހުން ދިރިއުޅޭއިރު، ބައެއް ފްލެޓުތަކަށް މީހުން ބަދަލުވީ ފިނިޝިންގެ މަސައްކަތް އެއްކޮށް ނުނިމެނީހެވެ. އެ ފްލެޓުތައް ހަވާލުކޮށް، މިހާރު 97 ޕަސެންޓް މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވީ ނަމަވެސް "ފިނިޝިން" ގެ މަސައްކަތް ކުރަން ތަނަވަސްކަން ނެތި ބައެއް މީހުން އެ ތަންތަނުގައި ދިރިއުޅެވޭނެ ގޮތެއް ނެތިފައި އެބަތިއްބެވެ.

އެކަމަކު ގްރޭސް ޕީރިއަޑްގެ ގޮތުގައި މިިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެޗްޑީސީން ފްލެޓްތަކުގެ ވެރިފަރާތްތަކަށް ދިން ތިން މަސް ދުވަސް ނިމި އަންނަ ޖެނުއަރީގައި ކުލި ނަގަން ފަށާނެ އެވެ. އެހެންވެ، ފިނިޝިން އަށް ބޮޑު ހަރަދެއް ކުރަމުން އެ މަސައްކަތް ނުނިމެނީސް ކުލި ދައްކަން ޖެހުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.

އިއްޔެގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި އެކަމާ ބެހޭގޮތުން މެންބަރަކު ސުވާލު ކުރެއްވުމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، ގްރޭސް ޕީރިއަޑް އިތުރު ކުރުމާމެދު ގޮތެއް ނިންމާނީ މިހާރު ދީފައިވާ މުއްދަތު ހަމަވުމުން ކަމަށެވެ. އޭރުން އެ މުއްދަތު އިތުރުކުރުމާ ދޭތެރޭ ގޮތެއް ނިންމައި އެޗްޑީސީގެ މެނޭޖްމަންޓު އަދި ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ގްރޭސް ޕީރިއަޑް ނިމުނީމާ، ޖެނުއަރީގައި އެޗްޑީސީން ބަލާނެ ކޮން ބަޔަކަށްތޯ ފިނިޝިން ނިންމިފައި ހުރީ؟ ކޮންބަޔަކަށްތޯ ނުނިމި ހުރީ؟ ކިހާ ޕަސަންޓޭޖެއް އެބަ އުޅޭތޯ [އިތުރަށް މުއްދަތު ބޭނުންވާ]. ބަލާފައި ދެން އެ އަށް ޑިސިޝަނެއް ނަގާނެ،" އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު ފަހުން "މިހާރު" އަށް ވިދާޅުވި އެވެ.

ޖެނުއަރީގައި ކުލި ނަގަން ނިންމާނީ ފިނިޝިންގެ ކިހާ ޕަސެންޓެއް ނިމިފައި ހުރުމުންތޯ އަދި ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކުގެ މަހު ކުއްޔަށް 7،000ރ އަދި މެއިންޓަނަންސް އަށް 1،000ރ އާ އެކު މަހަކު ޖުމުލަ 8،000ރ ދައްކަން ޖެހޭނެ އެވެ. އެ ކުލި ބޮޑުވެގެން ކުލި 6،500ރ އަށް ކުޑަކުރުމަށާއި ގްރޭސް ޕީރިއަޑް އެއް އަހަރަށް އިތުރު ކޮށްދިނުމަށް ފްލެޓުތައް ލިބުނު މީހުން މި ސަރުކާރުގައި ވަނީ އެދިފަ އެވެ. ފްލެޓުތައް ހަވާލުކުރި އިރު އެއްވެސް ވަރަކަށް ފިނިޝިންގެ މަސައްކަތް ނިންމާފައެއް ނުވެ އެވެ. އެހެންވެ ފިނިޝިން އަށް ފްލެޓު ވެރިން އަތުން ހޭދަވާ ހަރަދުން އެއް ލައްކަ ރުފިޔާ ސަރުކާރުން ދިނުމަށް ވެސް އެ މީހުން އެދުނެވެ.