Roadha Mihaaru
ރާޖޭޝް ކަންނާ އަށް ފިލްމެއް، ޑައިރެކްޓްކުރާނީ ފަރާ

ރާޖޭޝް ކަންނާގެ ވާހަކަ ކިޔައިދޭ ފިލްމެއް، ޑައިރެކްޓް ކުރާނީ ފަރާ

29 ޑިސެމްބަރ 2021

ބޮލީވުޑްގެ ފުރަތަމަ ސުޕަސްޓާ ރާޖޭޝް ކަންނާގެ ވާހަކަ ކިޔައިދޭ ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ފުރަތަމަ ސުޕަސްޓާ ރާޖޭޝް ކަންނާގެ ވާހަކަ ކިޔައިދޭ ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި އަބަދަށް ފެހި އެތައް ފިލްމެއް ބެލުންތެރިންނަށް ދޫކޮށްފައިވާ އެކްޓަރުގެ ބައޮޕިކެއް ހަދާ ވާހަކަ އިއުލާން ކޮށްފައި މި ވަނީ 2012 ގައި މަރުވި އެކްޓަރުގެ 79 ވަނަ އުފަން ދުވަހާ ވެސް ދިމާކޮށެވެ.

ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ފިރިމީހާ އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ބައްޕަގެ އުފަން ދުވަހަކީ ޑިސެމްބަރު، 29 އެވެ. މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ ބަފައިބެގެ ވާހަކަ ކިޔައިދޭ ފިލްމެއް ގެންނަން ނިންމީ "ވީރޭ ދީ ވެޑިން" އާއި "ދަބަންގް 3" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު އެކްޓަރު ނިކިލް ދިވެދީ އެެވެ.

ޝަރަދާ ކަޕޫރާ އެކު "ނާގިން" ޓްރިލޮޖީ ވެސް އިއުލާންކޮށްފައިވާ ޕްރޮޑިއުސަރު ރާޖޭޝް ކަންނާގެ ބައޮޕިކް ހަދަން ނިންމާފައި ވަނީ ލިޔުންތެރިޔާ ގޯތަމް ޗިންތަމަނީގެ ފޮތް "ޑާކް ސްޓާ: ދަ ލޯންލިނެސް އޮފް ބީން ރާޖޭޝް ކަންނާ" އަށް ބިނާކޮށެވެ.

"ރައިޓްސް ހޯދައި މިހާރު މި ދަނީ ފިލްމު ޑައިރެކްޓްކުރަން ފަރާ ޚާނާ މަޝްވަރާކުރަމުން." ނިކިލް ބުންޏެވެ.

އޭނާ ބުނީ ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ކަމަށްވާ ރާޖޭޝް ކަންނާގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސް ދިނުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ފިލްމާ ބެހޭ ގޮތުން ފަރާ ބުނީ އޭނާ ވެސް ހުރީ "ޑާކް ސްޓާ: ދަ ލޯންލިނެސް އޮފް ބީން ރާޖޭޝް ކަންނާ" އާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

ފަރާ، ރާޖޭޝް ކަންނާ އަދި ނިކިލް.

ފަރާ، ރާޖޭޝް ކަންނާ އަދި ނިކިލް.

މީގެ ސްކްރިންޕްލޭ ލިޔާނީ ފަރާ އާއި ގޯތަމް ގުޅިގެންނެވެ. ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ވާހަކައެއް ދައްކަން އަދި ތައްޔާރު ނޫން ކަމަށް ފަރާ ބުންޏެވެ. އޭނަ ކުރިން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "މޭ ހޫ ނާ" އާއި "އޯމް ޝާންތީ އޯމް" އާއި "ހެޕީ ނިއު އިޔާ" ގެ އިތުރުން އަކްޝޭ ކުމާރުގެ "ތީސް މާރު ޚާން" ހިމެނެ އެވެ. ޑައިރެކްޓަރު ރޯހިތުގެ ޝެޓީގެ ފިލްމު ކުންފުންޏަށް ފިލްމެއް ޑައިރެކްޓް ކޮށްދޭން ކުރިން ފަރާ އެއްބަސްވިޔަސް، ފަހުން އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދެކެވެ އެވެ.

ރަޖޭޝް ކަންނާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދާއިރު، އޭނަގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭގޮތުން އަދި ވާހަކައެއް ނުދެކެވެ އެވެ. އެކަމަކު އެއީ ގިނަ ބަޔަކު ބަލަން ބޭނުންވާނެ ކަމެކެވެ. ކާމިޔާބު ފިލްމީ ތަރިއެއްގެ އިތުރުން ރާޖޭޝް ކަންނާ އަކީ އިންޑިއާގެ ސިޔާސީ މައިދާނުގައި މަސައްކަތްކުރި މީހެކެވެ. އެގޮތުން 1992-1996 އަށް އެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޮކް ސަބާގެ މެމްބަރުކަން ކުރި އެވެ. ފިލްމީ އެތައް އެވޯޑެއް ލިބުމުގެ އިތުރަށް އިންޑިއާގައި ތިން ވަނަ އަށް ދޭ އެންމެ މަތީ ޝަރަފު، ޕަދުމާ ބުޝަން ވެސް ލިބުނެވެ.